Roadha Mihaaru
މެންޗެސްޓާގެ ތަރިއަކަށް ވަގުންތަކެއް ހަމަލާ ދީފި

މެންޗެސްޓާ ސިޓީގެ ތަރިއަކަށް ވަގުންތަކެއް ހަމަލާ ދީފި

02 ޖެނުއަރީ 2022

މެންޗެސްޓާ ސިޓީ އަށް ކުޅޭ ޕޯޗްގަލްގެ ފުޓްބޯޅަ ތަރި، ޖޮއާ ކެންސެލޯ އަށް ވަގުންތަކެއް ބުރާސްފަތި ދުވަހު ހަމަލާދީ އޭނާގެ ގެއިން ވައްކަންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މެންޗެސްޓާ ސިޓީ އަށް ކުޅޭ ޕޯޗްގަލްގެ ފުޓްބޯޅަ ތަރި، ޖޮއާ ކެންސެލޯ އަށް ވަގުންތަކެއް ބުރާސްފަތި ދުވަހު ހަމަލާދީ އޭނާގެ ގެއިން ވައްކަންކޮށްފި އެވެ.

މި ވާހަކަ އޭނާ އިންސްޓަގްރާމް ސްޓޯރީގައި ހުކުރު ދުވަހު ޕޯސްޓްކުރީ ގެއަށް ވަން ހަތަރު ވަގުންނާ މެދު ހިނގި ކުރިމަތިލުމުގައި މޫނުގެ ކަނާތް ފަރާތަށް ލިބިފައި ހުރި ޒަހަމްތައް ފެންނަ ފޮޓޯއަކާ ވެސް އެކީގަ އެވެ. އެއިން ފެންނަ ގޮތުގައި ކުޅުންތެރިޔާ ކަނާތު ލޮލާއި ދަތްދޮޅިއާ ދިމާލުން ވެސް ޒަހަމްވެފައިވެ އެވެ.

ކެންސެލޯ ބުނި ގޮތުގައި ހަތަރު ވަގުން ގެއަށް ވަދެ ހަމަނުޖެހުން ހިންގި ނަމަވެސް އެ ހާދިސާގައި އާއިލާގެ އިތުރު އެއްވެސް ބަޔަކަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ. ނަމަވެސް ގޭގައި ރައްކާކޮށްފައި ހުރި ގަހަނާކޮޅު ވަގުން ގެންގޮސްފައިވާ ކަމަށް ބުންޏެވެ.

ކެންސެލޯގެ އިންސްޓަގްރާމް ޕޯސްޓްގެ ސްކްރީންޝޮޓެއް.

ކެންސެލޯގެ އިންސްޓަގްރާމް ޕޯސްޓްގެ ސްކްރީންޝޮޓެއް.

މި ހާދިސާ ގުޅިގެން މެންޗެސްޓާ ސިޓީން ވެސް ކަންބޮޑުވުން ފާޅުކޮށް، އެ ޓީމުން ބުނީ ކެންސެލޯ އާއި އޭނާގެ އާއިލާ އަށް ކުލަބުން އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ ކަމަށެވެ. އެ ހާދިސާ މިހާރު ފުލުހުން ވެސް އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކެންސެލޯ، 27، މެންޗެސްޓާ ސިޓީއާ ގުޅުނީ 2019 ވަނަ އަހަރު އެވެ. ޔުވެންޓަސް ދޫކޮށް އެ ޓީމާ އޭނާ ގުޅުނީ 71 މިލިއަން ޑޮލަރުގެ ފީއަކަށެވެ.