Roadha Mihaaru
މިސްރުގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ކްރިސްޓިއަނެއް

މިސްރުގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ކްރިސްޓިއަނެއް

10 ފެބުރުއަރީ 2022

މިސްރުގެ އެންމެ މަތީ ދުސްތޫރީ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ރައީސް (އުއްތަމަ ފަނޑިޔާރު)ގެ މަގާމަށް، ފުރަތަމަ ފަހަރަށް ގިބްތީ ކްރިސްޓިއަނެއް އިއްޔެ އައްޔަންކުރައްވައިފި އެވެ.

މިސްރުގެ އެންމެ މަތީ ދުސްތޫރީ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ރައީސް (އުއްތަމަ ފަނޑިޔާރު)ގެ މަގާމަށް، ފުރަތަމަ ފަހަރަށް ގިބްތީ ކްރިސްޓިއަނެއް އިއްޔެ އައްޔަންކުރައްވައިފި އެވެ.

މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީގެ ރިއާސީ ގަރާރަކުން އިއްޔެ އެ މަގާމަށް އައްޔަން ކުރެއްވީ، ދުސްތޫރީ ކޯޓުގެ ފަނޑިޔާރު ޕޯލްސް ފަހްމީ، 65، އެވެ. އޭނާއަކީ 1969 ވަނަ އަހަރު މިސްރުގެ ދުސްތޫރީ ކޯޓު ގާއިމުކުރި ފަހުން، އުއްތަމަ ފަނޑިޔާރުގެ މަގާމު ފުރުއްވާ 19 ވަނަ ފަނޑިޔާރެވެ.

މިސްރުގެ ކޯޓުތަކާ ބެހޭ ގާނޫނު ބުނާ ގޮތުން، އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރަންވާނީ، އެވަގުތަކު ދުސްތޫރީ ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ ތެރެއިން އުމުރުން އެންމެ ދޮށީ ފަނޑިޔާރެކެވެ. އެ ގޮތުން މިވަގުތު އެ ކޯޓުގައި ތިއްބެވި 15 ފަނޑިޔާރުންގެ ތެރެއިން އެންމެ ދޮށީ ބޭފުޅަކީ ޕޯލްސް އެވެ.

ޕޯލްސް އެ މަގާމަށް އައްޔަންކުރެވީ، މީގެ ކުރިން އެ މަގާމުގައި ހުންނެވި ސައީދު މަރާއީ، ސިއްހީ އުޒުރުތަކަކަށްޓަކައި މަގާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. ދުސްތޫރީ ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު 2014 ވަނަ އަހަރުން ފެށިގެން ފުރުއްވަމުން ގެންދަވާ ޕޯލްސް، އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރުމާ ގުޅިގެން، ގިނަ ބަޔަކު ދަނީ އެކަމަށް މަރުހަބާ ކިޔަމުންނެވެ.

މުސްލިމުންގެ އަގުލަބިއްޔަތު އޮތް ގައުމެއްގެ އެންމެ މަތީ ފަނޑިޔާރުގެ މަގާމަށް ކްރިސްޓިއަނެއް ހަމަޖެއްސުމަކީ، އެ ގައުމުގައި ދީނީ ހަމަޖެހުން ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ބައެއް ނޫސްތަކުން ސިފަ ކުރެ އެވެ. ނަމަވެސް ބައެއް ނޫސްތަކުން ބުނާ ގޮތުގައި، ޕޯލްސް ފަހްމީ އެ ގައުމުގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރުމަކީ، ދައުލަތުގެ މަގާމުތަކަށް މީހުން އައްޔަންކުރުމުގައި، ސަރުކާރުން ގެންގުޅެމުން އައި ކްރިސްޓިއަނުން ބާކީކުރުމުގެ ސަގާފަތަށް ނިމުމެއް އައީ ކަމުގައި ގަބޫލެއް ނުކުރެވެ އެވެ.

މިސްރުގެ އާބާދީގައި 102 މިލިއަން މީހުން ހިމެނޭ އިރު، އޭގެ ތެރެއިން ކްރިސްޓިއަނުންގެ ނިސްބަތަކީ އެންމެ 10 ޕަސެންޓެވެ. ދައުލަތުގެ މަގާމުތަކުގައި ތިބި މީހުންގެ އަދަދާއި އެމީހުންގެ ދީނީ އަގީދާ އަށް ބަލާއިރު، ދައުލަތުގެ ވަޒީފާތަކުގައި ތިބި ކްރިސްޓިއަނުންގެ ނިސްބަތަކީ އެންމެ 2 ޕަސެންޓަށް ވުރެ މަދު އަދަދެކެވެ.

މިސްރުގެ ރައީސްގެ މަގާމާ 2014 ވަނަ އަހަރު ސީސީ ހަވާލުވެވަޑައިގަތުމަށް ފަހު، މުސްލިމުންނާއި ކްރިސްޓިއަނުންނާ ދެމެދު މަދުން ނަމަވެސް ހިނގާ ހަމަނުޖެހުންތައް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެ އެވެ. އެ ގައުމުގެ ކްރިސްޓިއަނުން ގަބޫލުކުރާ ގޮތުގައި ރައީސް ސީސީއަކީ ހަރުކަށި އިސްލާމީ ފިކުރުގެ މީހުންގެ ޓެރަރިސްޓް ހަމަލަތަކުން ކްރިސްޓިއަނުން ހިމާޔަތް ކޮށްދެއްވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާ ބޭފުޅެކެވެ.