Roadha Mihaaru
ކިލޯއެއްގެ ޑްރަގް ފެނުނަސް ކުށް ސާބިތެއް ނުވި

ކިލޯއަކަށް ވުރެ ގިނަ ޑްރަގް ފެނުނަސް، ހެކި ގެންދިޔަ އިޖްރައާތު ގޯސްވުމުން ސަލާމަތްވެއްޖެ

16 ނޮވެމްބަރ 2021

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލައެއްގައި، މަސްތުވާތަކެތި އަތުލައިގަތުމަށް ފަހު ފުލުހުން އެ ތަކެތި ގެންދިއުމުގައި އަމަލުކުރި އިޖްރައާތު ގޯސްވުމުން ކަމަށް ބުނެ، އެ މައްސަލާގައި ދައުވާލިބުނު މީހާ ސަލާމަތްވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލައެއްގައި، މަސްތުވާތަކެތި އަތުލައިގަތުމަށް ފަހު ފުލުހުން އެ ތަކެތި ގެންދިއުމުގައި އަމަލުކުރި އިޖްރައާތު ގޯސްވުމުން ކަމަށް ބުނެ، އެ މައްސަލާގައި ދައުވާލިބުނު މީހާ ސަލާމަތްވެއްޖެ އެވެ.

މާލޭގެ ގެއަކާއި ފިހާރައެއް 2017 ވަނަ އަހަރު ފާސް ކުރިއިރު ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި ދައުލަތުން ދައުވާކުރީ ބަންގްލަދޭޝް މީހަކަށެވެ. އޭނާ ތަހުގީގުގައި ކުށަށް އިއުތިރާފް ވިޔަސް، ކޯޓުގައި ބުނެފައިވަނީ ފުލުހުން އޭނާއަށް ބިރު ދައްކައިގެން އެއްބަސްކުރުވީ ކަމަށެވެ.

ކްރިމިނަލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ކުރި ހުކުމުގައިވަނީ މަސްތުވާތަކެތި އަތުލައިގަތުމަށް ފަހު އެކަކު އަތުން އަނެކަކު އަތަށް އެ ތަކެތި ނަގުލުވަމުންދާ ގޮތް ބަޔާންކުރާ ޗެއިން އޮފް ކަސްޓަޑީ އެ މައްސަލާގައި ދައުލަތުން ހުށަހަޅާފައިނުވާ ކަމަށެވެ. އަދި ދައުލަތުން ހުށަހެޅި ލިޔުންތަކަށް ބަލާއިރު މަސްތުވާތަކެތި އަތުލީ ކާކު ކަމެއް އަދި އެ ތަކެތި ތަހުލީލުކުރީ ކާކުކަން ވެސް އެނގެން ނެތް ކަމަށާއި އެހެންވެ، އެ މައްސަލާގައި އަތުލައިގަތް މަސްތުވާތަކެތި ލެބޯޓްރީއާ ހަމައަށް ގެންދިޔަކަމާ މެދު ޝައްކު އުފެދޭ ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ ޗެއިން އޮފް ކަސްޓަޑީ ހުށަހެޅުމަކީ ދައުލަތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި ޗެއިން އޮފް ކަސްޓަޑީ ނެތް ނަމަ، މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުށް ސާބިތު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ކުރިން ނިންމާފައިވާ ކަމަށެވެ.

އެހެންވެ، އެ މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.