Roadha Mihaaru
އީގަލްސްއާ އެއްވަރުވިޔަސް ވެލެންސިއާ އެއްވަނަ އަށް

އީގަލްސްއާ އެއްވަރުވިޔަސް ވެލެންސިއާ އެއްވަނަ އަށް

14 ޖެނުއަރީ 2022

ކްލަބް އީގަލްސް އަތުން 2-2 ން އެއްވަރުވެ، ލިބުނު އެއް ޕޮއިންޓާއެކު، ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގެ އެއްވަނަ މަގާމަށް ކްލަބް ވެލެންސިއާ ޖެހިލައިފި އެވެ.

ކްލަބް އީގަލްސް އަތުން 2-2 ން އެއްވަރުވެ، ލިބުނު އެއް ޕޮއިންޓާއެކު، ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގެ އެއްވަނަ މަގާމަށް ކްލަބް ވެލެންސިއާ ޖެހިލައިފި އެވެ.

ވެލެންސިއާ އެއްވަނަ އަށް ޖެހިލީ، ކުރިން އެއްވަނައިގައި އޮތް، މާޒިޔާ، މިއަދު ހަވީރު، ކްލަބް ގްރީން ސްޓްރީޓްސް އަތުން ބަލިވުމުންނެނެވެ. ގްރީން އާއި މާޒިޔާ އަށް ވެސް ލިބިފައި ވަނީ 15 ޕޮއިންޓެވެ.

މެޗު ފެށިގެން ދެވަނަ މިނެޓްގައި، ވެލެންސިއާ ސްޕެއިންގެ ފޯވާޑް، ބޮރްހޯސް މާޓިން އެ ޓީމަށް ލީޑް ނަގައިދިނެވެ. އީގަލްސްގެ ހާފުގެ ތެރެއިން ލިބުނު ބޯޅަ ހިފައިގެން ގޮސް އޭރިއާގެ ތެރެއަށް ވަން ގޮތަށް އޭނާ ވަނީ ގޯލްގެ ތެރެއަށް ފޮނުވައިލައިފަ އެވެ. އީގަލްސްގެ ކީޕަރު މުހައްމަދު ތޯހާ ކުރިއަށް އަރައިއަރައި އޮއްވައި، ބްރޮހާސް ފޮނުވާލުމުން ކީޕަރު އަށް މާބޮޑު ފުރުސަތެއް ނުލިބުނެވެ.

އެކަމަކު މެޗުގެ ކުރީކޮޅު ލީޑް ނެގިނަމަވެސް ލީޑް ގައި ވެލެންސިއާ އަށް ހިފަހައްޓައެއް ނުލެވުނެވެ. މެޗުގެ 16 ވަނަ މިނެޓްގައި އަހްމަދު ހުސައިން (އަންމަޑޭ) އީގަލްސް އަށް ނަތީޖާ ހަމަހަމަކޮށްދިނެވެ.

ވެލެންސިއާ އާއި އީގަލްސް މިރޭ ކުޅުނު މެޗުގެ ތެރއިން --- ފޮޓޯ: ނިޝާން އަލީ | މިހާރު

ވެލެންސިއާ އާއި އީގަލްސް މިރޭ ކުޅުނު މެޗުގެ ތެރއިން --- ފޮޓޯ: ނިޝާން އަލީ | މިހާރު

ވެލެންސިއާގެ އޭރިއާގެ އަރިމަތިން ހުމައިދު ހުސައިން، ދިން ބޯޅަ އަހްމަދު ހަސަން ކޮންޓްރޯލް ކުރުމަށް ފަހު އޭރިއާ ތެރެއަށް ވަނުމުގެ ބަދަލުގައި އޭނާ ވަނީ އޭރިއާގެ ރޮނގުމަތިން ބޯޅަ ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ. ގޯލް ދަނޑިއާ ކައިރިން ދިއުމުން ކީޕަރު ހުސައިން ތޮލާލް (ޓޮޕްލެކް) އަށް ވެސް އެބޯޅަ ސަލާމަތް ކުރުމުގައި މާބޮޑު ކަމެއް ނުކުރެވުނެވެ.

