22 ފެބުރުއަރީ 2022
ހުޅުމާލޭގެ މިލްކުވެރިކަން އެޗްޑީސީއަ ށް ދިނުމުގެ ރަޖިސްޓަރީ މާލޭ ސިޓީ ކައުންސިލުން ބާތިލް ކުރުމުގެ ކުރިން ވެސް، އެޗްޑީސީގެ އަތުގައި ސައްހަ ރަޖިސްޓަރީއެއް ނެތް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނުމުން އެޗްޑީސީން ކައުންސިލަށް ބަހުގެ ހަމަލާތަކެއް ހައި ކޯޓުގައި މިއަދު އަމާޒުކޮށްފި އެވެ.
ހުޅުމާލޭގެ މިލްކުވެރިކަން އެޗްޑީސީއަ ށް ދިނުމުގެ ރަޖިސްޓަރީ މާލޭ ސިޓީ ކައުންސިލުން ބާތިލް ކުރުމުގެ ކުރިން ވެސް، އެޗްޑީސީގެ އަތުގައި ސައްހަ ރަޖިސްޓަރީއެއް ނެތް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނުމުން އެޗްޑީސީން ކައުންސިލަށް ބަހުގެ ހަމަލާތަކެއް ހައި ކޯޓުގައި މިއަދު އަމާޒުކޮށްފި އެވެ.
އިދިކޮޅު ޕީޕީއެމްގެ ޖަލްސާއަކަށް އެޗްޑީސީން ހުރަސް އެޅި މައްސަލައެއް ހޫނުވެފައި ވަނިކޮށް މާލޭ ސިޓީ ކައުންސިލުން މިދިޔަ ޑިސެމްބަރު މަހު ވަނީ ހުޅުމާލޭގެ ރަޖިސްޓަރީ ބާތިލްކޮށް، އެޗްޑީސީ އަތުން ހުޅުމާލެ އަތުލައިފަ އެވެ. އެ މައްސަލަ އެޗްޑީސީން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ ކައުންސިލްގެ ނިންމުމަށް އަމަލުކުރުން ފަސްކޮށްފަ އެވެ. ކައުންސިލްގެ ނިންމުން ތަންފީޒުކުރުން ކޯޓުން ހުއްޓުވި މައްސަލަ އެ ކައުންސިލުން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ސިޓީ ކައުންސިލްގެ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވީ އެޗްޑީސީއަށް ސަރުކާރުން ދީފައި އޮތް ހުޅުމާލޭގެ ރަޖިސްޓަރީ އެ ކައުންސިލުން ބާތިލް ކުރުމުގެ ކުރިން ވެސް އެ ރަޖިސްޓަރީއަކީ ސައްހަ ނޫން ރަޖިސްޓަރީއެއް ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި އޭނާ ދެއްކެވީ ހުޅުމާލޭގައި އެހެން ފަރާތްތަކަށް ވިއްކާފައިވާ ބިންތައް ހިމެނޭތީ އެވެ. އެހެންވުމުން އޭނާ ވިދާޅުވީ އެހެން ބަޔަކު ގަނެ، މިލްކު ކޮށްފައިވާ ބިންތައް ހިމެނޭ ގޮތުން މުޅި ހުޅުމާލެއަކީ އެޗްޑީސީގެ މިލްކަކަށް ނުވާނެ ކަމަށެވެ.
"އެ ފަރާތްތަކަށް މިލްކުވެފައިވާ ބިންތަކެއް ހިމެނިގެން ބިމެއްގެ ރަޖިސްޓްރީ ދެމި އޮންނާނެ ގޮތެއް އަޅުގަނޑުމެންނަކަށް ނުވިސްނޭ. ކޮންމެ ބިމަކަށް ވެސް އޮންނާނީ އެންމެ ރަޖިސްޓްރީއެއް، އެންމެ މިލްކުވެރިއެއް ހުންނާނީ،" ޝިޔާޒް ވިދާޅުވި އެވެ.
