Roadha Mihaaru
ކިލޯމީޓަރެއްގެ ފުޅާމިން ހުރި ހިލަގަނޑެއް ބިމާ ދިމާއަށް

ކިލޯމީޓަރެއްގެ ފުޅާމިން ހުރި ހިލަގަނޑެއް ބިމާ ދިމާއަށް

12 ޖެނުއަރީ 2022

ޖައްވުގެ ތެރޭގައި ބާރު ދުވެލީގައި ބުރު ޖަހަމުންދާ ބިޔަ ހިލަގަނޑެއް، މިމަހުގެ 18 ވަނަ ދުވަހު މި ބިމާ ވަރަށް ކައިރިން ދަތުރުކުރާނެ ކަމަށް ސައެންސްވެރިން ބުނެފި އެވެ.

ޖައްވުގެ ތެރޭގައި ބާރު ދުވެލީގައި ބުރު ޖަހަމުންދާ ބިޔަ ހިލަގަނޑެއް، މިމަހުގެ 18 ވަނަ ދުވަހު މި ބިމާ ވަރަށް ކައިރިން ދަތުރުކުރާނެ ކަމަށް ސައެންސްވެރިން ބުނެފި އެވެ.

އެމެރިކާގެ ޖައްވީ ދިރާސާތަކާ ބެހޭ އިދާރާ ނާސާ އިން ބުނި ގޮތުގައި، ފުޅާމިނުގައި ކިލޯމީޓަރެއް (3451 ފޫޓު) ހުރި އެ ހިލަގަނޑު މިހާރު ޖައްވުގެ ތެރޭގައި ދަތުރު ކުރަމުން ދަނީ، ގަޑިއަކު 47344 މޭލު ބާރުމިނުގަ އެވެ. އަދި މިހާރު އެ ހިލަގަނޑު އޭގެ އޯބިޓްގައި ބުރު ޖަހަމުންދާ ގޮތަށް ބަލާއިރު، މިބިމާ އެންމެ ކައިރިން ދަތުރުކުރާނީ މިމަހުގެ 18 ވަނަ ދުވަހު އެވެ. އެއީ މި ބިމާ 1.2 މިލިއަން މޭލު ކައިރިންނެވެ.

އެ ހިލަގަނޑު ހޯދިފައިވަނީ 1994 ވަނަ އަހަރު ކަމަށްވާތީ، ޖައްވީ ދިރާސާތައް ކުރާ ފަރާތްތަކުން އެ ހިލަގަނޑު ފާހަގަކޮށްފައިވަނީ، 7482 (1994 ޕީސީ1)ގެ ނަމުންނެވެ. އެ ހިލަގަނޑު މި ބިމާ ކައިރިން ދަތުރުކުރި ކަމުގައި ވިޔަސް، މި ބިމަށް ވެއްޓުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

މި ހިލަގަނޑު ޖައްވުގެ ތެރޭގައި ދަތުރުކުރަމުންދާ އޯބިޓާއި މި ބިމުގެ އޯބިޓާ ދެމެދު ހުރި ކައިރި މިނަށް ބަލާއިރު، ކުރިއަށް އޮތް 200 އަހަރުގެ ތެރޭގައި އެ ހިލަގަނޑު މިބިމާ އެންމެ ކައިރިން ދަތުރުކުރާނީ މިމަހުގެ 18 ވަނަ ދުވަހު އެވެ.

މިހާތަނަށް ދުނިޔެއާ އެންމެ ކައިރިން ދަތުރުކުރި އެންމެ ބިޔަ ޖައްވީ ހިލަގަނޑު ދުނިޔެއާ ކައިރިން ދަތުރުކޮށްފައިވަނީ ސެޕްޓެމްބަރު 1، 2017ގަ އެވެ. ފުޅާމިނުގައި 2.5-5.5 މޭލުގެ ފުޅާމިނެއް ހުންނާނެ ކަމަށް ބެލެވޭ 3122 ފްލޮރަންސްގެ ނަން ދީފައިވާ އެ ހިލަގަނޑު، ދެން މިބިމާ އެންމެ ކައިރިން ދަތުރުކުރާނީ ސެޕްޓެމްބަރު 2، 2057ގަ އެވެ.

މި ބިމާ ކައިރިން ދަތުރުކުރާ ޖައްވީ ހިލަގަނޑުތައް މިބިމަށް ވެއްޓިދާނެ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެފަދަ ހާދިސާއަކުން ރައްކާތެރިވާނެ ގޮތުގެ ދިރާސާތަކެއް ނާސާ އިން މިހާރު ވެސް އަންނަނީ ކުރަމުންނެވެ. އެ ގޮތުން، ބާރު ދުވެލީގައި ދަތުރުކުރާ ޖައްވީ އުޅަނދެއް، ޖައްވީ ހިލަގަނޑެއްގައި ޖައްސައިގެން އެ ހިލަގަނޑުގެ މިސްރާބު ބަދަލުކޮށްލެވޭނެތޯ ބެލުމަށް، މިހާރު ވަނީ ޖައްވަށް އުޅަނދެއް ފޮނުވައިފަ އެވެ.

އެ އުޅަނދު މުޑިއަރުވައިލުމަށް ނިންމާފައިވަނީ، މި ބިމާ މާ ދުރު ނޫން ހިސާބެއްގައި ބުރުޖަހަމުންދާ ހިލަގަނޑެއް ކަމަށްވާ ޑިޑީމޮސްގެ ވަށައިގެން ހަނދެއްގެ ގޮތުގައި ބުރުޖަހަމުންދާ ޑިމޯފޮސް ކިޔާ ހިލަގަނޑަށެވެ. ޑާޓް މިޝަންގެ ނަން ދީފައިވާ، އަޖުމަބެލުމުގެ މި މަސައްކަތުގައި ޖައްވީ އުޅަނދު އެ ހިލަގަނޑާ މުޑިއަރުވައިލާނީ، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.