Roadha Mihaaru
އުދައްޔުގެ މަރު: ހެކިންގެ މައުލޫމާތު ސިއްރުކޮށްފި

އުދައްޔުގެ މަރު: ހެކިންގެ މައުލޫމާތު ސިއްރުކުރަން ނިންމައިފި

12 ޖެނުއަރީ 2022

މިދިޔަ އަހަރު ގއ. މާމެންދޫގައި އަހުމަދު އުދައްޔު މަރާލި މައްސަލާގައި ހިމެނޭ ހެކިވެރިންގެ މައުލޫމާތު ސިއްރުކުރަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިދިޔަ އަހަރު ގއ. މާމެންދޫގައި އަހުމަދު އުދައްޔު މަރާލި މައްސަލާގައި ހިމެނޭ ހެކިވެރިންގެ މައުލޫމާތު ސިއްރުކުރަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މާމެންދޫގައި 17 އަހަރުގެ އުދައްޔުއަށް ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރަނީ ތިން މީހެއްގެ މައްޗަށެވެ. އެއީ މާމެންދޫ ރިހިފަރުދާގޭ އަހުމަދު ޝަމީމާއި އެރަށު ބިލަތްމާގޭ ޝަރަފު ރަޝީދުގެ އިތުރުން އެރަށު ގުލްފާމްގޭ މުހައްމަދު މާޒިންގެ މައްޗަށެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އެ މައްސަލާގައި 25 މީހަކު ދައުލަތުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާނެ ކަމަށާއި އަދި އެ މީހުންނަކީ ކޮން ބައެއްކަން އެނގިއްޖެ ނަމަ އެ މީހުންނަށް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންވެ، އެ މީހުންގެ މައުލޫމާތު ސިއްރު ކުރުމުގެ އިތުރުން އެ މީހުންގެ ބަޔާންތަކާއި އަދިި ހާދިސާ ހިނގި ސަރަހައްދުގެ ވީޑިއޯ ފުޓޭޖްތައް ވެސް ސިއްރުކުރަން އެދޭ ކަމަށް ދައުލަތުން ބުންޏެވެ.

މީގެ އިތުރުން އުދައްޔުއަށް ލިބުނު އަނިޔާތަކުގެ ފޮޓޯތައް ވެސް ދައުވާލިބޭ މީހުންގެ ވަކީލުންނަށް ނުދޭން ދައުލަތުން އެދުނެވެ. އެކަމަކު ކޯޓުގައި އެ ފޮޓޯތައް ބެލުމުގެ ހުއްދަ ދޭން ދެކޮޅު ނަހަދާ ކަމަށް ދައުލަތުން ބުންޏެވެ.

ދިފާއީ ވަކީލުން ވިދާޅުވީ ދައުވާލިބޭ މީހުން ތިބީ ބަންދުގައި ކަމަށްވާތީ ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ. އަދި ސިއްރު ހެކިންގެ ނަންތައް ސިއްރު ކުރިޔަސް، ބަޔާންތައް ދޭންޖެހޭނެ ކަމަށާއި އެހެން މައްސަލަތަކުގައި ވެސް އަމަލުކުރަނީ އެގޮތަށް ކަމަށް ދައުލަތުން ބުންޏެވެ. އަދި ބަޔާންތައް ނުދޭ ނަމަ ދިފާއުވުމުގެ ފުރުސަތު ގެއްލޭނެ ކަމަށާއި ވީޑިއޯ ފުޓޭޖް އެއްކޮށް ސިއްރު ކުރުމުން ވެސް ދިފާއުވުމުގެ ފުރުސަތު ގެއްލޭނެ ކަމަށް ވަކީލުން ވިދާޅުވި އެވެ.

ސިއްރު ހެކިވެރިންގެ މައުލޫމާތު ހާމަވާނެ ފަދަ މައުލޫމާތުތައް އުނިކުރުމަށްފަހު ބަޔާންތައް ނުދެވޭނެތޯ އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ އެފަދަ މައުލޫމާތުތައް އުނިކުރުމަށްފަހު ދެވިދާނެ ކަމަށެވެ. އެކަމަކު ބަޔާންތަކުން އުނި ކުރާނެ މައުލޫމާތަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ދައުލަތަށް ލިބެން ޖެހޭނެ ކަމަށާއި އަދި ވީޑިއޯގައި ވެސް ސިއްރު ހެކިވެރިން ހާމަނުވާ ގޮތަށް ބަދަލު ގެނައުމަށްފަހު ވީޑިއޯ ދެވިދާނެ ކަމަށް ދައުލަތުން ބުންޏެވެ.

އެހެންވެ، ގާޒީ ނިންމެވީ ސިއްރު ހެކިވެރިންގެ މައުލޫމާތުތައް ހާމަވާނެ ފަދަ މައުލޫމާތުތައް އުނިކުރުމަށްފަހު ބަޔާންތައް ދައުވާލިބޭ މީހުންގެ ވަކީލުންނަށް ދޭންޖެހޭނެ ކަމަށެވެ. އަދި ވީޑިއޯ ފުޓޭޖްގައި ވެސް ސިއްރު ހެކިން ހާމަވާ ބައިތައް އުނިކުރުމަށްފަހު ވީޑިއޯ ދޭން ޖެހޭނެ ކަމަށް ގާޒީ ނިންމެވި އެވެ.

މީގެ އިތުރުން އުދައްޔުއަށް ލިބިފައިވާ އަނިޔާތަކުގެ ފޮޓޯތައް ކޯޓުގައި ބެލުމުގެ އިންތިޒާމް ދައުވާލިބޭ މީހުންގެ ވަކީލުންނަށް ދެވޭނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. އަދި ސިއްރު ހެކިންގެ މައުލޫމާތު ހާމަވާ މައުލޫމާތުތައް ބަޔާންތަކުން އުނިކުރުމަށްފަހު ދައުލަތުން ކޯޓަށް ހުށަހެޅުމުން އެ ބަޔާންތައް ދިފާއީ ވަކީލުންނަށް ލިބޭނެ ކަމަށާއި ދެން އޮންނަ އަޑުއެހުން ބާއްވާނީ އެ ބަޔާންތައް ދިނުމަށްފަހު ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ދެން އޮންނަ އަޑުއެހުމުގައި އޮންނާނީ ދައުވާއަށް ޖަވާބުދާރީވުން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ދައުވާލިބޭ ޝަރަފްގެ ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހޭތީ އާއިލާގެ ބެލުމުގެ ދަށުން އެ އޮޕަރޭޝަން ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން އޭނާގެ ވަކީލް އެދިވަޑައިގަތެވެ. އެކަމަކު ގާޒީ ވިދާޅުވީ އެކަން ހުށަހަޅަން ޖެހޭނީ ކަރެކްޝަނަލް ސާވިސްއަށް ކަމަށެވެ.

އުދައްޔުގެ މަރާ ގުޅިގެން ކުޑަކުއްޖެއްގެ މައްޗަށް ދައުލަތުން ޖުވެނައިލް ކޯޓުގައިި ވެސް ދައުވާކުރެ އެވެ.