24 ފެބުރުއަރީ 2022
ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލް ކުރިޔަސް، އެޗްޑީސީން އަލުން އެދެފި ނަމަ ހުޅުމާލޭގެ އާ ރަޖިސްޓްރީއެއް ހަދައިދޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.
ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލް ކުރިޔަސް، އެޗްޑީސީން އަލުން އެދެފި ނަމަ ހުޅުމާލޭގެ އާ ރަޖިސްޓްރީއެއް ހަދައިދޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.
ޕީޕީއެމްގެ ޖަލްސާއެއް ބާއްވަން އެޗްޑީސީން ހުރަސް އެޅި މައްސަލައެއް ހޫނުވެފައި ވަނިކޮށް ޕީޕީއެމްގެ އަޣުލަބިއްޔަތު އޮންނަ މާލޭ ސިޓީ ކައުންސިލުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ އެޗްޑީސީއަށް ހަދައިދީފައި އޮންނަ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކޮށްފަ އެވެ. އެ މައްސަލަ އެެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުގެ ވަގުތީ އަމުރެއްގެ ދަށުން ކައުންސިލްގެ ނިންމުން ތަންފީޒު ކުރުން އޮތީ ހުއްޓުވައިފަ އެވެ.
ވަގުތީ އަމުރު އިސްތިއުނާފް ކުރަން ސިޓީ ކައުންސިލުން ހައި ކޯޓަށް ހުށަހެޅި މައްސަލާގެ މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ރަޖިސްޓްރީ ބާތިލްކުރި ސަބަބެއް ކައުންސިލްގެ ނިންމުމުން ސާފުނުވާ ކަމަށެވެ. ރަޖިސްޓްރީގައި މައްސަލައެއް އޮތީ ކަމެއް ނުވަތަ އެހެން ބޭނުމަކަށް ކައުންސިލަށް ނެގީ ކަމެއް ވެސް ސާފުނުވާ ބެންޗުން ވިދާޅުވި އެވެ
ސިޓީ ކައުންސިލްގެ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވީ ކައުންސިލްގެ ބޭނުމަކީ އެޗްޑީސީގެ މިލްކެއް އަތުލުން ނޫން ކަމަށެވެ. މައްސަލައަކީ އަމިއްލަ މީހުންގެ ބިންތައް ވެސް އެޗްޑީސީގެ ރަޖިސްޓްރީގައި އޮތުން ކަމަށެވެ. އެހެން ބައެއްގެ ބިންތަކެއް އެޗްޑީސީގެ ރަޖިސްޓްރީގައި ނުހިމެނޭނެ ކަމަށް ވިދާޅުވެ، އެ ބިންތައް އުނިކުރުމަށްފަހު ރަޖިސްޓްރީ އަލުން ހަދަން ހުށަހަޅައިފި ނަމަ، އެޗްޑީސީއަށް ރަޖިސްޓްރީ ހަދައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސައްހަ ރަޖިސްޓްރީއެއް ހަދަން ހުށަހަޅައިފިއްޔާ ސިޓީ ކައުންސިލުން ހަދައިދޭނެ. އެއީ އެކަން ކުރާނެ ގޮތް. އެއީ އެ ރަޖިސްޓްރީއަކީ އިސްލާހު ކުރަންޖެހޭ ރަޖިސްޓްރީއެއް ކަމަށް ފާހަގަވެގެން ބާތިލްކޮށްފައި މި އޮތީ. އަދި ސައްހަ މައުލޫމާތު ހުށަހެޅީމަ އާ ރަޖިސްޓްރީއެއް ހަދައިދޭނެ." ޝިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެޗްޑީސީގެ ޒިންމާއަށް ހުރަސް އެޅުން ނުވަތަ އެ ކުންފުނީގެ މިލްކެއް އަތުލުމުގެ ވިސްނުމެއް ސިޓީ ކައުންސިލްގެ ނެތް ކަމަށެވެ.
"އެޗްޑީސީގެ މުދާ ހަމަ އެޗްޑީސީން ބޭނުން ކުރަންވީ. ސިޓީ ކައުންސިލުން އެކަމަށް ހުރަހެއް ނާޅާނެ." ޝިޔާޒް ވިދާޅުވި އެވެ.
