Roadha Mihaaru

ހަތް ރަށެއްގައި 770 ހައުސިން ޔުނިޓް އަޅަން ބަޔަކު ހޯދަނީ

ޑިޒައިން އެންޑް ބިލްޑް އުސޫލުން، ހަތް ރަށެއްގައި 720 ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ހަތް ރަށެއްގައި 770 ފްލެޓް އަޅަން ބަޔަކު ހޯދަނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

20 ފެބުރުއަރީ 2022

ޑިޒައިން އެންޑް ބިލްޑް އުސޫލުން، ހަތް ރަށެއްގައި 720 ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

މިމަހުގެ އެކި ދުވަސް މަތިން ފިނޭންސް މިނިސްޓްރީން އިއުލާންކުރީ، ހދ. ކުޅުދުއްފުށި، ޅ. ހިންނަވަރު، ށ. މިލަންދޫ، ނ. މަނަދޫ، ނ. ހޮޅުދޫ، ލ. ގަމު އަދި ގއ. ވިލިނގިލިގައި ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދާށެވެ.

އެ ރަށްތަކުގައި ހައުސިން ޔުނިޓް އެޅުމަށް ޝަައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މި ބީލަމުގައި ބައިވެރިވެވޭނީ ޕްލޭނިން މިނިސްޓްރީގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެ މަތިން ރަޖިސްޓަރީ ކޮށްފައިވާ މީހުންނަށް އެކަންޏެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ 500ރ. ގެ ނޮން ރިފަންޑަބަލް ފީއެއް ދައްކައިގެންނެވެ.

ހަތް ރަށުގައި ހައުސިން ޔުނިޓް އަޅަން ނިންމާފައިވާ އަދަދު:

ހދ. ކުޅުދުއްފުށި - 400 (2.1 މިލިއަން ރުފިޔާ ބިޑް ސެކިއުރިޓީއަށް ހުށަހަޅަން ޖެހޭ)

ށ .މިލަންދޫ - 50 (254,000ރ. ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހޭ)

ނ. ހޮޅުދޫ - 30 (153,000ރ. ބިޑް ސެކިއުރިޓީ)

ނ. މަނަދޫ - 40 (204،000ރ. ބިޑް ސެކިއުރިޓީ)

ޅ. ހިންނަވަރު - 100 ( 500،000ރ ބިޑް ސެކިއުރިޓީއަށް ހުށަހަޅަން ޖެހޭ)

ލ. ގަމު - 100 (510,000ރ ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހޭ)

ގއ. ވިލިނގިލި - 50 (254,000ރ. ބިޑް ސެކިއުރިޓީ)

މީގެ ތެރެއިން މިލަންދޫ އާއި ގަމާއި ހޮޅުދޫ އަދި ކުޅުދުފުއްޓާއި ވިލިނގިލީގައި މަޝްރޫއު ހިންގަން ބޭނުންވާ ފަރާތްތަކަށް އަންނަ މާޗު މަހުގެ 3 ވަނަ ދުވަހު ބީލަން ހުށަހެޅޭނެ އެވެ. އެ ދުވަހު ބީލަން ހުޅުވުން އޮންނާނީ ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާގެ ޖަލްސާކުރާ މާލަމުގަ އެވެ.

ތޮއްޖެހުން ބޮޑު ޅ. ނައިފަރުގައި އިމާރާތްކުރި 100 ފްލެޓުގެ މަސައްކަތް ނިންމައި ސަރުކާރުން ވަނީ އެތަންތަން ކައުންސިލާ ހަވާލުކޮށްފަ އެވެ.