Roadha Mihaaru
ސިޓީ އެއްވަރު، އާސެނަލް އަށް ހަތް ޕޮއިންޓްގެ ލީޑެއް

އެވަޓަން އިން ސިޓި ހުއްޓުވައިފި، އާސެނަލް އަށް ހަތް ޕޮއިންޓްގެ ލީޑެއް

01 ޖެނުއަރީ 2023

ބްރައިޓަން (ޖެނުއަރީ 1) - އެވަޓަން އިން މެންޗެސްޓާ ސިޓީ މޮޅުވިޔަ ނުދީ ހިފެހެއްޓުމުން ޕްރިމިއާ ލީގު އެއް ވަނައިގައި އޮތް އާސެނަލް އަށް ހަތް ޕޮއިންޓްގެ ލީޑެއް ލިބިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބްރައިޓަން (ޖެނުއަރީ 1) - އެވަޓަން އިން މެންޗެސްޓާ ސިޓީ މޮޅުވިޔަ ނުދީ ހިފެހެއްޓުމުން ޕްރިމިއާ ލީގު އެއް ވަނައިގައި އޮތް އާސެނަލް އަށް ހަތް ޕޮއިންޓްގެ ލީޑެއް ލިބިއްޖެ އެވެ.

ސިޓީގެ ދަނޑުގައި ރޭ އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފު ސިޓީ އިން ނިންމާލީ ގޯލެއް ޖަހައި ލީޑު ހޯދައިގެންނެވެ. ޑޮމިނޭޓް ކޮށްގެން ކުޅުނު ސިޓީ އިން ލީޑު ހޯދީ 24 ވަނަ މިނިޓުގައި އާލިން ހާލަންޑް ޖެހި ގޯލުންނެވެ. ނަމަވެސް އެވަޓަން އިން ވަނީ އެޓީމުން ގޯލާ އަމާޒުކޮށް ފޮނުވާލި ހަމައެކަނި ހަމަލާ އިން ނަތީޖާ އެއްވަރު ކޮށްފަ އެވެ. މެޗުގެ 64 ވަނަ މިނިޓުގައި އެވަޓަންގެ ހަމައެކަނި ގޯލު ޖަހައިދިނީ ޑެމަރާއި ގްރޭ އެވެ.

މެޗަށް ފަހު ސިޓީގެ ހާލަންޑް، އެވަޓަންގެ ކޯޗު ލަމްޕާޑާ އެކު.-- ފޮޓޯ: އޭއެފްޕީ

މެޗަށް ފަހު ސިޓީގެ ހާލަންޑް، އެވަޓަންގެ ކޯޗު ލަމްޕާޑާ އެކު.-- ފޮޓޯ: އޭއެފްޕީ

އެވަޓަން އިން ސިޓީ އަތުން ހޯދި މުހިއްމު ޕޮއިންޓާ އެކު އެ ޓީމު ވަނީ 17 މެޗުން 15 ޕޮއިންޓް ހޯދައި، ލީގު ތާވަލްގެ 16 ވަނައަށް ޖެހިލައިފަ އެވެ.

އާސެނަލް ރޭ ރަށުން ބޭރުގައި ބްރައިޓަން އާ ވާދަކޮށް މެޗު ކާމިޔާބު ކުރީ 4-2 އިންނެވެ.

މެޗު ފަށައިގެން 66 ސިކުންތު ތެރޭ އާސެނަލް ވަނީ ބުކަޔޯ ސަކާ ޖަހައިދިން ގޯލުން ލީޑު ހޯދައިފަ އެވެ. އަދި 39 ވަނަ މިނިޓުގައި ކެޕްޓަން މާޓިން އޮޑެގާޑް ވަނީ ހާފް ނިމުމުގެ ކުރިން އާސެނަލްގެ ލީޑު ފުޅާ ކޮށްދީފަ އެވެ.

