Roadha Mihaaru
މަންމަ އަށް ރޮކް ދިން ހަދިޔާ އަކީ ކާރެއް

މަންމަ އަށް ރޮކް ދިން ހަދިޔާ އަކީ ކާރެއް

29 ޑިސެމްބަރ 2021

ހޮލީވުޑްގެ މަޝްހޫރު ތަރި ޑްވޭން ޖޯންސަން (ރޮކް) ހަދިޔާއެއްގެ ގޮތުގައި މަންމަ އަށް ކާރެއް ދިނުމަށް ފަހު، އެ ވާހަކަ އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނާ ވެސް ހިއްސާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހޮލީވުޑްގެ މަޝްހޫރު ތަރި ޑްވޭން ޖޯންސަން (ރޮކް) ހަދިޔާއެއްގެ ގޮތުގައި މަންމަ އަށް ކާރެއް ދިނުމަށް ފަހު، އެ ވާހަކަ އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނާ ވެސް ހިއްސާކޮށްފި އެވެ.

ހޮލީވުޑުން މިހާރު އެންމެ ބޮޑު އާމްދަނިއެއް ލިބޭ އެކްޓަރުންގެ ތެރޭގައި ހިމެނޭ ރޮކް، 49، ކްރިސްމަސް ހަދިޔާއެއްގެ ގޮތުގައި މަންމަ އަޓާ ޖޯންސް، 73، އަށް ދިނީ ކަޑިލަކް ބްރޭންޑްގެ ހުދު ކުލައިގެ ކާރެކެވެ. ސަޕްރައިޒެއްގެ ގޮތުގައި ކާރު ހަދިޔާކުރި އިރު، ރޮކްގެ ހަގު ދެ އަންހެން ދަރިން އެކަމުގައި ބައިވެރިވި އެވެ.

މަންމަ އަށް ކާރެއް ދިން ވާހަކަ ހިއްސާކޮށް ރޮކް ބުނީ "އެ ހަދިޔާއާ އެކު ޝޮކެއް ލިބި، ފާޑަކަށް ރުއި ވެސް" ކަމަށެވެ.

"ވަރަށް ޝުކުރުވެރި ވެސް މިފަދަ ހަދިޔާއެއް މަންމަ އަށް ދެވުނީތީ." އޭނާ ބުންޏެވެ.

ރެސްލިން ތަރިއެއްގެ ގޮތުގައި ވިދާލުމަށް ފަހު ހޮލީވުޑަށް ނުކުތް ރޮކް އަކީ މިހާރު އެންމެ ޑިމާންޑް ބޮޑު އެކެކެވެ. މަޝްހޫރު ސްޓްރީމިން ޕްލެޓްފޯމް، ނެޓްފްލިކްސްގެ ތާރީހުގައި އެންމެ ގިނަ ބަޔަކު ބެލި ފިލްމު ރެކޯޑް ލިބުނީ މިދިޔަ މަހުގެ 12 ގައި ޕްރީމިއާކުރި ރޮކްގެ އެންމެ ފަހުގެ ފިލްމު "ރެޑް ނޯޓިސް" އަށެވެ.

އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބްލެކް އެޑަމް" ހިމެނެ އެވެ.