Roadha Mihaaru
އިއްބެގެ ހެޓްރިކުން މާޒިޔާ ފައިނަލްގެ ޖާގައާ ކައިރިއަށް

އިއްބެގެ ހެޓްރިކުން މާޒިޔާ ފައިނަލްގެ ޖާގައާ ކައިރިއަށް

09 ޖެނުއަރީ 2022

ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް 4-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގެ ޖާގައާ ކައިރިއަށް މާޒިޔާ ޖެހިލައިފި އެވެ.

ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް 4-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގެ ޖާގައާ ކައިރިއަށް މާޒިޔާ ޖެހިލައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ކާމިޔާބުކޮށް، މާޒިޔާ ވަނީ އެއްވަނަ އަށް އަލުން ޖެހިލައިފަ އެވެ. މާޒިޔާ އާއި ވެލެންސިއާ ވެސް ވަނީ ކުޅުނު ފަސް މެޗު ވެސް ކާމިޔާބުކޮށް 15 ޕޮއިންޓް ހޯދާފަ އެވެ. މާޒިޔާ އަށް އެއްވަނަ ލިބެނީ ފައިދާ ގޯލުންނެވެ. ރ. އަލިފުށީގައި ކުޅެން ހަމަޖައްސާފައިވާ، ފައިނަލް މެޗުގައި ބައްދަލު ކުރަނީ ލީގު އުސޫލުން ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެވެ.

މާޒިޔާގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގައި ޖެހީ، ކޯނޭލިއަސް ސްޓެވާޓް (ކޯނޭ) އެވެ. އޭރިއާގެ އަރިމަތިން އަރައި ތިރިތިރިން އޭނާ ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވައްދާލީ ވަރަށް ބާރަށެވެ. ޔޫވީގެ ކީޕަރު އަހްނަފް އިސްމާއީލް ޒަރިއަންދު އަށް ވެސް، އެބޯޅަ ދިފާއު ކުރުމުގައި މާބޮޑު ކަމެއް ނުކުރެވެނެވެ.

މާޒިޔާއިން ލީޑް ނެގި ފަހުން ޔޫވީގެ އަހްމަދު ބައްސާމް، ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ އުފެއްދި ހަމަލާގައި ހުސްކޮށް ޔޫވީ އަށް ފުރުސަތު ލިބިގެން ދިޔަ އެވެ. އެކަމަކު އެ ފުރުސަތު ބޭނުމެއް ނުކުރެވުނެވެ. ދެވަނަ ހާފުގައި ވެސް ބައްސާމް އަށް ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. މެޗުގެ 75 ވަނަ މިނެޓްގައި ބޯޅަ ހިފައިގެން އޭރިއާގެ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިއާ އިންޗިއެއްހައި މަތިން ބޭރަށެވެ.

އިއްބެ ހެޓްރިކް ހެދީ ދެވަނަ ހާފުގައި ކާމިޔާބު ކުރި ލަނޑުތަކުންނެވެ. ދެވަނަ ހާފު ފެށިގޮތަށް ފުރަތަމަ މިނެޓްތެރޭގައި އޭރިއާގެ ތެރެއަށް ވަދެ ފޮނުވާލި ބޯޅައިން އިއްބެ ލަނޑު ޖެހި އެވެ. ދެވަނަ ލަނޑު އޭނާ ޖެހީ 69 ވަނަ މިނެޓްގަ އެވެ. އިއްބެ ތިން ވަނަ ލަނޑު ޖެހީ މުހައްމަދު އުމޭރު ނަގައިދިން ކޯނަރު ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.

ދެވަނަ ހާފުގައި އިބްރާހިމް އައިސަމް (ޓޯނީ) އާއި މުހައްމަދު އުމޭރު ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލި އެވެ. އެކަމަކު އެ ދެ ކުޅުންތެރިން ފޮނުވާލި ބޯޅަތައް ވެސް އަމާޒުވީ ގޯލް ދަނޑި އަށެވެ. އޭގެ ފަހުން ހަސަން ޝިފާޒު (ޑުންގާ) ފޮނުވާލި ނުރައްކާތެރި ބޯޅަ ދިޔައީ ގޯލް ހުރަސް ދަނޑިމަތިން ބޭރަށެވެ. ކެޕްޓަން އަސަދުﷲ އަބްދުﷲ އަށް ވެސް ދެވަނަ ހާފުގައި ރަނގަޅު ފުރުސަތެއް ލިބބުނެވެ.