Roadha Mihaaru
ޑްރަގްސް އެތެރެކުރުމުގެ ދައުވާއެއް ސާބިތެއް ނުވި

ޑްރަގްސް އެތެރެކުރުމުގެ ދައުވާއެއް ސާބިތެއް ނުވި

07 ފެބުރުއަރީ 2022

ރާއްޖެއަށް 600 ގްރާމަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި، އަތުލައިގަތް މަސްތުވާތަކެތި ފުލުހުންގެ ލެބޯރެޓަރީއާ ހަމައަށް ގެންދިޔަ ގޮތް އެނގެން ނެތުމުން، އެ މައްސަލައިގައި ދައުވާ ލިބުނު މީހާގެ މައްޗަށް ކުށް ސާބިތުނުވެ، އިއްޔެ ސަލާމަތްވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖެއަށް 600 ގްރާމަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި، އަތުލައިގަތް މަސްތުވާތަކެތި ފުލުހުންގެ ލެބޯރެޓަރީއާ ހަމައަށް ގެންދިޔަ ގޮތް އެނގެން ނެތުމުން، އެ މައްސަލައިގައި ދައުވާ ލިބުނު މީހާގެ މައްޗަށް ކުށް ސާބިތުނުވެ، އިއްޔެ ސަލާމަތްވެއްޖެ އެވެ.

މޭ 2016 ގައި ދިވެހި އަންހެނަކު ވައިގެ މަގުން ރާއްޖެ އައިއިރު ލަގެޖުން 600 ގްރާމަށް ވުރެ ގިނަ މަސްތުވާތަކެތި ފެނުނު މައްސަލައިގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ކުރީ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް އެތެރެ ކުރުމުގެ ދައުވާ އެވެ.

އެ މައްސަލައިގައި އެ ކޯޓުން ކުރި ހުކުމުގައި ވަނީ މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓާއި ޗެއިން އޮފް ކަސްޓަޑީ ފޯމުތަކަށް ބަލާއިރު، އަތުލައިގަތް މަސްތުވާތަކެތި ތަހުލީލުކުރި މީހާއާ ހަމައަށް އެ ތަކެތި ގެންދިޔައީ ކާކުކަން އެނގެން ނެތް ކަމަށެވެ. އަދި މަސްތުވާތަކެތި އަތުލައިގަތުމަށް ފަހު، ފުލުހުންގެ އެކަކު އަތުން އަނެކަކު އަތަށް އެ ތަކެތި ދައުރުވި ގޮތް ވެސް ލިޔުންތަކުން ސާފުނުވާ ކަމަށް ގާޒީ ހުސައިން ފާއިޒް ރަޝާދު އިއްވެވި ހުކުމުގައިވެ އެވެ.

ހުކުމުގައި ވަނީ ފުލުހުން ލެބޯރެޓަރީން ތަހުލީލުކުރި މަސްތުވާތަކެއްޗަކީ ދައުވާ ލިބޭ މީހާގެ ލަގެޖުން ފެނުނު ތަކެތިކަން ސާބިތު ކުރުމަށް ހެކި ހުށަހެޅުމަކީ ދައުލަތުން ކުރަންޖެހޭ ކަމަކަށް ވާއިރު، މައްސަލަ ނިންމުމާ ހަމައަށް ވެސް އެކަން ސާބިތު ކުރެވޭނެ ލިޔުމެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށެވެ. އެހެންވެ، މަސްތުވާތަކެތި އެތެރެކުރުމުގެ ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާ ކަމަށް އެ ހުކުމުގައިވެ އެވެ.

ތަހުގީގުގައި ހުރި އެހެން ބައެއް ގޯސްތައް ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

މަސްތުވާތަކެއްޗާ ހަވާލުވާން ދާ މީހަކު ހޯދަން ދައުވާ ލިބޭ މީހާ ބައިވެރިކޮށްގެން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގައި، ދައުވާ ލިބުނު އަންހެން މީހާގެ ގެސްޓް ހައުސްއަކަށް ގެންދިޔައިރު، އެ ތަނުގައި އަންހެން ފުލުހަކު ނެތުމަކީ މައްސަލައެއް ކަމަށް ހުކުމުގައި ވެ އެވެ. އަދި އޭނާއާއެކު އިތުރު މީހަކު ރާއްޖެ އަޔަސް، ދެވަނަ މީހާ ހައްޔަރު ނުކޮށް އޮޕަރޭޝަން ކުރިއަށް ގެންދިޔަކަން ހުކުމުގައި ފާހަގަކުރި އެވެ.