Roadha Mihaaru
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑުކުރަނީ

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑުކުރަނީ

03 ފެބުރުއަރީ 2022

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ދޭ އިނާޔަތް މި އަހަރު ފަހުކޮޅު ބޮޑުކުރަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ދޭ އިނާޔަތް މި އަހަރު ފަހުކޮޅު ބޮޑުކުރަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި އެ މަނިކުފާނު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ބެހޭ ޖުމްލަ އަދަދާއި ތަފްސީލު އެނގޭ ގައުމީ ދަފުތަރެއް ނެތް ކަމަށާއި މިފަދަ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ. އިނާޔަތް ބޮޑުކުރަން ނިންމާފައި ވަނީ މި ދަފުތަރު އެކުލަވާލައި ނިމުމުންނެވެ.

"އެ ދަފުތަރަކީ އެ މީހުންނަށް ބޭނުންވާ ފަރުވާ އާއި ރީހެބިލިޓޭޝަން އަދި ތެރަޕީ އާއި އެހެނިހެން ހިދުމަތްތަށް ފޯރުކޮށްދިނުމަށް އޮތް ވަސީލަތް ކަމުގައި ވާނެ. މި ދަފުތަރު ނިންމައި މި އަހަރުގެ ފަހު ކުއާޓާގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދޭ އިނާޔަތް ބޮޑު ކުރުމަށް އަޅުގަނޑު ނިންމައިފިން،" ރައީސް ވިދާޅުވި އެވެ.

ނަަމަވެސް، ބޮޑުކުރާނެ އަދަދެއް ވިދާޅެއް ނުވެ އެވެ.

ރައީސް މިގޮތަށް ނިންމެވި އިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތް ކުޑަވެގެން ރައީސަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެ އެވެ. އެ ޕެޓިޝަނުގައި ބުނެފައި ވަނީ މިހާރު ދޭ އިނާޔަތަކީ ރާއްޖޭގެ ހިދުމަތްތަކާއި ތަކެތީގެ އަގު ހުރި ގޮތަށް ބަލާއިރު އެކަށީގެންވާ ވަރެއް ނޫން ކަމަށެވެ.

ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ގާނޫނުގައިވާ ގޮތުން ކޮންމެ މަހަކު ދެމުން އަންނަނީ 2،000ރ. ގެ އިނާޔަތެކެވެ. ނަމަވެސް މި ޕެޓިޝަނުގައި އެދިފައި ވަނީ އެ އިނާޔަތް 5،000ރ. އަށް ބޮޑުކޮށް ދިނުމަށެވެ.

މި ޕެޓިޝަނަށް ފަހު، ލޯފަން މީހުންނާއި އެހެނިހެން ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބައެއް ބެލެނިވެރިން މި މައްސަލައިގައި ރައީސް އޮފީހަށް ގޮސް އެ މަނިކުފާނާ ބައްދަލު ވެސް ކުރި އެވެ. އެ މީހުންގެ ޝަކުވާތައް އަޑު އެއްސެވުމަށް ފަހު ރައީސް ވަނީ، އެކަމަށް އެދެވޭ ހައްލެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.