Roadha Mihaaru
އެއްވަނަ ޓީމުގެ ގޮތުގައި ޔުނައިޓެޑް ވިކްޓަރީ ސެމީ އަށް

އެއްވަނަ ޓީމުގެ ގޮތުގައި ޔުނައިޓެޑް ވިކްޓަރީ ސެމީ ފައިނަލަށް

04 ފެބުރުއަރީ 2022

އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގައި ޓީސީ ސްޕޯޓްސް ކުލަބް ބަލިކޮށް ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގައި ޓީސީ ސްޕޯޓްސް ކުލަބް ބަލިކޮށް ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

އިއްޔެގެ މެޗުގެ ކުރިން ސެމީގެ ޖާގައެއް ޔަގީން ކޮށްފައިވާ ޓީސީއާ ދެކޮޅަށް ކުޅުނު މެޗު ޔޫވީން ކާމިޔާބުކުރީ 2-0 އިންނެވެ. މި ނަތީޖާއާ އެކު ޔޫވީން ވަނީ މެޗަކުން ބަލިނުވެ، ހަތް ޕޮއިންޓާ އެކު ގުރޫޕް ބީގެ އެއްވަނަ ހޯދައިފަ އެވެ. ދެވަނައިގައި ނިންމި ޓީސީ އަށް ލިބުނީ ހަ ޕޮއިންޓެވެ.

ޔޫވީން ވަނީ މެޗުގެ 13 ވަނަ މިނިޓުގައި ލީޑު ނަގައިފަ އެވެ. ޓީސީގެ ކެޕްޓަން އަހުމަދު މައީޝް މުހައްމަދަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަބްދުލް ރަހްމާން ތިބްޔާން އަލީ ސައީދެވެ. އޭގެ ކުރިން ޓީސީ އަށް ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބުނު ނަމަވެސް އެ ޓީމުގެ ޔޫސުފް ސިދާމް އަލީ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.

ޔޫވީގެ ތިބްޔާން އާއި ޓީސީގެ މައީޝް ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފޮޓޯ: އެފްއޭއެމް

ޔޫވީގެ ތިބްޔާން އާއި ޓީސީގެ މައީޝް ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފޮޓޯ: އެފްއޭއެމް

ޔޫވީގެ ގޯލަށް ފަހު ވެސް އެ ޓީމަށް ވަނީ ލީޑު ފުޅާކުރަން ވަރަށް ހުސް ފުރުސަތެއް ލިބި ނާކާމިޔާބުވެފަ އެވެ. ސެންޓަ ސާކަލްއާ ދިމާލުން ބޯޅަ ހިފައިގެން މުޅިން ހުސްކޮށް އެ ޓީމުގެ ޒައިޝަން އަޝްރަފް އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ދިފާއު ކުރީ ޓީސީގެ ކީޕަރު ޔޫސުފް ޔުނާން އާމިރެވެ. ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ޔޫވީގެ ތިބްޔާނަށް ވެސް ވަނީ ހަމަ އޭގެ ފުރުސަތެއް ލިބި، ނާކާމިޔާބުވެފަ އެވެ. ތިބްޔާނަށް ލިބުނު ފުރުސަތުގައި ވެސް ފޮނުވާލި ބޯޅަ ދިފާއުކުރީ ކީޕަރު ޔުނާން އެވެ.

ޔޫވީގެ ދެވަނަ ލަނޑު ޖެހީ މެޗުގެ 60 ވަނަ މިނިޓުގައި އަލީ މީސާގު އީސާ އެވެ. ތިބްޔާން ދިން ބޯޅައެއް ހިފައިގެން ޓީސީގެ ޕެނަލްޓީ އޭރިއާ ރޮނގާ ހަމައިން މީސާގު ވަނީ ތިރިތިރިން ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޔޫވީގެ އައިހަމް ސައީދެވެ.

މިއީ ޔުނައިޓެޑް ވިކްޓަރީ ޔޫތު ޗެމްޕިއަންޝިޕުގެ ގުރޫޕް ސްޓޭޖް ފަހަނަޅައިދިޔަ ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2016، 2017 އަދި 2019 ގެ ޔޫތު ޗެމްޕިއަންޝިޕް ވެސް ޔޫވީ ނިންމާލީ ޓޭބަލްގެ އެންމެ ފުލުގަ އެވެ.

ވެލެންސިއާގެ ރާހިލް (23) އެ ޓީމަށް އެއްވަރު ކޮށްދިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އެފްއޭއެމް

ވެލެންސިއާގެ ރާހިލް (23) އެ ޓީމަށް އެއްވަރު ކޮށްދިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އެފްއޭއެމް

މި ގުރޫޕުގެ ފަހު މެޗުގައި ރޭ ބައްދަލުކުރީ މަހިބަދޫ ސްޕޯޓްސް ކުލަބާއި ވެލެންސިއާ އެވެ. ރޭގެ މެޗުގެ ކުރިން ވެސް ދެ ޓީމަށް ސެމީގެ ޖާގަ ގެއްލިފައިވީ ނަމަވެސް ވެލެންސިއާ އިން ވަނީ ފަހަތުން އަރައި 3-2 އިން މަހިބަދޫ ބަލިކޮށް، މޮޅަކުން މުބާރާތް ނިންމާލައިފަ އެވެ.