ސިޓީ ކައުންސިލުން ބުނިގޮތުގައި ހުޅުމާލޭގެ ބޮޑު ރަޖިސްޓްރީގެ ނަމުގައި އެޗްޑީސީއަށް ސަރުކާރުން ރަޖިސްޓްރީ ހަދަައިދީފައި އޮތީ އެޓާނީ ޖެނެރަލްގެ ލަފައަކަށް ބިނާކޮށެވެ. އެޓާނީ ޖެނެރަލްގެ ލަފާގައިވާ ގޮތުން ރަޖިސްޓްރީ ހަދައިދެނީ ހުޅުމާލެއިން އަމިއްލަ މީހުން ގަންނަ ބިންތައް އެ ރަޖިސްޓްރީން ވަކިކުރާ ގޮތަށެވެ. އަދި ބިމާބެހޭ ގާނޫނު އޮންނަ ގޮތުން ވެސް، ބޮޑު ރަޖިސްޓްރީގެ ނަމުގައި ރަޖިސްޓްރީއެއް ހެދުމަކީ ބިމާބެހޭ ގާނޫނު ދަންނަ ކަމެއް ނޫން ވަކީލް ޝިޔާޒް ވިދާޅުވި އެވެ.
އެޗްޑީސީގެ ވަކީލް ހުސައިން ސިރާޖް ވިދާޅުވީ އެޗްޑީސީއަށް ރަޖިސްޓްރީ ހަދައިދިނީ ހައުސިން މިނިސްޓަރަކަށް މާލޭ ސިޓީގެ މިހާރުގެ މޭޔަރު މުހައްމަދު މުއިއްޒު ކަމަށެވެ. އަދި އެހެން ބައެއްގެ ބިންތަކެއް ހުޅުމާލޭގައި އޮތުމަކީ އެޗްޑީސީއަށް އޮތް ރަޖިސްޓްރީ ބާތިލްވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެޗްޑީސީގެ މިލްކިއްޔާތުގައި އޮތީ ކޮން ބިމެއްތޯ. ހުޅުމާލެއިން ބިން ފަރާތްތަކުގެ މިލްކިއްޔާތުގައި އޮތީ ކޮން ބިމެއްތޯ އެއީ އެއްވެސް ހާލެއްގައި އެއްވެސް ފަރާތަކަށް އޮޅިފައި އޮތް ކަމެއް ނޫން. އެ އޮޅުން އަރައިގެން އެއްވެސް ފަރާތަކުން ޝަރީއަތަކަށް ނުދޭ." އޭނާ ވިދާޅުވި އެވެ.
ސިރާޖް ވިދާޅުވީ އެޗްޑީސީއަށް ރަޖިސްޓްރީ ހަދައިދިން ކަމާ މެދު ސުވާލެއް ނެތްއިރު، ބިން އަތުލެވޭނެ ހަމައެކަނި ގޮތަކީ ކޯޓު މެދުވެރިކޮށް އަދުލުވެރި ބަދަލެއް ދިނުމަށްފަހު ކަމަށެވެ. އަދި ސިޓީ ކައުންސިލަކީ އެ އުސޫލާ ޚިލާފަށް، މީހުންގެ އަމިއްލަ ގޯތި ދައުލަތަށް ނަގަން އުޅުމުގެ ރެކޯޑެއް އޮތް ބައެއް ކަމަށް ވިދާޅުވެ، އޭނާ ދެއްކެވީ މއ. ކިނބިގަސްދޮށުގެ ދައުލަތަށް ނަގަން 2011 ވަނަ އަހަރު ސިޓީ ކައުންސިލުން ނިންމި ނިންމުމަށެވެ. އޭރު އެ ކައުންސިލްގެ މެޖޯރިޓީ އޮތީ އެމްޑީޕީގަ އެވެ.
ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުން --- ފޮޓޯ/މިހާރު
ހުޅުމާލެއަށް ކައުންސިލްގެ ބާރު ހިނގާނެ ކަމަށް ބުނާ ބުނުމަށް ރައްދު ދެއްވައިި، ވަކީލް ސިރާޖް ދެއްކެވީ ލާ މަރުކަޒީ ގާނޫނު އައުމުގެ ކުރިން އެހެން ފަރާތްތަކަށް ދޫކޮށްފައިވާ ބިންތަކާއި މިލްކުވެފައިވާ ތަންތަނުގެ ހައްގުތަކަށް ކައުންސިލްތަކުގެ އިހްތިރާމް ކުރަން ޖެހޭނެ ކަމަށް އެ ގާނޫނުގައި އޮތް މާއްދާއެވެ. އަދި ހުޅުމާލެއަކީ ސިޓީ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ތަނަކަށް ވުމަކީ އެތަނުގައި ހުރި އެޗްޑީސީގެ އަމިއްލަ ބިންތަކަށް ކައުންސިލްގެ ބާރު ހިނގާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ އެ ފަރާތުގެ އިދާރީ ޚިދުމަތްތަކާއި އެ ފަރާތުގެ ޖުޑިސްޓްރިކްޝަން ނުވަތަ ބައުންޑްރީ ދައްކުވައިދޭ ލިޔުމެއް އެއީ." މާލޭ ސިޓީ ކައުންސިލްގެ އިހްތިސާސް ހިނގާ ސަރަހައްދު ދައްކުވައިދޭ ލިޔުމާ ގުޅޭގޮތުން ސިރާޖް ވިދާޅުވި އެވެ.
ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކުރި ނިންމުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބާތިލް ކޮށްފައިވާތީ އެކަން ވެސް ސިރާޖް ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ އެލްޖީއޭގެ ނިންމުން ބާތިލް ކުރަން ކައުންސިލުން އެއްވެސް ތަނަކަށް ހުށަހަޅާފައި ނުވުމަކީ ކައުންސިލްގެ ނިންމުން ގޯސް ކަމަށް ކައުންސިލުން އަމިއްލައަށް ވެސް ގަބޫލުކުރާ ކަމުގެ ހެއްކެއް ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ބެންޗުގެ ގިނަ ސުވާލުތައް ސިޓީ ކައުންސިލަށް އަމާޒުވި އެވެ. އެގޮތުން، ރަޖިސްޓްރީ ބާތިލް ކުރުމުގައި އަމަލުކުރާ އިޖްރައާތަކީ ކޮބައިތޯ ބެންޗުން ސުވާލު ކުރެއްވި އެވެ. ކައުންސިލުން ބުނީ ވަކި އުސޫލެއް މިވަގުތު ނެތަސް، މިހާތަނަށް އަމަލު ކުރަމުން ދިޔައީ ރަޖިސްޓްރީއަށް ބަދަލެއް އައިކަން ކޯޓަކުން އެންގުމުން އެގޮތަށް ބަދަލު ގެނައުން ކަމަށެވެ.
ކައުންސިލްގެ އަމިއްލަ އިސް ނެގުމުގައި އެއްވެސް ރަޖިސްޓްރީއެއް ބާތިލް ކުރިންތޯ ބެންޗުން ސުވާލު ކުރެއްވުމުން ކައުންސިލުން ބުނީ މިހާތަނަށް އެގޮތަށް އަމަލު ނުކުރާ ކަމަށެވެ. އެކަމަކު ހުޅުމާލޭގެ ބިމުގެ ރަޖިސްޓްރީ ބާތިލްކުރީ ހުޅުމާލޭގެ ގިނަ އަދަދެއްގެ ބިންތައް އަމިއްލަ މީހުންގެ ނަމުގައި އޮތުމުން ކައުންސިލުން ބުންޏެވެ.
ބެންޗުގެ ސުވާލުތައް ދެން އަމާޒުވީ ކައުންސިލް ނިންމުން ބިނާވަނީ ލާ މަރުކަޒީ ގާނޫނުގެ ކޮން މާއްދާއަކަށްތޯ ވިދާޅުވެ އެވެ.
"މުޅިން ވެސް ބިން ދޭ ވާހަކަ. ދީފައި ހުރި އެއްޗެއް އަތުލާ ވާހަކަ އެބައޮތްތޯ މިގޮތަށް، މި ބާރުތަކުގެ ތެރެއިން." ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު އަލީ ސަމީރު ސުވާލު ކުރެއްވި އެވެ.
