Roadha Mihaaru
ރާއްޖޭގައި ކުޑަކުއްޖެއްގެ ހިތަށް ކެތީޓާއެއް ލައްވައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުޑަކުއްޖެއްގެ ހިތުގެ ލޭ ހޮޅިއަކަށް ކެތީޓާއެއް ލައްވައިފި

14 ޖެނުއަރީ 2022

ހިތުން ފުއްޕާމެއަށް ލޭ ފޮނުވައިދޭ ވޭލް ހިމަކަމުން ލޭ ދައުރުވުމުގައި ދަތިކަމެއް ހުރި ކުޑަކުއްޖެއްގެ ހަށިގަނޑަށް އައިޖީއެމްއެޗްގައި ކެތީޓާއެއް ލައްވައި ކުޑަކުއްޖެއްގެ ހިތުގެ މިފަދަ ޕްރޮސީޖާ ރާއްޖޭގައި ފުރަތަމަ ފަހަރަށް ހަދައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހިތުން ފުއްޕާމެއަށް ލޭ ފޮނުވައިދޭ ވޭލް ހިމަކަމުން ލޭ ދައުރުވުމުގައި ދަތިކަމެއް ހުރި ކުޑަކުއްޖެއްގެ ހަށިގަނޑަށް އައިޖީއެމްއެޗްގައި ކެތީޓާއެއް ލައްވައި ކުޑަކުއްޖެއްގެ ހިތުގެ މިފަދަ ޕްރޮސީޖާ ރާއްޖޭގައި ފުރަތަމަ ފަހަރަށް ހަދައިފި އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލުން ކުރި ޓްވީޓެއްގައި ބުނީ މިދިޔަ އަންގާރަ ދުވަހުމި ޕްރޮސީޖާ ހެދީ ފުއްޕާމެއާ ހިތާ ގުޅޭ ވޭލް ވަރަށް ބޮޑަށް ހިމަކޮށް ހުރުމުގެ ސަބަބުން ލޭ ދައުރުވުމުގެ މައްސަލަތައް ދިމާވި ކުޑަ ކުއްޖެއްގެ ކަމަށެވެ.

"ޕްރޮސީޖާއަށް ފަހު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގައި ބާއްވަން ނުޖެހި ކުއްޖާ ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައި" ކަމަށް އައިޖީއެމްއެޗްގެ ޓްވީޓްގައި ބުނެފައިވެ އެވެ.

މި ޕްރޮސީޖާއަކީ "ބެލޫން ޕަލްމޮނަރީ ވެލްވުލޮޕްލާސްޓީ" އެވެ. މިއީ ފަޅައިގެން، އޯޕަން ހާޓް ސާޖަރީ ހެދުމުގެ ބަދަލުގައި ހަދާ އިންޓަވެންޝަނެކެވެ.

އެކަން ކުރަނީ ކެތީޓާއެއް ލައްވައިގެންނެވެ. ކެތީޓާގައި ފުއްޕާހަމެއް ކަހަލަ އެއްޗެއް އިންނާނެ އެވެ. ލޭ ހޮޅީގެ ތެރެއަށް ކެތީޓާ ލެއްވުމަށް ފަހު ހަން ފުއްޕާލުމުން ފުޅާވެ ލޭ ދައުރުވާން ފަސޭހަވާނެ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުޑަކުއްޖެއްގެ ހިތުގެ ޕްރޮސީޖާ ހެދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ޑޮކްޓަރުން.-- ފޮޓޯ: އައިޖީއެމްއެޗް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުޑަކުއްޖެއްގެ ހިތުގެ ޕްރޮސީޖާ ހެދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ޑޮކްޓަރުން.-- ފޮޓޯ: އައިޖީއެމްއެޗް

ރާއްޖޭގައި ފުރަތަމަ ފަހަރަށް މި ބާވަތުގެ ޕްރޮސީޖާގެ ހެދި ޓީމުގައި އިސްކޮށް ހުންނެވީ ހިތުގެ ބަލިތަކުގެ ޑރ. މުހައްމަދު ޝަނީޒް ނަޖްމީ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. އަދި ހޭނައްތާ ޑރ. އަސަދު މުހައްމަދު ޝަހީދު ވެސް ޓީމުގައި ހިމެނެ އެވެ.

އައިޖީއެމްއެޗުން ބުނީ އެ ޕްރޮސީޖާއިން، އޮޕަރޭޝަން ކުރުމުގެ ބަދަލުގައި ކެތީޓާ ނުވަތަ ސްޓްރަކްޗަރަލް އިންޓަވެންޝަން ފެށޭނެ ކަމަށެވެ.

ފަރުވާތައް ބޭނުންވާ މީހުންނަށް ދޭ ހިދުމަތްތައް ރަނގަޅު ކުރުމަށް އެ ހޮސްޕިޓަލުން މިހާރު ދެމުން އަންނަ ފަރުވާތައް ރަނގަޅުކޮށް އަދި އިތުރު ކަންކަން ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.

ކުޑަކުދިންގެ ހިތުގެ ފުރަތަމަ ޑރ. އައިޝަތު އެލީނާ މި ވަގުތު އަންނަނީ ރާއްޖެ އިން ބޭރުން އިންޓަވެންޝަން ކާޑިއޮލޮޖީގެ ތަމްރީނުތައް ހައްދަވަމުންނެވެ.