Roadha Mihaaru
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހް ނިންމަނީ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހް ނިންމުން އެޖެންޑާކޮށްފި

09 ފެބުރުއަރީ 2022

އެމްޑީޕީން 2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ވޯޓު ނެގުން ބާއްވާނެ ތާރީހެއް މާދަމާ އޮންނަ ގައުމީ މަޖިލީހުގެ ޖަލްސާގައި ނިންމަން އެޖެންޑާކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްޑީޕީން 2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ވޯޓު ނެގުން ބާއްވާނެ ތާރީހެއް މާދަމާ އޮންނަ ގައުމީ މަޖިލީހުގެ ޖަލްސާގައި ނިންމަން އެޖެންޑާކޮށްފި އެވެ.

އިސްކަންދަރު ސްކޫލްގައި މާދަމާ ރޭ 8:30 ގައި ބާއްވާ އެ ޖަލްސާގައި ފަސް އިންތިހާބެއް ބޭއްވުމާ މެދު މަޝްވަރާކުރަން ނިންމާފައިވެ އެވެ. ރިޔާސީ ޕްރއިމަރީގެ އިންތިހާބު ބާއްވާނެ މުއްދަތެއް ނިންމުން އެޖެންޑާކޮށްފައި ވަނީ އޭގެ ތެރޭގަ އެވެ.

ރިޔާސީ ޕްރައިމަރީގެ އިތުރުން ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ އިންތިހާބާއި ޗެއާޕާސަންގެ އިންތިހާބާއި އަންހެނުންގެ ރޫހުގެ އިންތިހާބުގެ އިތުރުން ޒުވާނުންގެ ހިތްވަރުގެ އިންތިހާބުގެ ތާރީހް ކަނޑައަޅާނެ އެވެ.

ރިޔާސީ ޕްރައިމަރީއާ މެދު ގޮތެއް ކަނޑައެޅުން މާދަމާ ރެ އަށް ޝެޑިއުލްކޮށް މެމްބަރުންނަށް ވަނީ އެޖެންޑާ ފޮނުވައިފަ އެވެ.

ރައީސް ކަމުގެ ދެ ވަނަ ދައުރަކަށް ކުރިމަތިލައްވަން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނުކުމެވަޑައިގަންނަވާނެ ކަމެއް މިހާތަނަށް އިއުލާނެއް ނުކުރައްވަ އެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ދެ ބޭފުޅުން ކުރިމަތިލައްވައިފި ނަމަ އެއީ އެމްޑީޕީގައި ބޭއްވޭނެ އެންމެ ވާދަވެރި އިންތިހާބަށް ވާނެ އެވެ.

ރިޔާސީ ޕްރައިމަރީ ބާއްވާނެ ވަކި މުއްދަތެއް އެމްޑީޕީގެ އަސާސީ ގަވާއިދުގައި ސާފުކޮށް ބަޔާންކޮށްފައެއް ނުވެ އެވެ. އެންމެ ފަހުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ކަނޑައެޅުން އޮތީ 30 ޖޫން، 2018 ގައި އއ. އުކުޅަހުގަ އެވެ.

ރިޔާސީ ކެންޑިޑޭޓަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައެޅީ ރިޔާސީ ޕްރައިމަރީގެ ބަދަލުގައި އެމްޑީޕީގެ ހާއްސަ ކޮންގްރެސްގަ އެވެ. އަސާސީ ގަވާއިދަށް އިސްލާހު ގެނެސް އެގޮތަށް ނިންމީ ނަޝީދަށް އޭރު އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާ ހެދި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ފުރުސަތު ބަންދުވެފައި އޮތުމުންނެވެ.