އަނެއްކާވެސް ކައުންސިލުން ބުނީ ބިންތައް އަމިއްލަ މީހުންނަށް މިލްކުވެފައި އޮތުމުން ހުޅުމާލޭގެ ބޮޑު ރަޖިސްޓްރީއަށް ބަދަލު އައިސްފައިވާތީ ކަމަށެވެ.
ރަޖިސްޓްރީ ބާތިލް ކުރަން ހުށަހެޅި ފަރާތެއް ނެތުމުން އެކަން ފަނޑިޔާރުންގެ ބެންޗުން ފާހަގަ ކުރައްވައި، އެއީ ކިހިނެތްވީ ކަމެއްތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.
ކައުންސިލުން ބުނީ އެ ހުށަހެޅުން އައީ ޖަލްސާގެ އެޖެންޑާގެ އެހެނިހެން ކަންތައްތަކުގެ ތެރެއިން ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ ފަރާތުން ކަމަށެވެ.
ހުޅުމާލޭގެ ބޮޑު ރަޖިސްޓްރީ އެޗްޑީސީއަށް ހަދައިދިނީ، ކޮންމެ ފަހަރަކު ބިމެއް ވިއްކުމުން އެ ރަޖިސްޓްރީއަށް ބަދަލު ގެންނަ ގޮތަށްތޯ ސުވާލު ކުރެއްވުމުން ކައުންސިލުން ބުނީ ކޮންމެ ފަހަރަކު ވެސް އެގޮތަށް ބަދަލު ގެންނަންޖެހޭނެ ކަމަށެވެ. އަދި މިހާތަނަށް އެޗްޑީސީން އެ ރަޖިސްޓްރީ ބަދަލު ކުރަން އެދިފައި ނެތް ކަމަށެވެ.
"ހުޅުމާލޭގައި ކުރީގައި ހަދާފައި އޮތް ރަޖިސްޓްރީ ބާތިލްވެގެންދާނެ ކަމަށް ބަލަން ޖެހޭނީ އާ ރަޖިސްޓްރީއެއް (އަމިއްލަ ބިމެއްގެ ރަޖިސްޓްރީ) ހަދާ ކޮންމެ ފަހަރަކު." ވަކީލް ޝިޔާޒް ވިދާޅުވި އެވެ.
ބިމާ ބެހޭ ކަންކަން ނިންމުމުގެ ބާރު ކައުންސިލްތަކަށް ލާ މަރުކަޒީ ގާނޫނު ދިނަސް، އެއްވެސް މީހެއްގެ އަމިއްލަ ބިމަކަށް ނުވަތަ މުދަލަކަށް އޮތް ހައްގެއް ނިގުޅައިނުގަނެވޭނެ ކަމަށް އެ ގާނޫނުގައި އެބައޮތް ނޫންތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.
އަނެއްކާވެސް ކައުންސިލްގެ ޖަވާބަކަށްވީ ހުޅުމާލޭގައި އެތައް ބައެއްގެ އަމިއްލަ ބިންތައް ހުރުމުން މުޅި ރަށުގެ މިލްކުވެރިކަން އެޗްޑީސީއަށް ނުލިބޭނެ ކަމަށެވެ. އެގޮތަށް ބުނުމުން، އެކަން ހައްލު ކުރަން އޭރު ކޯޓަށް ނުދިޔައީ ކީއްވެގެންތޯ ބެންޗުން އެއްސެވި އެވެ.
"މިހާރު ތި އުފައްދާ ޑިސްޕިއުޓް ކޯޓަށް ގެންގޮސްގެން ހައްލު ކުރަން އުޅުނިންތޯ." ފަނޑިޔާރު މުހައްމަދު ނިޔާޒް ސުވާލު ކުރެއްވި އެވެ.
"މި ޑިސްޕިއުޓް އަޅުގަނޑުމެން އޮންނާނީ މިހާރު އެޗްޑީސީން ހުށަހެޅި މައްސަލާގެ ތެރޭގައި ސިވިލް ކޯޓުގައި ހުށަހަޅާފައި." ޝިޔާޒް ވިދާޅުވި އެވެ.
