Roadha Mihaaru
މަޑަގަސްކަރައަށް ތޫފާނެއް އަރައި 10 މީހުން މަރުވެއްޖެ

މަޑަގަސްކަރައަށް ތޫފާނެއް އަރައި 10 މީހުން މަރުވެއްޖެ

07 ފެބުރުއަރީ 2022

އާދީއްތަ ވިލޭރޭގެ ވަގުތެއްގައި މަޑަކަސްރަ އަށް ބާރުގަދަ ތޫފާނެއް އެރުމުގެ ސަބަބުން ކުރިމަތިވި ހާދިސާތަކުގައި މަދުވެގެން 10 މީހަކު މަރުވެ އެތައް ހާސް ބަޔަކު ހާލުގައި ޖެހިއްޖެ އެވެ.

އާދީއްތަ ވިލޭރޭގެ ވަގުތެއްގައި މަޑަކަސްރަ އަށް ބާރުގަދަ ތޫފާނެއް އެރުމުގެ ސަބަބުން ކުރިމަތިވި ހާދިސާތަކުގައި މަދުވެގެން 10 މީހަކު މަރުވެ އެތައް ހާސް ބަޔަކު ހާލުގައި ޖެހިއްޖެ އެވެ.

އެ ގައުމުގެ، ގުދުރަތީ ކާރިސާތަކާ ބެހޭ އިދާރާ އިން ބުނި ގޮތުގައި ބަޓްސިރާއީ ތޫފާން އެރުމުގެ ސަބަބުން، ގެދޮރަށް ލިބުނު ގެއްލުންތަކާ ގުޅިގެން، 48،000 އަށް ވުރެ ގިނަ މީހުން، ގެދޮރު ދޫކޮށް އެހެން ތަންތަނަށް ދާން މަޖުބޫރުވި އެވެ. ސަރުކާރު ރޭޑިއޯ އިން ބުނި ގޮތުގައި ބައެއް މީހުން މަރުވީ، އެމީހުން ދިރުއުޅުނު ގެ ވެއްޓުމުގެ ސަބަބުން ގޭގެ ދަށުވެގެންނެވެ.

މިއީ ދެ ހަފުތާގެ ތެރޭގައި މަޑަގަސްކަރައަށް އެރި ދެ ވަނަ ތޫފާނެވެ. މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު މަޑަގަސްކަރަ އަށް އެރި އާނާ ނަމަކަށް ކިޔާ ތޫފާނުގެ ސަބަބުން 131،000 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ. އަދި 60 މީހުން މަރުވި އެވެ.

އިންޑިއާ ކަނޑު ތެރޭގައި އުފެދުނު ބަޓްސިރާއީ ތޫފާންގެ ބާރު ގަދަވަމުން ގޮސް، އާދީއްތަ ވިލޭރޭ އެ ގައުމަށް އެރި އިރު، ވައިގެ ބާރުމިން ހުރީ ގަޑިއަކު 165 ކިލޯމީޓަރު ބާރުމިނުގައި ކަމަށް، އެ ގައުމުގެ ރަސްމީ އިދާރާތަކުން ބުންޏެވެ.

ތޫފާން އެރުމުގެ ސަބަބުން ގިނަ އަދަދެއްގެ ގަސްތައް މުލުން ލުހި، ބައެއް އިމާރާތްތައް ވެއްޓި، ބައެއް އިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ލިބުނެވެ. އެންމެ ބޮޑަށް ގެއްލުން ލިބުނު ސަހަރުތަކުގެ ތެރޭގައި، 25 ހާސް މީހުންގެ އާބާދީއެއް އޮންނަ މަނަންޖަރީ ހިމެނެ އެވެ. އެ ސަހަރުގެ ހުރިހާ ގެތަކެއް ވެއްޓި ގިނަ އަދަދެއްގެ ގަސްތައް ވަނީ މުލުންލުހިފަ އެވެ.

އޭގެ އިތުރުން މަޑަގަސްކަރައިގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެފައިވާތީ، އެހެން ސަރަހައްދުތަކާ ދެމެދު ވަނީ ގުޅުން ކެނޑިފަ އެވެ. ނޮސީ ވަރިކާ ކިޔާ ސިޓީގެ 95 ޕަސެންޓަށް ވުރެ ބޮޑު ސަރަހައްދެއް ސުންނާފަތިވެފައިވާ އިރު، މުޅި ސިޓީ ފެންނަނީ ބޮން އަޅާފައި އޮތް ތަނެއްގެ ގޮތުގައި ކަމަށް މީޑިއާތަކުން ބުނެ އެވެ.

ތޫފާން އެރި ގިނަ ސަރަހައްދުތަކުން މިހާރު ވަނީ ކަރަންޓާއި ފޯނުގެ ހިދުމަތް ވެސް ކެނޑިފަ އެވެ. އެހެންކަމުން އެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ ހާލަތު މުޅިން ސާފުނުވާ ކަމަށް މީޑިއާތަކުން ބުނެ އެވެ.