އޭގެ ކުރިން އޮންނަ ގޮތުން ނަމަ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅަން ޖެހޭނީ ޕާޓީގެ މެމްބަރުންގެ މެދުގައި ބާއްވާ ޕްރިމަރީއެއްގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވާ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި މިހާރުގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދަު ބައިވެރިވެވަޑައިގަންނަވަނީ  -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވާ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި މިހާރުގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދަު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: މަޖިލިސް

ދެން އޮންނަ ރިޔާސީ އިންތިހާބަކަށް އެމްޑީޕީން ބާއްވާ ރިޔާސީ ޕްރައިމަރީއާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކަށް ވުރެން ނަޝީދު މިހާތަނަށް އިސްކުރައްވާފައި ވަނީ ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅާލަން ގެންގުޅުއްވާ ވިސްނުންފުޅެވެ. ރިޔާސީ އިންތިހާބު 2023 ގައި ނުބާއްވައި ބަރުލަމާނީ ނިޒާމަށް ބަދަލުވުމަށް ވެސް އެމަނިކުފާނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުއްވި އެވެ.

އެކަމަކު އެމަނިކުފާނު ވިދާޅުވަމުން ގެންދަވަނީ ނިޒާމުގެ ވޯޓަށް ވުރެން މުހިއްމީ ފަސް އަހަރުގެ ދައުރަށް ވެވަޑައިގަތް ވައުދު ފުއްދެވުން ކަމަށެވެ. އެންމެ އިސްކަމެއް ދެއްވާނީ އެ މަގުން ކުރިއަށް ވަޑައިގަތުމަށް ކަމަށް ވިދާޅުވިޔަސް ކޯލިޝަން ޕާޓީތަކާ އެކު އެ ކަމުގައި ވާހަކަ ދައްކައިގެން ގޮތެއް ނިންމެވުމަށް އެންމެ ފަހުން ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވި ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.

މި މަޝްވަރާތައް ޕާޓީތަކާ އެކު ކުރެއްވި ނަމަވެސް ކާމިޔާބެއް ނުވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ނަޝީދުގެ ފޮނުއްވި މެސެޖެއްގައި ވިސްނުންފުޅު ހާމަކުރައްވަމުން ވިދާޅުވެފައި ވަނީ ބަރުލަމާނީ ނިޒާމެއް ގެނައުމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނަގާނީ މި އަހަރުގެ ނޮވެމްބަރުގައި ކަމަށެވެ. އެކަމަކު ނިޒާމަށް ވެރިކަން ބަދަލުކުރާނީ ރިޔާސީ އިންތިހާބު އޮންނަ 2023 ވަނަ އަހަރުގައި ކަމަށް އެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.

އެމަނިކުފާނު އޭރު ވިދާޅުވީ 2023 ގައި ބަރުލަމާނީ ނިޒާމުގެ މަސައްކަތް ފަށަން ބޭނުންފުޅުވާ އެއް ސަބަބަކީ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ވާދަކުރައްވަން ބޭނުން ނުވުމެވެ. "ބޭފުޅުން ވިސްނަވާ. ރައީސުލްޖުމްހޫރިއްޔާ އާއި އަޅުގަނޑާ ވާދަކުރާ ޕްރައިމަރީއެއް ނުވަތަ އިންތިހާބަކަށް ވުރެން މި ގޮތް ރަނގަޅުވާނެ ކަމަށް ފެންނަނީ." ނަޝީދު ވިދާޅުވި އެވެ.

މި ފަހުން ވެސް އެމަނިކުފާނު މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އިންޑިއާގެ "ދަ ހިންދޫ"އަށް ދެއްވި އިންޓަވިއުއެއްގައި، ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނަންތޯ ދެންނެވުމުން ވިދާޅުވީ، އެއީ އަބަދު ވެސް ގެންގުޅުއްވާ، ބަދަލެއް ނާންނަ ވިސްނުމެއް ކަމަށެވެ. އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ވާދަކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވެެފައި ވަނީ މިހާރު އޮތް ރިޔާސީ ނިޒާމުގެ ސަބަބުން އެއްވެސް ސިޔާސީ ޕާޓީއެއް އެކަނި އުޅެގެން 50 ޕަސެންޓް ވޯޓާ އެކު އިންތިހާބެއް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އެހެންވެ، ވެރިކަމުގެ ނިޒާމު ބަދަލުކުރުން އަދިވެސް ވަރަށް މުހިންމު ކަމަށް ގެންދަވަނީ ވިދާޅުވަމުންނެވެ.