މެޗުގެ 28 ވަނަ މިނެޓްގައި އީގަލްސް އަށް ލީޑް ނަގައިދިނީ އަހްމަދު ރިޒުވާން (ރިޒޭ) ޖެހި ޕެނަލްޓީ އަކުންނެވެ. އީގަލްސް އަށް ލިބުނު ޕެނަލްޓީ އަކީ، ވެލެންސިއާގެ އޭރިއާގެ ތެރެއިން އެޓީމު ސަމްދޫހް މުހައްމަދު،، އީގަލްސްގެ ހަސަން ރާއިފް އަހްމަދު (ހަންނަ) ކޮއްޕާލުމުން ދިން ޕެނަލްޓީއެކެވެ.

ދެވަނަ ހާފުގައި ވެލެންސިއާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ އިސްމާއީލް އީސާ އެވެ. އީގަލްސްގެ އޭރިއާގެ އަރިމަތިން، ބޮރްހޯސް ނަގައިދިން ބޯޅަ، އީސަ ގޯލަށް ފޮނުވާލި ރަނގަޅަށް ބޯޅަ ކޮންޓްރޯލް ކުރުމަށް ފހު އެވެ. ބޯޅަ ކޮންޓްރޯލް ކުރަން އީސަ މަސައްކަތް ކުރަން ޖެހުނު ގޮތުން، ބޯޅަ ސާފްކޮށްލަން ވެސް އީގަލްސް ކުޅުންތެރިންނަށް އެކަށީގެންވާ ވަގުތެއް ލިބުނެވެ. އެކަމަކު އީސަ ކައިރީގައި ރަނގަޅަށް ވިއްދާފައި ނެތުމުން އީގަލްސްގެ ޑިފެންޑަރުންނަށް އެބޯޅަ ނުހޯދުނެވެ.

މެޗުގެ 84 ވަނަ މިނެޓްގައި އީގަލްސްގެ ހަންނަ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާގެ ކަނާ ދިމާލުން އަރައި ހަމަޖެހިލާފައި ފޮނުވާލި ބޯޅަ ނުރައްކާކޮށް ދިޔަ ނަމަވެސް އެބޯޅަ ދިޔައީ ހުރަސްދަނޑިއާ އިންޗިއެއްހައި މަތިން ބޭރަށެވެ. އޭގެ ފަހުން ރިޒްވާން ބޯޅަ ހިފައިގެން އެޜިއާގެ އަރިމަތިން އަރައި ގޯލަށް ފޮނުވާލަން އުޅުނު ނަމަވެސް ކީޕަރު ތޮލާލް ބާރުބަރަށް ކުރިއަށް ނުކުމެ ޑައިވްކޮށް އެބޯޅަ ސަލާމަތް ކުރި އެވެ.

އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު ވަނަ މިނެޓްގެ ތެރެއިން ފަހު މިނެޓްގައި، ހަންނަ އޭރިއާގެ އަރިމަތިން އަރައި ގޯލްގެ ތެރެއަށް އޮޅަލަށް ފޮނުވާލި ބޯޅަ ކީޕަރު ތޮލާލް ޕަންޗުކޮށް ބޯޅަ ދިފާއު ކުރި އެވެ. މެޗު އީގަލްސް ނިންމާލީ އެއްކުޅުންތެރިޔަކު މަދުކޮށެވެ. އެޓީމުގެ ހުމައިދު، ވެލެންސިއާގެ ހަސަން ހަނާންގެ ޖޯޒީގައި ހިފެހެއްޓުމުން ރެފްރީ ވަނީ އޭނާ އަށް ދެވަނަ ރީނދޫކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވައިލައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހަންނަ އެވެ.