މަހިބަދޫ އިން ވަނީ މެޗުގެ ފުރަތަމަ 10 މިނިޓުގައި ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. ވެލެންސިއާގެ ޑިފެންޑަރު އިބްރާހިމް ހުސެއިން ޝާފީ އަށް ބޯޅަ ރަނގަޅަށް ސާފު ނުކޮށްލެވުމުގެ ފައިދާ ނަގައި މަހިބަދޫގެ ފުރަތަމަ ލަނޑު ހަތްވަނަ މިނިޓުގައި ޖަހައިދިނީ މުހައްމަދު އިޝްހާމް އެވެ. އަދި ދެވަނަ ލަނޑު 10 ވަނަ މިނިޓުގައި، ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ހަސަން ނާއިމް އެވެ. މި ޕެނަލްޓީއަކީ ވެލެންސިއާގެ ކީޕަރު މުހައްމަދު އަތޫފް ރިފާއު، މަހިބަދޫގެ އިޝްހާމް އަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެކެވެ.

ވެލެންސިއާގެ އާޔަން ބޯޅަހިފައިގެން ކުރިޔަށް ދަނީ.-- ފޮޓޯ: އެފްއޭއެމް

ވެލެންސިއާގެ އާޔަން ބޯޅަހިފައިގެން ކުރިޔަށް ދަނީ.-- ފޮޓޯ: އެފްއޭއެމް

މަހިބަދޫން ދެވަނަ ލަނޑު ޖެހިތާ ހަތަރު މިނިޓު ފަހުން ވެލެންސިއާ އަށް އުންމީދު އާކޮށްދިނީ އަބްދުﷲ ފާސިރު ޖެހި ލަނޑުންނެވެ. ވެލެންސިއާގެ އިބްރާހިމް އާޔަން އިމްތިޔާޒް ހިލޭޖެހުމަކުން ފޮނުވާލި ބޯޅަ ކީޕަރު އަތުގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައި ބޯޅަ ފާސިރު ވަނީ އެއްފަހަރުން ގޯލަށް ފޮނުވާލައިފަ އެވެ. އަދި ފުރަތަމަ ހާފުގެ ފަހު މިނިޓުގައި މުހައްމަދު ރަފާހު ޒާކިރު އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ވެލެންސިއާ އަށް އެއްވަރުކޮށްދިނީ އަހުމަދު ރާހިލް ރަޝީދެވެ.

ވެލެންސިއާ މޮޅުވި ލަނޑު ފަހު ހާފުގެ ހަތަރުވަނަ މިނިޓުގައި ޖަހައިދިނީ ކެޕްޓަން އާމިން އުމަރު މޫސާ އެވެ. ހާފުގެ މެދަކާ ހަމައިން ހިލޭޖެހުމަކުން އާޔަން އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ މަހިބަދޫގެ ޑިފެންޑަރުންނަށް ލިބުމުގެ ކުރިން އާމިން ވަނީ ބޯޅަ ހޯދައި އެއްފަހަރުން ގޯލަށް ފޮނުވާލައިފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ އާމިން އެވެ.

މި ނަތީޖާއާ އެކު ގުރޫޕް ސްޓޭޖް ވެލެންސިއާ ނިންމާލީ ތިން ޕޮއިންޓް ހޯދައިގެން ތިންވަނައިގަ އެވެ. މަހިބަދޫ ނިންމާލީ ފުރަތަމަ މެޗުގައި ޔޫވީ އަތުން ހޯދި ހަމައެކަނި ޕޮއިންޓާ އެކު އެވެ.

ގުރޫޕް ސްޓޭޖުގެ އެންމެ ފަހު ދެ މެޗު ކުޅޭނީ މާދަމާ އެވެ. ގުރޫޕް އޭގެ ގްރީން ސްޓްރީޓްސް އާއި ކްލަބް އީގަލްސް މާދަމާ ހަވީރު ބައްދަލުކުރާއިރު، ރޭގަނޑު ބައްދަލުކުރާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބެވެ.

ގުރޫޕް އޭގައި ދެން ހިމެނޭ މާޒިޔާ، ގުރޫޕް ސްޓޭޖުގެ ހަތަރު މެޗު ވެސް ކުޅެފައިވާއިރު އެޓީމު މި ވަގުތު އޮތީ ގޯލްގެ ތަފާތުން ކުރި ހޯދައިގެން ޓޭބަލްގެ އެއްވަނައިގަ އެވެ. މާޒިޔާ އާއި އީގަލްސް އަށް ވެސް ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ސަސް ވަނީ ހަ ޕޮއިންޓް ހޯދައިފަ އެވެ.