Roadha Mihaaru
ރާއްޖެއިން އެންމެ ގިނަ މީހުން މަރުވި ވަބާއަކަށް ކޮވިޑް

ރާއްޖެ އިން އެންމެ ގިނަ މީހުން މަރުވި ބަލިމަޑު ކަމަކަށް ކޮވިޑް ވެއްޖެ!

23 ޖެނުއަރީ 2022

ތާރީހުގައި ރިކޯޑު ކުރެވިފައިވާ، ރާއްޖެ އަށް ކުރިމަތިވި އެންމެ ބޮޑެތި ބަލިމަޑުކަމުގެ ތެރޭގައި ހިމެނޭ ޝިގެއްލާ އާއި ކޮލެރާގައި މަރުވި މީހުންނަށް ވުރެ ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު އިތުރުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ތާރީހުގައި ރިކޯޑު ކުރެވިފައިވާ، ރާއްޖެ އަށް ކުރިމަތިވި އެންމެ ބޮޑެތި ބަލިމަޑުކަމުގެ ތެރޭގައި ހިމެނޭ ޝިގެއްލާ އާއި ކޮލެރާގައި މަރުވި މީހުންނަށް ވުރެ ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު އިތުރުވެއްޖެ އެވެ.

ލ. އަތޮޅު ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން އަންނަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ނިޔާވި 84 އަހަރުގެ ދިވެހި ފިރިހެން މީހާއާ އެކު، ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 269 އަށް އަރައިފަ އެވެ.

މިއީ ފަހުގެ ތާރީހެއްގައި ރާއްޖެ އަށް ކުރިމަތިވި ބޮޑެތި ބަލިމަޑުކަމުގެ ތެރެއިން، ބޭރަށް ހިންގުމުގެ ދެ ވަނަ ބޮޑު ރޯގާ، ޝިގެއްލާ އާއި އޭގެ ކުރިން ކުރިމަތިވި ބޭރަށް ހިންގުމުގެ ރޯގާ، ކޮލެރާގައި މަރުވި މީހުންނަށް ވުރެ ވެސް ގިނަ އަދަދެކެވެ. ޝިގެއްލާގައި މުޅި ރާއްޖެއިން 197 މީހަކު މަރުވިއިރު، ކޮލެރާ ކޮންޓްރޯލްވި އިރު، 252 މީހަކު އެ ބަލީގައި މަރުވެފައިވެ އެވެ.

ހުޅުމާލޭ ސަހަރާގައި ކޮވިޑް ބަލީގައި މަރުވި މީހުން ވަޅުލަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހުޅުމާލޭ ސަހަރާގައި ކޮވިޑް ބަލީގައި މަރުވި މީހުން ވަޅުލަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގައި ކޮވިޑް ފެތުރެން ފެށިތާ ދެ އަހަރު ވާން ކައިރިވާ އިރު، މި ދުވަސްވަރު އަނެއްކާ ވެސް ވަނީ މި ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް މައްޗަށް ގޮސްފަ އެވެ. މި ވަގުތު 13،000 އަށް ވުރެ ގިނަ މީހުން މި ބައްޔަށް ފަރުވާ ހޯދަމުން ދާއިރު، މި މަހުގެ މިހާތަނަށް މި ބަލީގައި ހަތް މީހަކު މަރުވެފައިވެ އެވެ.

މި މަހު މަރުވި މީހުންގެ ތެރޭގައި އެންމެ ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ. އެންމެ ހަގު އުމުރުގެ މީހަކަށް މަރުވީ 34 އަހަރުގެ ބަންގުލަދޭޝްގެ ފިރިހެނެކެވެ.

ޗައިނާގެ ވޫހާން ސިޓީން ފުރަތަމަ ފެނުނު ކޮވިޑް، މުޅި ރާއްޖެ އަށް ފެތުރުނުއިރު، މި ބަލީގައި އެންމެ ގިނައިން މީހުން މަރުވެފައި ވަނީ މިިދިޔަ އަހަރުގެ މެއި މަހު އެވެ. އެއީ 88 މީހެކެވެ.

ޝިގެއްލާ އާއި ކޮލެރާ

ބޭރަށް ހިންގުމުގެ ރޯގާއެއް ކަމަށްވާ ޝިގެއްލާ ރާއްޖެއިން ފެނުނީ 1982 ވަނަ އަހަރު އެވެ. އިންޑިއާ އާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިޔެއްގެ ފަރާތުން އައި ކަމަށް ބެލެވޭ ޝިގެއްލާ ފުރަތަމަ ފެތުރެން ފެށީ މާލޭގަ އެވެ. އޭގެ ފަހުން ރާއްޖޭގެ އެކި ހިސާބުތަކަށް ފެތުރުނެވެ.

އެ ބަލި ކޮންޓްރޯލް ކުރެވުނުއިރު، މުޅި ރާއްޖެއިން 13،752 މީހަކަށް ބަލި ޖެހި، މާލެއިން އެކަނި ވެސް 3،950 މީހަކަށް ބަލި ޖެހިގެން ފަރުވާދީފައިވެ އެވެ. އަދި އެންމެ ގިނައިން މީހުން މަރުވީ ވެސް މާލެއިންނެވެ. އެއީ 33 މީހެކެވެ.

ޝިގެއްލާގެ ކުރިން 1977 ގައި ރާއްޖެ އަށް ކުރިމަތިވީ ބޭރަށް ހިންގުމުގެ އެހެން ބޮޑު ރޯގާއެއް ކަމަށްވާ ކޮލެރާ އެވެ.

ކޮލެރާގައި ރާއްޖެއިން އެންމެ ފުރަތަމަ މަރުވީ ލ. މާމެންދޫގައި ދިރިއުޅެމުން އައި އެ އަތޮޅު ފޮނަދޫ މީހެކެވެ. މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް، އެ މީހާ ހޮޑުލައި ބޭރަށް ހިންގި އެވެ. ދޯނި ރަށަށް ދިޔައިރު އޭނާގެ ހާލު ވަރަށް ސީރިއަސް އެވެ. އެހެންކަމުން ރަށު މީހުން ނިންމީ އާއިލާ ކައިރިއަށް ފޮނަދު އަށް ގެންދާށެވެ. އެކަމަކު އެ ނަސީބު އޭނާ އަށް ނުލިބި، ކަނޑުމަތީގައި މަރުވީ އެވެ.