Roadha Mihaaru
ކޮވިޑްގެ އިތުރު 1،559 ކޭހެއް

މަރުވި ފަހުން ޓެސްޓްކުރި ބަޔަކާއެކު ކޮވިޑް ކޭސްތަކުގެ އަދަދު 1،559

23 މެއި 2021

ރާއްޖޭން ކޮވިޑަށް ޓެސްޓްކުރި ސާމްޕަލްތަކުގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 1،559 މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭން ކޮވިޑަށް ޓެސްޓްކުރި ސާމްޕަލްތަކުގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 1،559 މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.

އެ އިދާރާ އިން އާއްމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން އިއްޔެ ހަވީރު 6 އިން މިއަދުގެ ހަވީރު 6 އަށް ރާއްޖޭން ކޮވިޑަށް ޓެސްޓްކުރީ 5،834 ސާމްޕަލެކެވެ. އެއާއެކު އެ ބައްޔަށް ޕޮޒިޓިވް 1،559 މީހެއްގެ ނަތީޖާ ހިމެނި ނަމަވެސް އޭގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ޓެސްޓްކުރީ ކިތައް މީހުން ކަމެއް ނުބުނެ އެވެެ. މީގެ ކުރިން މިވަރުގެ އަދަދުތައް ދިނުމަށް ފަހު، އެޗްޕީއޭއިން ބުނެފައި ވަނީ އޭގެ ތެރޭގައި ކުރީގެ ޓެސްޓްތަކުގެ ނަތީޖާ ނުވަތަ ބެކްލޮގް ހިމެނޭ ކަމަށެވެ.

މިރޭ އާއްކުރި މައުލޫމާތުތަކުގައިވާ ގޮތުން ކޮވިޑް ޖެހުނު ކަމަށް އަލަށް ރެކޯޑް ކުރި 1،559 މީހުންގެ ތެރޭގައި، އެ މީހުން ނިޔާވި ފަހުން އެ ބައްޔަށް ޓެސްޓުކުރި ނުވަ މީހަކު ވެސް ހިމެނެ އެވެ. އެކަމަކު އެއީ ސީދާ ކޮވިޑް ބަލީގައި ނިޔާވި ބައެއް ނޫނެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 23،464 އެވެ. އެ ބަލީގައި ނިޔާވި މީހުންގެ އަދަދަކީ މިހާރު 129 އެވެ. އޭގެ ތެރޭގައި މިއަދު ނިޔާވި ހަ މީހަކު ވެސް ހިމެނެ އެވެ. ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ ޖުމުލައަކީ މިހާރު 55،924 އެވެ.

ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ އަދަކީ މިހާރު 290 އެވެ. އޭގެ ތެރެއިން އައިސީޔޫގައި އޮތީ ކިތަން މީހުން ކަމެއް ނުވަތަ ބަޔަކު އައިސީޔޫއަށް ލާފައިވާކަން ނުވަތަ ނޫންކަން މިރޭ އާއްމުކުރި މައުލޫމާތަކުން ނޭނގެ އެވެ.

ބަލިމަޑުކަމުގެ ހާލަތު ގޯސްވެފައި ވާތީ މާލެ ސަރަހައްދުގައި އަޅާ އިތުރު ފިޔަވަޅުތައް އަންނަ ބުދަ ދުވަހު އިއުލާނުކުރާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ހަވީރު ބުންޏެވެ. އެކަމަކު، ލޮކްޑައުންއަކަށް ނުދާނެކަން ކަށަވަރު ކޮށްދިނެވެ.