Roadha Mihaaru
ޗައިނާގެ މާލީ އެހީއާއި އިތުރު ލޯނަށް ޕާކިސްތާން އެދެނީ

ޗައިނާގެ މާލީ އެހީ އާއި އިތުރު ލޯނަށް ޕާކިސްތާން އެދެނީ

06 ފެބުރުއަރީ 2022

ޗައިނާ އަށް މިހާރު ވަޑައިގެން އުޅުއްވާ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން، ޗައިނާގެ ބޮޑުވަޒީރު ލީ ކާޗިއަންގްއާ އިއްޔެ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

ޗައިނާ އަށް މިހާރު ވަޑައިގެން އުޅުއްވާ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން، ޗައިނާގެ ބޮޑުވަޒީރު ލީ ކާޗިއަންގްއާ އިއްޔެ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

ބޮޑުވަޒީރު އިމްރާން ޚާން ޗައިނާއަށް ވަޑައިގަތީ މި އަހަރުގެ ފިނި މޫސުމުގެ އޮލިމްޕިކް ކުޅިވަރު މުބާރާތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމަށް ޗައިނާ ސަރުކާރުން ދެއްވި ދައުވަތަކަށެވެ. އޭނާގެ މި ދަތުރުގައި ޗައިނާ ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ވިޔަފާރިވެރިންނާ އެކުގައި ވެސް މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަން ވަނީ ހަމަޖެހިފަ އެވެ.

ޗައިނާގެ ބޮޑުވަޒީރާ އެކުގައި ބޭއްވި މަޝްވަރާތަކުގައި އިމްރާން ޚާން ވަނީ، ޕާކިސްތާނުގައި ވިޔަފާރީގެ މުއާމަލާތްތައް ހިންގާތީ ޗައިނާގެ އަމިއްލަ ވިޔަފާރިވެރިންނާއި ސަރުކާރު ކުންފުނިތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ. އޭގެ އިތުރުން ޕާކިސްތާނުގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގައި ބޭރުގެ ބޮޑެތި އިންވެސްޓްމެންޓްތައް ގާއިމުކުރުމަށް، ހާއްސަކޮށް ޗައިނާގެ ބޮޑެތި ކުންފުނިތަކުގެ އިންވެސްޓްމަންޓްތައް ގާއިމުކުރުމަށް ޕާކިސްތާނުން ހާއްސަ އިނާޔަތްތައް ހަމަޖައްސައިދީފައިވާ ކަމަށް އިމްރާން ޚާން ވިދާޅުވި އެވެ.

އެ ގޮތުން ހަކަތައިގެ ދާއިރާއިންނާއި އިމާރާތްކުރުމުގެ ދާއިރާއިންނާއި ކަރަންޓު އުފެއްދުމުގެ ދާއިރާ އިން ބޭރުގެ އިންވެސްޓްމެންޓްތަކަށް ޚާއްސަ އިނާޔަތްތައް ދީފައިވާ ކަމަށް ވެސް ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވި އެވެ.

ޕާކިސްތާން ސަރުކާރުން ބުނި ގޮތުގައި މި ވަގުތު ޕާކިސްތާނަށް އެންމެ މުހިންމީ، ބޭރު ފައިސާ ލިބުމުގައި ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރެވޭނެ ގޮތެއް ހަމަޖެހުމެވެ. އެހެންކަމުން، ޗައިނާ އިން އިތުރު ލޯން ހޯދުމަށް ޕާކިސްތާނުން މަސައްކަތް ކުރަމުން އަންނަ ކަމަށް ޕާކިސްތާނު ސަރުކާރުން ބުންޏެވެ.

ޗައިނާ އާއި ޕާކިސްތާނާ ދެމެދު އިގްތިސާދީ ގޮތުން މިހާރު ވެސް ރަނގަޅު ގުޅުމެއް އެބަ އޮތެވެ. އޭގެ އިތުރުން ޗައިނާގެ އަސްކަރީ އެހީތެރިކަމާއި މާލީ އެހީތެރިކަން ވެސް ޕާކިސްތާނަށް މިހާރު ލިބެމުންދެ އެވެ.