Roadha Mihaaru
ލަންކާގެ ކުޅުންތެރިން ރާއްޖޭގައި ކުޅޭތީ ފައިދާ ކުރާނެ

ރާއްޖޭގައި ލަންކާގެ ކުޅުންތެރިން ކުޅޭތީ ފައިދާ ކުރާނެ: އަލަގިޗް

22 ފެބުރުއަރީ 2022

ދިވެހި ޕްރިމިއާ ލީގުގައި ސްރީ ލަންކާގެ ކުޅުންތެރިން ކުޅުމަކީ ލަންކާގެ ފުޓްބޯޅަ އަށް އޭގެ ފައިދާ ކުރާނެ ކަމެއް ކަމަށް ލަންކާގެ ގައުމީ ޓީމުގެ ކޯޗު ބޮސްނިއާގެ އާމިރު އަލަގިޗް ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ދިވެހި ޕްރިމިއާ ލީގުގައި ސްރީ ލަންކާގެ ކުޅުންތެރިން ކުޅުމަކީ ލަންކާގެ ފުޓްބޯޅަ އަށް އޭގެ ފައިދާ ކުރާނެ ކަމެއް ކަމަށް ލަންކާގެ ގައުމީ ޓީމުގެ ކޯޗު ބޮސްނިއާގެ އާމިރު އަލަގިޗް ބުނެފި އެވެ.

މިހާރު ކުރިއަށްދާ ދިވެހި ޕްރިމިއާ ލީގުގައި ލަންކާގެ ހަތަރު ކުޅުންތެރިޔަކު ކުޅެ އެވެ. އެއީ ކްލަބް ވެލެންސިއާގެ ޑިފެންޑަރު ޑަކްސަން އާއި ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން ރާއްޖޭގެ ލީގަށް ބަދަލުވި ލަންކާގެ ކެޕްޓަން އަދި ގޯލް ކީޕަރު ސުޖަން ޕެރޭރާގެ އިތުރުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ކުޅޭ ޗަމޯދު ދިލްޝަން އާއި މުހައްމަދު އާކިބް ފައިިޒަލް އެވެ.

މިއީ މި ފަހުގެ ތާރީޚުގައި ލަންކާގެ މިހާ ގިނަ އަދެއްގެ ކުޅުންތެރިން ރާއްޖޭގެ ކުޅޭ ފުރަތަމަ ފަހަރެވެ. ރާއްޖެ އަށް ބިދޭސީ ކުޅުންތެރިންގެ ގޮތުގައި އެންމެ ފުރަތަމަ ގެންނަން ފެށީ ލަންކާގެ ކުޅުންތެރިންނެވެ. ވިކްޓަރީ އަށް ގެނައި އެމްޓީ މިސްކީން، ނިހާން، ވެލެންސިއާ އަށް ކުޅުނު ކޮޓުދުރަގެ ލަލިތު، ފަކީރު އަލީ ރޯޝަން ޕެރާރާ އަދި ސާންތާ ކުމާރުގެ އިތުރުން އޭދަށީގެ ޓީމަށް ކުޅުނު ޖަގަތު ރޯހަން އަދި އަމާނުﷲ ފަދަ ކުޅުންތެރިންނަށް ފަހު، ޗަތުރަ މަދުރަންގާ، އަސްމީރު، ސަދުން ދެވިންދާ، ޗަންނަ މެން ފަދަ ކުޅުންތެރިންނަކީ ރާއްޖޭގައި ކުޅުނު ލަންކާގެ ކުރީގެ ޖީލްގެ މަޝްހޫރު ކުޅުންތެރިންނެވެ.

