Roadha Mihaaru
އެންމެ މަގުބޫލު ހޮޓެލްތަކުގެ ތެރޭ ރާއްޖޭގެ ދެ ރިސޯޓެއް

އިންސްޓަގްރާމްގައި އެންމެ މަގުބޫލު ފަސް ތަރީގެ ހޮޓެލްތަކުގެ ތެރޭގައި ރާއްޖޭގެ ދެ ރިސޯޓެއް

14 ޖެނުއަރީ 2022

އިންސްޓަގްރާމްގައި އެންމެ މަގުބޫލުގެ ފަސްތަރީގެ ޓޫރިސްޓް ހޮޓެލްތަކުގެ ތެރޭގައި ރާއްޖޭގެ ދެ ރިސޯޓެއް ހިމެނިއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އިންސްޓަގްރާމްގައި އެންމެ މަގުބޫލުގެ ފަސްތަރީގެ ޓޫރިސްޓް ހޮޓެލްތަކުގެ ތެރޭގައި ރާއްޖޭގެ ދެ ރިސޯޓެއް ހިމެނިއްޖެ އެވެ.

ދުނިޔޭގެ އެކި ސަރަހައްދުތަކުގެ 20 ފެސިލިޓީއެއް ހިމެނޭ މި ލިސްޓަށް ހޮޓެލްތަކާއި ރިސޯޓުތައް ހޮވާފައި ވަނީ މިދިޔަ އަހަރު އެންމެ ގިނައިން ހޭޝްޓެގް ބޭނުން ކޮށްފައިވާ އަދަދަށް ބަލައިގެންނެވެ. މުޅި ދުނިޔެ އިން ވެސް ފަސް ތަރީގެ ޓޫރިސްޓް ފެސިލިޓީތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ގިނައިން ހޭޝްޓެގެއްގެ ގޮތުގައި ބޭނުން ކޮށްފައިވަނީ ސޮނެވާ ޖާނީ އެވެ. އަދި ނުވަ ވަނަ އަށް އެންމެ ގިނައިން ހޭޝްޓެގް ބޭނުންކުރީ ނިޔާމަ ޕްރައިވެޓް އައިލެންޑެވެ.

އިންސްޓަގްރާމްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ އެޕްލިކޭޝަންގެ އެންމެ މަގްބޫލު ފަސްތަރީގެ ހޮޓަލަކަށް ހޮވިފައިވަނީ ދުބާއީގެ ބުރުޖް އަލް އަރަބް ޖުމެއިރާ އެވެ. އެއީ 2.4 މިލިއަން ހޭޝް ޓެގާއެކު އެވެ. ދެވަނައިގައި އޮތް ސޮނެވާ ޖާނީ ހޭޝްޓެގްގެ ގޮތުގައި ބޭނުން ކޮށްފައިވަނީ 415,461 ފަހަރު އެވެ. އަދި ނުވަ ވަނައިގައި އޮތް ނިޔާމަ ހޭޝްޓެގް ގޮތުގައި ބޭނުން ކޮށްފައިވަނީ 69,595 ފަހަރު އެވެ.

ސޮނެވާ ޖާނީއަކީ އިންސްޓަގްރާމްގައި އެންމެ ކުރި ހޯދަފައިވާ ރިސޯޓުތަކުގެ ތެރެއިން އެއް ރިސޯޓެވެ. މިދިޔަ އަހަރު އިންސްޓަގްރާމްގައި އެ ރިސޯޓުގެ ފޮލޯވަރުންގެ އަދަދު ވަނީ މިލިއަނަކަށް ވެސް އަރައިފަ އެވެ. މިއީ ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ގިނަ ބަޔަކު ފޮލޯ ކުރާ ރިސޯޓެވެ.

ނިޔާމަ ޕްރައިވެޓް އައިލެންޑުގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު ހުރީ 263،000ގަ އެވެ.

ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން އެންމެ ފޮލޯވަރުންގެ ގިނަ ރިސޯޓަކީ ފޯ ސީޒަންސް އެވެ. އެއީ 1.1 މިލިއަން ފޮލޯވަރުންނެވެ. ނަމަވެސް އިންސްޓަގްރާމްގެ އެންމެ މަގުބޫލު ލިސްޓުގައި ފޯ ސީޒަންސްގެ އެއްވެސް ފެސިލިޓީއެއް ނުހިމެނެ އެވެ.