Roadha Mihaaru
ޕެނަލްޓީ ޖަހައިގެން ޔޫވީ ބަލިކޮށް ސަސް ފައިނަލަށް

ޕެނަލްޓީ ޖަހައިގެން ޔޫވީ ބަލިކޮށް ސަސް ފައިނަލަށް

10 ފެބުރުއަރީ 2022

އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 3-2 އިން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 3-2 އިން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

މި އަހަރުގެ ޔޫތު މުބާރާތުގެ ފައިނަލް އަންނަ އާދިއްތަ ދުވަހު ފ. ނިލަންދޫ ޓާފް ދަނޑުގައި ކުޅެން ހަމަޖެހިފައި ވާއިރު، ސަސް އާ ދެކޮޅަށް ފައިނަލުގައި ނުކުންނާނީ އިއްޔެ ހަވީރު ސެމީގެ ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް ބަލިކުރި ކްލަބް އީގަލްސް އެވެ.

ރޭ ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ ހާފު ނިމުނުއިރު ވެސް ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ޖެހިފައި ނުވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ސަސްގެ ހީރޯ އަކަށް ވީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނު އެޓީމުގެ ކެޕްޓަން އަދި ގޯލްކީޕަރު ޔޫސުފް މީސަމް އަބްދުﷲ އެވެ. މީސަމް ވަނީ ޝޫޓައުޓްގައި ޔޫވީން ފޮނުވާލި ތިން ޕެނަލްޓީ މަތަކޮށްފަ އެވެ.

އެންމެ ފުރަތަމަ ޕެނަލްޓީ ޔޫވީގެ ޒައިޝަން ޔޫސުފް ފޮނުވާލުމުން ކީޕަރު މީސަމް ދިފާއު ކުރިއިރު، ސަސްގެ ސާލިފް ހުސެއިން ފޮނުވާލުމުން ދިފާއުކުރީ ޔޫވީގެ ކީޕަރު އަލީ ޝައިބާން އެވެ. ޔޫވީގެ ދެވަނަ ޕެނަލްޓީ ކެޕްޓަން މުހައްމަދު ޒައިން ސުޖާއު ފޮނުވާލުމުން ވެސް ކީޕަރު މީސަމް މަތަކުރި އެވެ. އޭގެ ފަހުން އިޝް އާފް މުހައްމަދު ފިރާގު ސަސްގެ ދެވަނަ ޕެނަލްޓީ ކާމިޔާބު ކުރިއިރު، ޔޫވީގެ ތިންވަނަ ޕެނަލްޓީ ލަމާން ޒުހައިރު ވަނީ ކާމިޔާބު ކޮށްފަ އެވެ.

މީސަމް ޕެނަލްޓީ ޝޫޓައުޓުގައި ޔޫވީގެ ތިބްޔާން ޖެހި ޕެނަލްޓީ މަތަކުރަނީ.-- ފޮޓޯ: އެފްއޭއެމް

މީސަމް ޕެނަލްޓީ ޝޫޓައުޓުގައި ޔޫވީގެ ތިބްޔާން ޖެހި ޕެނަލްޓީ މަތަކުރަނީ.-- ފޮޓޯ: އެފްއޭއެމް

އަހުމަދު އައިހަމް މޫސާ ސަސްގެ ތިންވަނަ ޕެނަލްޓީ ފޮނުވާލުމުން ދިޔައީ އަރިމަތިން ބޭރަށެވެ. ޔޫވީގެ ހަތަރުވަނަ ޕެނަލްޓީ ޒަހުވާން މުހައްމަދު ފޮނުވާލުމުން ކީޕަރު މީސަމް މަތަކުރި ނަމަވެސް އޭނާ ގޯލް ލައިނަށް ވުރެ ކުރިޔަށް ނުކުމެ ހުރުމުން، ޒަހުވާނަށް އަލުން ޕެނަލްޓީ ޖަހަން ރެފްރީ އެންގުމުން، އޭނާ އަލުން ފޮނުވާލި ޕެނަލްޓީ ކާމިޔާބު ކުރި އެވެ.

ސަސްގެ ހަތަރުވަނަ ޕެނަލްޓީ 23 ވިޝާހު ކާމިޔާބު ކުރިއިރު، މީސަމް ވަނީ ތިބްޔާން އަލީ ސައީދު ފޮނުވާލި ޔޫވީގެ ފަސްވަނަ ޕެނަލްޓީ ވެސް މަތަކޮށްފަ އެވެ. ސަސް ފައިނަލުގެ ޖާގަ ހޯދީ އެޓީމުގެ ފަސްވަނަ ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. މި ޕެނަލްޓީ ފޮނުވާލީ އަލީ ޒާލިފް އެވެ. ވާތު ފައިން އޭނާ ފޮނުވާލި ބޯޅަ ވަނީ ގޯލު ދާގަޑު މަތީ ކަނުގައި ތަތްކޮށްލައިފަ އެވެ.

ސަސްގެ ކުޅުންތެރިއަކަށް ޔޫވީގެ ކުޅުންތެރިއަކު ރޭގެ މެޗުގައި ހުރަސް އަޅަނީ. --މިހާރު ފޮޓޯ:ފަޔާޒް މޫސާ

ސަސްގެ ކުޅުންތެރިއަކަށް ޔޫވީގެ ކުޅުންތެރިއަކު ރޭގެ މެޗުގައި ހުރަސް އަޅަނީ. --މިހާރު ފޮޓޯ:ފަޔާޒް މޫސާ

މިއީ މިދިޔަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ ޒުވާން ޓީމު ޔޫތު މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ގުރޫޕް ސްޓޭޖުގައި ސަސް ހިމެނުނީ މުބާރާތުގެ ފައިނަލުގައި އެއްކޮޅުން ވާދަކުރާ އީގަލްސްއާ އެއް ގުރޫޕެއްގަ އެވެ. އީގަލްސް ގުރޫޕުގެ އެއްވަނަ ހޯދިއިރު ސަސް ވަނީ ގުރޫޕުގެ ދެވަނަ ހޯދައި، މުބާރާތުގައި އަލަށް ވާދަކޮށް ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ.

ގުރޫޕް ސްޓޭޖު ފުރަތަމަ މެޗުގައި 1-0 އިން އީގަލްސް އަތުން ބަލިވި ނަމަވެސް ދެން ކުޅުނު ތިން މެޗުން ވެސް ސަސް ވަނީ މޮޅުވެފަ އެވެ. މާޒިޔާ އާއި ގްރީން ސްޓްރީޓްސް އަދި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު ކޮޅަށް ޖުމަލަ 11 ލަނޑު ޖެހިއިރު، ބައިކޮޅަށް އެންމެ ގޯލެއް ވެސް ނުވަދެ އެވެ. ސަސްގެ އިތުރުން އީގަލްސް ވެސް ފައިނަލުން ޖާގަ ހޯދިއިރު ބައިކޮޅަށް އެންމެ ގޯލެއް ވެސް ވަދެފައެއް ނުވެއެވެ.