ޝިޔާޒް ވިދާޅުވި ގޮތުގައި ބިމުގެ ބައެއް އެހެން ފަރާތަކަށް ވިއްކުމުން އެ ބިމުގެ ކުރީގެ ރަޖިސްޓްރީ ބާތިލްވާނެ އެވެ. އަދި ދެން ޖެހޭނީ ވިއްކި ބައި އުނިކުރުމަށްފަހު އަލުން ރަޖިސްޓްރީއެއް ހަދަން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، އޭނާ ވިދާޅުވީ އެޗްޑީސީއަށް ދޫކޮށްފައި އޮތް ހުޅުމާލޭގެ ރަޖިސްޓްރީ ސައްހަ ކަމަށް ކޯޓުން ބަލައިފި ނަމަ، ހުޅުމާލެއިން މީހުން ގަނެފައިވާ ބިންތަކުގެ މިލްކުވެރިކަމާ މެދު ސުވާލު އުފެދޭނެ ކަމަށެވެ.
ރައްދުގައި އެޗްޑީސީގެ ވަކީލް ހުސައިން ސިރާޖް ވިދާޅުވީ މާ ކުރިން ވެސް ހުޅުމާލޭގެ ބިމުގެ ރަޖިސްޓްރީ ބާތިލްވެފައިވާ ކަމަށް ކައުންސިލުން ބުނެލާ ބުނުމަކުން ރަޖިސްޓްރީ ބާތިލްވެފައި އޮތް ކަމަށް ނުނިންމޭނެ ކަމަށެވެ. އަދި ގާނޫނު އޮންނަ ގޮތުން ބިމުގެ މިލްކުވެރިން ހޯދޭނީ ވެސް ނުވަތަ އަތުލެވޭނީ ވެސް ޝަރުއީ މަރުހަލާ މެދުވެރިކޮށް ކަމަށް ވިދާޅުވެ، އޭނާ ވިދާޅުވީ "އެއް ވާހަކައެއް ކިތަންމެ ވަރަކަށް ދެއްކިޔަސް" މާ ކުރިން ރަޖިސްޓްރީ ބާތިލްވެފައި އޮތްކަމަށް ނުބެލެވޭނެ ކަމަށެވެ.
"ވާހަކައެއް ކިތަންމެ ފަހަރަކު ތަކުރާރު ކުރުމަކީ ވެސް އެކަން ހަގީގަތަކަށް ވާނެ ކަމެއް ނޫން،" ސިރާޖް ވިދާޅުވި އެވެ.
މާލޭގެ މޭޔަރު މުއިއްޒު --- ފޮޓޯ/މިހާރު
އޭނާ ވިދާޅުވީ ހުޅުމާލޭގެ ރަޖިސްޓްރީއެއް އެޗްޑީސީއަށް ސަރުކާރުން ދޫކޮށްފައި އޮތުމުން އެ ބިމުގެ މައްޗަށް އެ ކުންފުނީގެ ހައްގެއް އޮތްކަމާ މެދު ސުވާލު އުފެއްދެން ނެތް ކަމަށެވެ. އަދި އެ ރަޖިސްޓްރީއަކީ އެޗްޑީސީން އަމިއްލައަށް އުފައްދައިގެން އުޅޭ ފޯޖް ލިޔުމެއް ކަމަށް ސިޓީ ކައުންސިލަށް ވެސް ބުނެވެން ނޯންނާނެ ކަމަށް ވިދާޅުވެ، ސިރާޖް ވިދާޅުވީ ހުޅުމާލޭގެ ރަޖިސްޓްރީގައި ސޮއި ކޮށްފައި އޮތީ މާލޭ ސިޓީ ކައުންސިލްގެ މިހާރުގެ މޭޔަރު މުހައްމަދު މުއިއްޒު ކަމަށެވެ.
"މާލޭ ސިޓީ ކައުންސިލްގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ރަޖިސްޓްރީގައި ސޮއި ކުރައްވާފައި އޮތީ. އަޅުގަނޑުމެން ކޯޓަށް މި ހުށަހަޅާ ރަޖިސްޓްރީތަކަކީ ފޯޖް، ހަގީގަތާ ޚިލާފް، އޮޅުވާލައިފައި އޮތް ނުވަތަ އަޅުގަނޑުމެން އަމިއްލައަށް ހަދާފައި އޮތް ރަޖިސްޓްރީއެއް ކަމަކަށް އަދި މިހާތަނަކަށް މާލޭ ސިޓީ ކައުންސިލުން ވިދާޅެއް ނުވޭ،" ސިރާޖް ވިދާޅުވި އެވެ.