ރާއްޖޭގެ ނިއު ރޭޑިއަންޓްގައި ވެސް ކުރިން މަސައްކަތް ކުރި އަލަގިޗް ބުނީ އޭނާގެ އަމާޒަކީ ގައުމުން ބޭރުގައި ކުޅެވޭނެ ފެންވަރުގެ ކުޅުންތެރިން ލަންކާގައި އުފެއްދުން ކަމަށެވެ. ޔޫރަޕްގައި ކުޅޭ ލަންކާ ދަރިކޮޅުގެ ކުޅުންތެރިންނަށް އަލަގިޗް ވަނީ ގައުމީ ޓީމުން ފުރުސަތު ދީފަ އެވެ. އޭނާ ބުނީ އޭގެ ފައިދާ ލަންކާގެ ފުޓްބޯޅަ އަށް ވަރަށް ބޮޑަށް ކުރި ކަމަށެވެ.

މިދިޔަ އަހަރު އޮކްޓޯބަރު މަހު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި އަލަގިޗް ލަންކާގެ ޓީމަށް އިރުޝާދު ދެނީ: އޭނާ ބުނީ ގައުމުން ބޭރުގައި ކުޅޭ ލަންކާ ދަރިކޮޅުގެ ކުޅުންތެރިންނަށް ފުރުސަތު ދިނުމުން ފައިދާކުރި ކަމަށް. -- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

މިދިޔަ އަހަރު އޮކްޓޯބަރު މަހު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި އަލަގިޗް ލަންކާގެ ޓީމަށް އިރުޝާދު ދެނީ: އޭނާ ބުނީ ގައުމުން ބޭރުގައި ކުޅޭ ލަންކާ ދަރިކޮޅުގެ ކުޅުންތެރިންނަށް ފުރުސަތު ދިނުމުން ފައިދާކުރި ކަމަށް. -- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

"ހަމަ އެގޮތަށް އަހަރެމެންގެ ކުޅުންތެރިން ރާއްޖޭގައި ކުޅުމަކީ ވެސް ލަންކާގެ ފުޓްބޯޅަ އަށް ފައިދާ ކުރާނެ ކަމެއް،" ފުޓްބޯލް ސްރީ ލަންކާގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު ވެސް އަދާކުރާ އަލަގިޗް "މިހާރު" އަށް ބުންޏެވެ.

"ކޮންމެ ގޮތެއް ވިޔަސް ރާއްޖޭގެ ލީގަކީ ލަންކާގެ ސުޕަ ލީގަށް ވުރެ ވަރުގަދަ ލީގެއް. އަހަރެން ދެކެން ބޭނުން އަހަރެމެންގެ ކުޅުންތެރިންނަށް އިންޑިއާ އާއި ބަންގްލަދޭޝްގެ ލީގުން ފުރުސަތު ލިބޭތަން ދެކެން ވެސް. ގިނަ އަދަދެއްގެ ކުޅުންތެރިން ބޭރުގެ ލީގުތަކުގައި ކުޅޭ ވަރަކަށް ގައުމީ ޓީމު ވަރުގަދަވާނެ."

އޭނާ ބުނީ ލަންކާގެ ލީގަކީ ވެސް ސަރަހައްދުގެ ފުޓްބޯޅައިގައި ވަރުގަދަ ލީގަކަށް ވާން ދެތިން އަހަރު ނަގާނެ ކަމަށެވެ.

"އަހަރެން އުންމީދު ކުރަނީ އަހަރެމެންގެ ކުޅުންތެރިން ބޭރުގެ ލީގުތަކުގައި ކުޅެގެން ކުރިއެރުން ހޯދާނެ ކަމަށް. އަދި އެ ކުޅުންތެރިން ފިޓްކޮށް ތިބުމަކީ އަހަރެން ބޭނުންވާ ގޮތް."

ޑިސެމްބަރު މަހު ލަންކާގައި ބޭއްވި މަހިދަ ރާޖަޕަކްސަ މުބާރާތުގެ ފައިނަލަށް، އަލަގިޗުގެ ކޯޗުކަމުގެ ދަށުން ލަންކާ ދަތުރު ކުރި އެވެ. އެ މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެއިން ހަތަރު ލަނޑުގެ ލީޑެއް ނަގައިފައިވަނިކޮށް ލަންކާ އިން ވަނީ ދެވަނަ ހާފުގައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.