އާސެނަލްގެ ކޭޓިއާ ބްރައިޓަންގެ ގޯލާ ދިމާއަށް ހަމަލާއެއް ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

އާސެނަލްގެ ކޭޓިއާ ބްރައިޓަންގެ ގޯލާ ދިމާއަށް ހަމަލާއެއް ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ދެ ވަނަ ހާފު ފެށިގެން ދެވަނަ މިނިޓުގައި އާސެނަލްގެ ތިން ވަނަ ގޯލު ޖަހައިދިނީ އެޑީ ކޭޓިއާ އެވެ. ބްރައިޓަން އަށް ކުޅޭ ޖަޕާންގެ ވިންގާ ކައޯރޫ މިޓޯމާ 65 ވަނަ މިނިޓުގައި ގޯލެއް ޖަހައި ފަރަގު ކުޑަ ކުރި ނަމަވެސް ގެބްރިއެލް މާޓިނެއްލީ ވަނީ ހަ މިނިޓު ފަހުން އާސެނަލް އަށް އަލުން ތިން ގޯލުގެ ލީޑު އަލުން ހޯދައިދީފަ އެވެ.

ބްރައިޓަންގެ ދެވަނަ ލަނޑު 77 ވަނަ މިނިޓުގައި ޖަހައިދިނީ އިވާން ފާގަސަން އެވެ. އެއަށް ފަހު މިޓޯމާ ބްރައިތަން އަށް އިތުރު ގޯލެއް ޖަހައިދިން ނަމަވެސް ވީއޭއާރުން ނިންމީ އޭނާ އޮފްސައިޑް ކަމަށެވެ.

މި ނަތީޖާއާ އެކު އާސެނަލް އެއް ވަނައިގައި އޮތީ 16 މެޗުން 43 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ސިޓީ އަށް 16 މެޗުން ލިބިފައި ވަނީ 36 ޕޮއިންޓެވެ.

ނިއުކާސަލްގެ ޖޮނަތަން އަތުން ބޯޅަ ހޯދަން، ލީޑްސްގެ ޓައިލާ އެޑަމްސް މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ނިއުކާސަލްގެ ޖޮނަތަން އަތުން ބޯޅަ ހޯދަން، ލީޑްސްގެ ޓައިލާ އެޑަމްސް މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލީގުގެ ތިން ވަނައިގައި އޮތީ 17 މެޗުން 36 ޕޮއިންޓް ހޯދާފައިވާ ނިއުކާސަލް ޔުނައިޓެޑެވެ. ނިއުކާސަލް ރޭ އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރު ވެގެންނެވެ.

ކްރިސްޓަލް ޕެލަސް ވަނީ ރޭ ރަށުން ބޭރުގައި 2-0 އިން ބޯންމަތު ބަލިކޮށް ވޯލްޑް ކަޕް ބްރޭކަށް ފަހު އެޓީމުގެ ފުރަތަމަ މޮޅު ހޯދައިފަ އެވެ. ފުރަތަމަ ހާފުގައި ޕެލަސްގެ ގޯލުތައް ޖަހައިދިނީ ޖޯޑަން އަޔޫ އާއި އެބެރޭޗީ އެޒޭ އެވެ.

މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް ޔާއޯ ޕަލީނިއާ ޖަހައިދިން ގޯލުން ފުލަމް ވަނީ 2-1 އިން ރޭ އަމިއްލަ ދަނޑުގައި ސައުތެމްޓަން ބަލި ކޮށްފަ އެވެ.

ފުރަތަމަ ހާފުގައި ޖޭމްސް ވާޑް ޕްރައުސް އަތުން ބައިކޮޅަށް ވަން ގޯލަކުން ފުލަމް އަށް ލީޑު ލިބުނެވެ. އަދި ދެ ވަނަ ހާފުގައި ވާޑް ޕްރައުސް ގޯލެއް ޖަހައި ސައުތެމްޓަން އަށް ނަތީޖާ އެއްވަރު ވެސް ކޮށްދިނެވެ.

މެޗުގެ އިތުރު ވަގުތުގައި ފުލަމް އަށް ތިން ވަނަ ގޯލެއް ޖަހަން ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް އެލެކްޒެންޑާ މިޓްރޮވިޗް ފޮނުވާލި ޕެނަލްޓީ ސައުތެމްޓަންގެ ޒުވާން ކީޕަރު ގަވިން ބަޒުނޫ ދިފާއު ކުރި އެވެ.