Roadha Mihaaru
އައިއެސްގެ ސެލްއެއް ހިންގާ ދިވެއްސަކު ހައްޔަރުކޮށްފި

ރާއްޖޭގައި ހަތް އަހަރު ވަންދެން އައިއެސްގެ ސެލްއެއް ހިންގި ދިވެއްސަކު ހައްޔަރުކޮށްފި

23 ފެބުރުއަރީ 2022

ރާއްޖޭގައި 2015 ވަނަ އަހަރުން ފެށިގެން އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ސެލްއެއް ހިންގަމުން ދިޔަ ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި 2015 ވަނަ އަހަރުން ފެށިގެން އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ސެލްއެއް ހިންގަމުން ދިޔަ ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެމެރިކާގެ އެފްބީއައި އާއި ޔޫރަޕްގެ ތަހުގީގީ އިދާރާތައް ގުޅިގެން ހިންގި އޮޕަރޭޝަނުގައި މިދިޔަ މަހުގެ ހަ ވަނަ ދުވަހު 30 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ވިލިމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ ހޫދު މުހައްމަދު ޒާހިރު ނަމަކަށް ކިޔާ މީހެކެވެ. އޭނާއަކީ އައިއެސްގެ އިސް އޮޕަރޭޓިވެއް ކަމަށް ތުހުމަތުކުރެވޭ ކަމަށް ސީޕީގެ ޓްވީޓުގައި ވިދާޅުވި އެވެ.

ހޫދު ހައްޔަރުކޮށް ފުލުހުން ވަނީ އޭނާއާ ގުޅުން ހުރި ތަންތަން ފާސްކޮށް ގިނަ އަދަދެއްގެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިކަން ވަނީ އެނގިފަ އެވެ. އޭނާ ބޭނުންކުރަމުން އައި ފޯނު ނަންބަރުތަކުން ކޮށްފައިވާ މުއާލަމާތްތައް ހޯދަން ފުލުހުން ކޯޓު އަމުރަކަށް އެދުމުން އެ އަމުރު ނުލިބުމުން ހައި ކޯޓުގައި އިސްތިއުނާފުކޮށް އިއްޔެ ވަނީ އެކަމާ ގުޅޭ އަމުރެއް ވެސް ނެރެފަ އެވެ.

ހަމީދު ވިދާޅުވީ ތުހުމަތުކުރެވޭ މީހާ ދިޔައީ މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން، ޔޫރަޕްގެ ގައުމުތަކަށް ހަމަލާދީ އަދި އެ ގައުމުތަކުގެ ވެރިންނަށް ވެސް ހަމަލާދިނުމަށް ގޮވާލަމުން ކަމަށެވެ.

"...އޭނާ 2015 ވަނަ އަހަރުން ފެށިގެން މިކަންކަން ހިންގަމުން ދިޔައީ ރާއްޖޭގައި، ދިވެހިންގެ ތެރޭގައި އުޅެމުން،" ހަމީދުގެ ޓްވީޓްގައިވެ އެވެ.

"ޓެރަރިޒަމްގެ ބޮޑު މައްސަލައެއްގެ ގޮތުގައި ޕޮލިހާއި އެފްބީއައި އަދި އީޔޫގެ ދެ ގައުމެއްގެ ކަމާބެހޭ އިދާރާތައް ގުޅިގެން އަންނަނީ މިކަން ތަހުގީގުކުރަމުން."

އޭނާ ވިދާޅުވީ މައްސަލައިގެ ތަފްސީލާ އެކު ޕްރެސް ރިލީޒެއް ފަހުން ނެރޭނެ ކަމަށެވެ.