"ރަޖިސްޓްރީ ބާތިލް ކުރުމުގެ ކުރިން އެ އިޖްރައާތު ފުރިހަމަ ކުރިންތޯ." ފަނޑިޔާރު ނިޔާޒް ސުވާލު ކުރެއްވި އެވެ. ޝިޔާޒް ވިދާޅުވީ ކުރިން އެފަދަ މައްސަލައެއް ހުށަހަޅާފައި ނުވާނެ ކަމަށެވެ.
އެޗްޑީސީގެ ވަކީލް ސިރާޖް ވިދާޅުވީ ރަޖިސްޓްރީއެއް ބާތިލް ކުރުމުގެ ބާރު ލާ މަރުކަޒީ ގާނޫނުން ކައުންސިލަށް ނެތް ކަމަށެވެ. އަދި ކައުންސިލްގެ ޒިންމާއަށް ހުރަސް އެޅޭ ނަމަ، އެކަން ހައްލު ކުރެވޭނީ މަޝްވަރާ ގޮސްގެން ނުވަތަ ކޯޓު މެދުވެރިކޮށް ކަމަށް ވިދާޅުވި އެވެ.
"އެޗްޑީސީއާ އެކު ސުލްހަވެރިކޮށް މަޝްވަރާ ކުރައްވާފައެއް ވެސް ނުވޭ. އަދި ޝަރީއަތަކަށް ވެސް ގޮސްފައެއް ނުވޭ. އެހެންވީމަ މާލެ ސިޓީ ކައުންސިލްގެ ތެދު ނިޔަތެއް ވެސް ނެތް." އޭނާ ވިދާޅުވި އެވެ.
ކައުންސިލްގެ ވަކީލުންގެ ތެރޭގައި ހިމެނޭ ވަކީލް އަބްދުﷲ އަލީ ވިދާޅުވީ ރަޖިސްޓްރީ ދަމަހައްޓަން ވަގުތީ އަމުރު ނެރެނުދީފި ނަމަ އެޗްޑީސީއަށް ލިބޭނެ ގެއްލުމެއް ނުދެއްކޭ ކަމަށެވެ. އަދި އެޗްޑީސީން ނެގި ލޯނުތަކެއް ނުދެއްކިދާނެ ކަމުގެ ބިރު އޮތް ކަމަށް ބުންޏަސް، އެއީ ކޮން ލޯނުތަކެއް ކަން އެނގެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލާގެ އަޑުއެހުންތައް ހައި ކޯޓުން މިއަދު ވަނީ ނިންމާލައިފަ އެވެ. އެހެންވެ، ދެން އޮންނާނީ ހުކުމް އިއްވުމެވެ. ފަނޑިޔާރު ސަމީރާއި ފަނޑިޔާރު ނިޔާޒްގެ އިތުރުން އެ މައްސަލަ ބައްލަވާ ބެންޗުގައި ދެން އިންނަވަނީ ފަނޑިޔާރު މުހައްމަދު ފައިސަލެވެ.
ހުޅުމާލޭ ބިން: އެޗްޑީސީއަށް ހައި ކޯޓުން ވެސް ކާމިޔާބު
ހުޅުމާލޭ ބިމުގެ މައްސަލަ ހައި ކޯޓުން މާދަމާ ނިންމަނީ
"ހުޅުމާލޭ ރަޖިސްޓަރީ ބާތިލްވެފައިވާ ކަމަށް ނުނިންމޭނެ"
ހުޅުމާލެ އަތުލުން ހުއްޓުވި މައްސަލަ ހައި ކޯޓުން ފަށަނީ
ހުޅުމާލޭގެ ބިމާގުޅޭ ނިންމުމަށް އަމަލުކުރުން ހުއްޓުވައިފި
މުނިސިޕަލްހިދުމަތް ފަށަން، ވިޔަފާރި ބިންތައް ދޭން ދަތި
ހުޅުމާލޭ މުނިސިޕަލް ހިދުމަތް ބަދަލުކުރަން މަޝްވަރާކޮށްފި
ހުޅުމާލޭގައި ބުޅާ ފެސިލިޓީ ހެދުމުގެ މަސައްކަތް ފަށައިފި
50 އަށް ވުރެ ގިނަ ބާ އުޅަނދު ނައްތާލައިފި
ވޯޓާތީމް ޕާކް އަތުލުން ހުއްޓުވުމުގެ އަމުރު ބާތިލްކޮށްފި