ސިޓީ ކައުންސިލުން ދެން ފާހަގަކުރި މައްސަލައަކީ އެޗްޑީސީގެ ދަށުގައި ހުޅުމާލެ އޮތުމުން ކައުންސިލްގެ ޒިންމާތަކަށް ހުރަސް އެޅޭތީ އެވެ. ވަކީލް ޝިޔާޒް ވިދާޅުވީ ރަށްރަށުގެ ބަނދަރުތަކާއި އާންމު ތަންތަން ބެލެހެއްޓުމުގެ ޒިންމާ އޮތީ ލާ މަރުކަޒީ ގާނޫނުގެ ދަށުން ސިޓީ ކައުންސިލަށް ކަމަށް ވިޔަސް، އެޗްޑީސީއަށް ހުޅުމާލޭ މިލްކުވެފައި އޮތުމުން އެ ޒިންމާތައް އަދާނުކުރެވޭ ކަމަށެވެ. އެހެންވެ، ސިވިލް ކޯޓުގެ އަމުރުގެ ސަބަބުން ކައުންސިލަށް ލިބޭނެ ގެއްލުން މާ ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނުން ސިޓީ ކައުންސިލްގެ ޒިންމާއަށް އެޗްޑީސީގެ ސަބަބުން ހުރަސް އެޅޭ ކަމަށް ބުނާތީ އެކަމަށް ރައްދު ދެއްވައި، ސިރާޖް ވިދާޅުވީ އޭގެ ހައްލަކީ އެ ކުންފުނީގެ މުދަލެއް ނުހައްގުން އަތުލުން ނޫން ކަމަށެވެ.
"އަޅުގަނޑު ކަންކުރާ ގޮތުން މީހެއްގެ ހައްގަކަށް، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އެއްވެ އުޅުމުގެ މިިނިވަންކަމާއި ވޯޓުލުމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މިފަދަ ކަންތައްތަކަށް ހުރަސް އެޅޭ ނަމަ ގާނޫނު ދައްކާ މަގަކީ އަޅުގަނޑުގެ މުދާ ނަގައި، މުދާ ނައްތާލުމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ހައި ކޯޓުގެ މިއަދުގެ އަޑުއެހުން
ސިރާޖް ވިދާޅުވި ގޮތުގައި ހުޅުމާލޭގެ ބިމެއް އެޗްޑީސީ އަތުން ސިޓީ ކައުންސިލަށް ނެގޭނީ ގާނޫނުއަސާސީގެ 40 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އާންމުވެގެންވާ ފައިދާއަކަށްޓަކައި އަދި ޝަރީއަތް މެދުވެރިކޮށް އަދުލުވެރި ބަދަލެއް ދިނުމަށްފަހު އެވެ. އެކަމަކު ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލް ކުރަން ނިންމީ އެއިން ކަމެއް ނުކޮށް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތަށް އެކަން ކުރެވޭ ނަމަ މީހުންގެ މުދާ ބޭނުން ކޮންމެ އިރަކު ކައުންސިލްތަކަށް އަތުލެވޭނެ ކަމަށް ވެސް ސިރާޖް ވިދާޅުވި އެވެ.
"މިގޮތަށް ލޯކަލް ކައުންސިލްތަކުން ނިންމަންވެއްޖިއްޔާ އޭގެ މާނައަކީ ކޮންމެވެސް ރަށެއްގެ ރަށު ކައުންސިލް އިދާރާއިން ވެސް އެކި މީހުންގެ ނަމުގައި ރަޖިސްޓްރީ ކޮށްފައި ހުރި މުދާ ކޮންމެވެސް ކަހަލަ ވާހަކަތަކެއް ދައްކާފައި، ބަހަނާތަކެއް ދައްކާފައި އެ އިދާރާއަކަށް ފެނުނު ގޮތަކަށް އެ މުދަލެއް ނިގުޅައިގަންނަންވީ،" ސިރާޖް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހުޅުމާލޭގެ ބިމާ ގުޅިގެން ބޭރުގެ އެކި ފަރާތްތަކާ އެ ކުންފުނިން މުއާމަލާތު ކޮށްފައިވާތީ އެ ބިން އަތުލައިފި ނަމަ، އެޗްޑީސީ އަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބުމުގެ ފުރުސަތު އެބައޮތެވެ.
