Roadha Mihaaru
ބިދޭސީއެއްގެ މަރު:ގާތިލު ޖަލަށް، ދިޔަ ދޭން ޖެހިއްޖެ

ބިދޭސީއަކު މަރާލި މީހާ 12 އަހަރަށް ޖަލަށްލައި، 1.3 މިލިއަންގެ މަރުގެ ދިޔަ ދައްކަން ހުކުމްކޮށްފި

24 ފެބުރުއަރީ 2022

ލ. ގަމުގައި ބިދޭސީއަކު މަރާލި މައްސަލާގައި ދިވެއްސަކު 12 އަހަރަށް ޖަލަށްލައި، މަރުގެ ދިޔައަށް 1.3 މިލިއަން ރުފިޔާ ދައްކަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ލ. ގަމުގައި ބިދޭސީއަކު މަރާލި މައްސަލާގައި ދިވެއްސަކު 12 އަހަރަށް ޖަލަށްލައި، މަރުގެ ދިޔައަށް 1.3 މިލިއަން ރުފިޔާ ދައްކަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ބާދްޝާހްމިއާ ނިދާފައި އޮއްވާ 2015 ވަނަ އަހަރު ލަކުޑި ބުރިއަކުން ހަމަލާދީ އޭނާ މަރާލި ކަމަށް ބުނެ ދައުލަތުން ދައުވާކުރީ ލ. ގަން ރެޑްފިޝް، އަލީ ހަމްޒާގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދައުލަތުން ކުރީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކަމަށް ވިޔަސް، އޭނާގެ މައްޗަށް ސާބިތުވީ ގަސްދަކާ ނުލައި މީހަކު މެރުމުގެ ދައުވާ އެވެ. އެއީ މެރުމުގެ ނިޔަތް އޮތްކަން ހެކިތަކުން އެނގެން ނެތުމުންނެވެ. އެކަމަކު އޭނާ މަރުވީ ހަމްޒާގެ އަމަލަކުން ކަމަށްވާތީ ގަސްދަކާ ނުލައި ކުރި ކަމަކުން މީހަކު މަރުވުމުގެ ކުށް ސާބިތުވާ ކަމަށް ކޯޓުން ނިންމި އެވެ.

އިސްލާމީ ޝަރީއަތުގައި ގަސްދަކާ ނުލައި މީހަކު މެރުމުގެ ކުށަށް މަރުގެ އަދަބު ނުދެވޭތީ މަރުގެ ދިޔަ ބޭނުންވޭތޯ ބެލުމަށް ބާދްޝާހްމިއާގެ ވާރިސުންގެ ބަސް ކްރިމިނަލް ކޯޓުން މިއަދު ނެގި އެވެ. ބަންގަލްދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން މެދުވެރިކޮށް އެ މީހުންގެ ބަސް ހޯދުމުން އެ އެންމެން ވެސް މަރުގެ ދިޔަ ބޭނުންވާ ކަމަށް ބުންޏެވެ.

އެހެންވެ، ކްރިމިނަލް ކޯޓުން ހުކުމްކުރީ އޭނާ 12 އަހަރަށް ޖަލަށްލުމާ އެކު، 1.3 މިލިއަން ރުފިޔާގެ މަރުގެ ދިޔަ ތިން އަހަރު ތެރޭގައި ދެއްކުމަށެވެ. އަދި ކައްފާރާގެ ގޮތުން ދެ މަސް ދުވަހުގެ ރޯދަ ހިފުމަށް ވެސް އެންގި އެވެ. އެކަމަކު ހުކުމުގެ މުއްދަތުން ހަމްޒާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރަން ޖެހޭތީ އޭނާ ދެން ޖަލުގައި ތަންފީޒު ކުރަންޖެހޭނީ އަދަބަށް ވުރެ ކުރު މުއްދަތެކެވެ.

މިއަދުގެ އަޑުއެހުމުގައި ހަމްޒާއަށް ވާހަކަ ދައްކަން ފުރުސަތު ދިނުމުން އޭނާ ޝަރީއަތުގައި ހުތުރު އެއްޗެހި ގޮވުމުން އޭނާ 15 ދުވަހަށް ޖަލަށްލާން ވެސް ހުކުމްކުރި އެވެ. އޭނާ ހުތުރު އެއްޗެހި ގޮވީ އޭނާއާ މެދު ބޭ އިންސާފު އަމަލުކުރާ ކަމަށް ބުނެ އަދި ބަންދުގައި ގިނަ ދުވަސްތަކެއް ވަންދެން ބެހެއްޓުމުން އެކަމާ ހިތްހަމަނުޖެހިގެންނެވެ.