Roadha Mihaaru
ރޫނީގެ 200 ވަނަ ގޯލާ އެކު ސިޓީ އަތުން ޕޮއިންޓެއް

ރޫނީގެ 200 ވަނަ ގޯލާ އެކު ސިޓީ އަތުން ޕޮއިންޓެއް

22 އޯގަސްޓް 2017

މެންޗެސްޓާ (އޮގަސްޓް 22) - އިނގިރޭސި ޕްރިމިއާ ލީގުގައި ވޭން ރޫނީ ޖެހި 200 ވަނަ ލަނޑާ އެކު ރަށުން ބޭރުގައި މެންޗެސްޓާ ސިޓީއާ 1-1 އިން އެއްވަރުކޮށް އެވަޓަނުން ޕޮއިންޓެއް ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (އޮގަސްޓް 22) - އިނގިރޭސި ޕްރިމިއާ ލީގުގައި ވޭން ރޫނީ ޖެހި 200 ވަނަ ލަނޑާ އެކު ރަށުން ބޭރުގައި މެންޗެސްޓާ ސިޓީއާ 1-1 އިން އެއްވަރުކޮށް އެވަޓަނުން ޕޮއިންޓެއް ހޯދައިފި އެވެ.

ރޫނީ އެވަޓަން އަށް ލީޑުނަގައިދިނީ މެޗުގެ 35 ވަނަ މިނިޓްގަ އެވެ. އެއާ އެކު ރޫނީ ވެފައިވަނީ ނިއުކާސަލް ޔުނައިޓެޑްގެ ކުރީގެ ފޯވާޑް އެލަން ޝިއަރާ އަށް ފަހު ޕްރިމިއާ ލީގުގައި 200 ލަނޑު ހަމަކުރި ދެ ވަނަ ކުޅުންތެރިއާ އަށެވެ.

އެވަޓަނުން ލީޑުނަގާފައިވަނިކޮށް ސިޓީ އަށް އެންމެ ބޮޑު އުނދަގޫތަކެއް ކުރިމަތިވީ އެ ޓީމާ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ގުޅުނު އިނގިރޭސި ކަނާތު ބެކް ކައިލް ވޯކާ އަށް މެޗުގެ 44 ވަނަ މިނިޓްގައި ރަތް ކާޑު ދެއްކުމުންނެވެ.

ދިހަ ކުޅުންތެރިންނާ އެކު މެޗުގެ ދެ ވަނަ ހާފްގައި ކުޅުނު ނަމަވެސް ސިޓީން ވަނީ ލަނޑު ޖަހާނެ ފުރުސަތުތައް ހޯދައި އެވަޓަން އަށް ނުރައްކާ ކޮށްފަ އެވެ. ސިޓީ އަށް އެއްވަރުކޮށްދިން ލަނޑު މެޗު ނިމެން އަށް މިނިޓަށް ވެފައި ހުއްޓައި ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަަނަ ހާފްގައި ކުޅެން ނުކުތް ރަހީމް ސްޓާލިން އެވެ.

އެވަޓަން އިން ވެސް ރޭގެ މެޗު ނިންމާލީ ދިހަ ކުޅުންތެރިންނާ އެކު އެވެ. އެއީ މެޗުގެ 88 ވަނަ މިނިޓްގައި އެ ޓީމަށް ކުޅޭ ފްރާންސްގެ މިޑްފީލްޑަރު މޯގަން ޝްނައިޑަލިން އަށް ދެ ވަަނަ ރީނދޫ ކާޑަށް ފަހު ރަތް ކާޑު ދެއްކުމުންނެވެ. ޝްނައިޑަލިން އަށް ދެ ވަނަ ރީނދޫ ކާޑު ދެއްކީ ސިޓީގެ ސާޖިއޯ އަގުއޭރޯ އަށް ކުރި ފައުލަކަށެވެ. އަގުއޭރޯ އެ ފައުލުހޯދީ ޑައިވް ކޮށްގެން ކަމަށް ބުނެ އެވަޓަން ކުޅުންތެރިން ވަނީ ރެފްރީ އަށް ވަރަށް ބޮޑަށް އެޕީލް ކޮށްފަ އެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މިއީ 10 ކުޅުންތެރިންނާ އެކު އޭނާ ކޯޗުކޮށްދިން ޓީމަކުން ދެއްކި އެންމެ މޮޅު ކުޅުން ކަމަށެވެ.

"މިއީ އަހަރެންގެ ހަޔާތުގައި ހާއްސަ ދުވަހެއް. އެއީ އަހަރެން ކޯޗުކޮށްދިން ޓީމަކުން 10 ކުޅުންތެރިންނާ އެކު މިހާ މޮޅަށް މީގެ ކުރިން ނުކުޅޭ. ދިމާވީ ހަމަ ކުރީގެ ވެސް މައްސަލަ ލިބޭ ފުރުސަތުތައް ނިންމާ ނުލެވުން. އެއީ އަހަރެން ހައްލެއް ހޯދަން ޖެހޭ މަސައްކަތެއް،" ކުރިން ބާސެލޯނާ އާއި ބަޔާން މިއުނިކަށް ކޯޗުކޮށްދިން ގާޑިއޯލާ ބުންޏެވެ.

އެވަޓަންގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ ފުރަތަމަ ހާފްގައި ވޯކާ އަށް ދެއްކި ރަތް ކާޑަށް ފަހު ސިޓީ ކުޅުންތެރިން ރެފްރީގެ ނިންމުންތަކަށް ނުފޫޒު ފޯރުވަން އުޅުނު ކަމަށެވެ.

"ރަތް ކާޑަށް ފަހު ސިޓީން އުޅުނީ ރެފްރީގެ ނިންމުންތަކަށް ނުފޫޒު ފޯރުވައިގެން އެވަޓަން އަށް ޕްރެޝަރު ކުރުވަން. ބޯޅަ ހިފަހައްޓައިގެން ސިޓީން ކުޅުނު ނަމަވެސް މާ ބޮޑެތި ހުސް ފުރުސަތުތަކެއް އެ ޓީމަކަށެއް ނުލިބޭ،" ކޫމަން ބުންޏެވެ.

އޭނާ ބުނީ އެވަޓަން އިން މި ސީޒަނަށް ތައްޔާރުވުމަށް ކުރި ހަރަދުގެ ނަތީޖާ ފެންނާނެ ކަމުގެ އުއްމީދު މި މެޗުގައި ދެއްކި ކުޅުމުން އާ ވެއްޖެ ކަމަށެވެ.