Roadha Mihaaru
އެވަޓަންގެ ކޯޗުގެ މަގާމަށް ދާން ރޫނީ ދެކޮޅު ހަދައިފި

އެވަޓަންގެ ކޯޗުގެ މަގާމު ހުށަހެޅުމުން ރޫނީ ދެކޮޅު ހަދައިފި

30 ޖެނުއަރީ 2022

ލަންޑަން (ޖެނުއަރީ 30) - އެވަޓަންގެ ކޯޗަކަށް ވާން، ލިބުނު އިންޓަވިއުގެ ދައުވަތު ގަބޫލު ނުކޮށް، ޑާބީ ކައުންޓީގެ ކޯޗު ވޭން ރޫނީ އެ ފުރުސަތު ދޫކޮށްލައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ލަންޑަން (ޖެނުއަރީ 30) - އެވަޓަންގެ ކޯޗަކަށް ވާން، ލިބުނު އިންޓަވިއުގެ ދައުވަތު ގަބޫލު ނުކޮށް، ޑާބީ ކައުންޓީގެ ކޯޗު ވޭން ރޫނީ އެ ފުރުސަތު ދޫކޮށްލައިފި އެވެ.

އެވަޓަންގެ ކޯޗުގެ މަގާމު ހުސްވީ، މި ސީޒަންގައި އެ ޓީމުގެ ކޯޗުކަމާ ހަވާލުވި ރަފޭލް ބެނިޓޭޒް މި މަހު މަގާމުން ވަކިކުރުމުންނެވެ. އެވަޓަން އިން ދަނީ މިހާރު ހުސްވެފައިވާ މަގާމު ފޫބެއްދުމަށް އާ ކޯޗަކު ހޯދަމުންނެވެ.

ރޫނީ، 36، ބުނީ ޕްރިމިއާ ލީގުގެ ކޯޗަކަށް އޭނާ ވާނެ ކަމަށެވެ. ނަމަވެސް މި ވަގުތު އޭނާ އަށް މުހިންމީ ޑާބީގެ މަގާމު ކަމަށެވެ.

"އެވަޓަންއިން ވަނީ އަހަރެންގެ އެޖެންޓަށް ހުށަހަޅާފައި އެ ޓީމުގެ އިންޓަވިއު އަށް އަހަރެން ދިއުމަށް. އެކަމަކު އަހަރެން ބޭނުން ނުވީ ދާން،" ދެ ފަހަރެއްގެ މަތިން އެވަޓަން އަށް ކުޅުނު ރޫނީ ބުންޏެވެ.

"އަހަރެން ގަބޫލު ކުރަނީ ޕްރިމިއާ ލީގުގެ ކޯޗަކަށް ވާނެޔޭ. އެކަން ބޭނުން 100 ޕަސެންޓް ޔަގީން. އެކަމަކު އަހަރެންގެ ވަޒީފާ އެބައޮތް ޑާބީގައި. އެއީ އަހްނަނަށް ވަރަށް މުހިންމު މަގާމެއް."

އެވަޓަންގެ ކޯޗްގެ މަގާމަށް ބެެލްޖިއަމްގެ ގައުމީ ޓީމު ކޯޗް ރޮބާޓޯ މާޓިނޭޒް ގެންނަން އުޅޭ ކަމަށް ވާހަކަ ދެއްކި ނަމަވެސް ބެލްޖިއަމްގެ އެފްއޭ އިން ތިބީ މާޓިނޭޒް ދޫކޮށްލާ ގޮތަކަށް ނޫނެވެ. މާޓިނޭޒް ކުރިން ވެސް ވަނީ އެވަޓަންގެ ކޯޗްކަން ކޮށްފަ އެވެ. ޗެލްސީގެ ކުރީގެ ކޯޗު ފްރޭންކް ލަމްޕާޑް އަށް މިހާރު ވަނީ އެ މަގާމު ހުށަހަޅައިފަ އެވެ.

ރޫނީގެ ޑާބީ ކައުންޓީ އޮތީ އިނގިރޭސި ދެވަނަ ޑިވިޝަން ނުވަތަ ޗެމްޕިއަންޝިޕުގެ 23 ވަނައިގަ އެވެ. ކްލަބް ހިންގުމުގެ އުސޫލުތަކާ ހިލާފް ވުމުން އެ ޓީމުން 21 ޕޮއިންޓް އުނިކުރި އެވެ. ރޫނީ ކުރިން ބުނެފައި ވަނީ ޑާބީ ކައުންޓީ ރެލިގޭޓް ނުވެ ސަލާމަތްކޮށްދެވިއްޖެ ނަމަ އެކަންވާނީ އޭނާ އަށް ބޮޑު ކާމިޔާބަކަށް ކަމަށެވެ.