އެޗްޑީސީން ހުށަހެޅި މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ބުނެ މާލޭ ސިޓީ ކައުންސިލުން ސިވިލް ކޯޓުގައި ކުރިން އިޖްރާއީ ނުކުތާއެއް ނެގި އެވެ. އެ ކޯޓުން ނިންމާފައި އޮތީ އެ ނުކުތާ ބަލައިނުގަތުމަށެވެ. ވަގުތީ އަމުރު ނެރުނީ އޭގެފަހުންނެވެ. އެހެންވެ، ސިޓީ ކައުންސިިލުން ހައި ކޯޓުގައި މިއަދު އެދުނީ ސިވިލް ކޯޓަށް އެ މައްސަލަ ބެލޭނެ ކަމާ މެދު ފުރަތަމަ ގޮތެއް ނިންމައިދިނުމަށެވެ.
އެޗްޑީސީން އެކަމަށް ދެކޮޅު ހެދި އެވެ. ވަކީލް ސިރާޖް ވިދާޅުވީ ވަގުތީ އަމުރުގެ މައްސަލައިގެ ތެރެއިން ސިވިލް ކޯޓުގެ އިހްތިސާސާ މެދު ގޮތެއް ނުނިންމޭނެ ކަމަށެވެ. ފަނޑިޔާރުންގެ ބެންޗުން ވެސް ނިންމެވީ އެގޮތަށެވެ. އިޖްރާއީ ނިންމުން އިސްތިއުނާފް ކުރެވޭނީ އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށާއި މި މައްސަލައިގައި އެ ނުކުތާއަށް ގޮތެއް ނުނިންމޭނެ ކަމަށް ބެންޗުން ވިދާޅުވި އެވެ.
އެ މައްސަލަ ހައި ކޯޓުން ބައްލަވާ ބެންޗުން އެންގެވީ ރަޖިސްޓްރީ ބާތިލް ކުރުމުގައި ކައުންސިލުން އަމަލުކުރާ އިޖްރައާތަކީ ކޮބައިތޯ އާއި އެޗްޑީސީއަށް ހަދައިދީފައި އޮތް ރަޖިސްޓްރީގައި "ހުޅުމާލޭގެ ބޮޑު ރަޖިސްޓްރީ" މިހެން އޮތުމުން އޭގެ މާނައަކީ ކޮބައިތޯ ދެން އޮންނަ އަޑުއެހުމުގައި ސާފުކޮށްދިނުމަށެވެ. އަދި ސިޓީ ކައުންސިލްގެ ނިންމުން ވެސް ކޯޓަށް ހުށަހަޅަން ބެންޗުން އެންގެވި އެވެ. މި ހަފުތާގައި ނުވަތަ އަންނަ ހަފުތާގެ ކުރީކޮޅު އިތުރު އަޑުއެހުމެއް ބާއްވާނެ އެވެ.
ފަނޑިޔާރު އަލީ ސަމީރު ރިޔާސަތު ބަލަހައްޓަވާ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލެވެ.
ހުޅުމާލޭ ބިން: އެޗްޑީސީއަށް ހައި ކޯޓުން ވެސް ކާމިޔާބު
ހުޅުމާލޭ ބިމުގެ މައްސަލަ ހައި ކޯޓުން މާދަމާ ނިންމަނީ
"އެޗްޑީސީން އެދުމުން ހުޅުމާލޭގެ ރަޖިސްޓްރީ ހަދައިދޭނެ"
ހުޅުމާލެ އަތުލުން ހުއްޓުވި މައްސަލަ ހައި ކޯޓުން ފަށަނީ
ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކުރި ނިންމުން ހުއްޓުވައިފި
މުނިސިޕަލްހިދުމަތް ފަށަން، ވިޔަފާރި ބިންތައް ދޭން ދަތި
ހުޅުމާލޭ މުނިސިޕަލް ހިދުމަތް ބަދަލުކުރަން މަޝްވަރާކޮށްފި
ހުޅުމާލޭގައި ބުޅާ ފެސިލިޓީ ހެދުމުގެ މަސައްކަތް ފަށައިފި
50 އަށް ވުރެ ގިނަ ބާ އުޅަނދު ނައްތާލައިފި
ވޯޓާތީމް ޕާކް އަތުލުން ހުއްޓުވުމުގެ އަމުރު ބާތިލްކޮށްފި