Roadha Mihaaru
ޖެނެޓް ޖެކްސަންގެ ޑޮކިއުމަންޓަރީ 28 ގައި

ޖެނެޓް ޖެކްސަންގެ ޑޮކިއުމަންޓަރީ މި މަހުގެ 28 ގައި

04 ޖެނުއަރީ 2022

ޕޮޕް މިއުޒިކުގެ ރަސްގެފާނު މައިކަލް ޖެކްސަންގެ ކޮއްކޮ ލަވަކިންތެރިޔާ ޖެނެޓް ޖެކްސަންގެ ޑޮކިއުމަންޓަރީގެ ފުރަތަމަ ބައި މި މަހު 28 ގައި ދެ ނެޓްވޯކަކުން ގެނެސްދޭން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕޮޕް މިއުޒިކުގެ ރަސްގެފާނު މައިކަލް ޖެކްސަންގެ ކޮއްކޮ ލަވަކިންތެރިޔާ ޖެނެޓް ޖެކްސަންގެ ޑޮކިއުމަންޓަރީގެ ފުރަތަމަ ބައި މި މަހު 28 ގައި ދެ ނެޓްވޯކަކުން ގެނެސްދޭން ނިންމައިފި އެވެ.

"ޖެނެޓް" ގެ ނަން ދީފައިވާ ޑޮކިއުމަންޓަރީ ގެނެސްދޭނީ އޭއެންޑްއީ އާއި ލައިފްޓައިމުންނެވެ. ބެންޖަމިން ހާޝް ޑައިރެކްޓްކޮށްފައިވާ މި ޑޮކިއުމަންޓްރީގައި ޖެނެޓްގެ ހަޔާތުގެ އެކި ދުވަސްވަރު ދައްކުވައި ދޭނެ އެވެ. އެގޮތުން އޭނާގެ ކުޑައިރުގެ ދިރިއުޅުމާއި ފަހުން މަޝްހޫރު ފަންނާނަކަށްވީ ގޮތާއި ކެރިއަރުގެ އުސްއަލިތައް ގެނެސްދޭނެ އެވެ.

އުމުރުން މިހާރު 55 އަހަރުގެ ޖެނެޓަކީ ގްރެމީގެ އިތުރުން މިއުޒިކް ދާއިރާއިން ދޭ މަޝްހޫރު އެތައް އެވޯޑެއް ލިބިފައިވާ ފަންނާނެކެވެ. އޭނާ މިހާތަނަށް 11 އަލްބަމް ނެރެފައިވެ އެވެ. ޖެނެޓްގެ ފުރަތަމަ އަލްބަމަކީ ޖެނެޓް ޖެކްސަން (1982) އެވެ. އަދި އެންމެ ފަހުން ނެރުނު އަލްބަމަކީ އަންބްރޭކަބަލް (2015) އެވެ.

ޖެނެޓަކީ ލަވަކިޔުންތެރިއެއްގެ އިތުރުން އެކްޓިިން އިން ވެސް ފެނިފައިވާ މީހެކެވެ. އޭނާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ޕޮއެޓިކް ޖަސްޓިސް"، "ނަޓީ ޕްރޮފެސާ 2: ދަ ކްލަމްޕްސް"، "ވައި ޑިޑް އައި ގެޓް މެރިޑް؟" އަދި "ފޯ ކަލާޑް ގާލްސް" ހިމެނެ އެވެ.

ކުރިން ކުރި ތިން ކައިވެނި ވެސް ރޫޅިފައިވާ ޖެނެޓް މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ރެޕާ/ޕްރޮޑިއުސަރު ޖަމައިން ޑުޕްރީއާ އެވެ. ޖެނެޓާއި، ގަތަރަށް އުފަން ވިޔަފާވެރިޔާ ވިސާމް އަލް މަނާގެ ކައިވެނި 2017 ގައި ރޫޅުނު އިރު، އެ މީހުންނަށް ލިބުނު ފިރިހެން ދަރިފުޅު އީސާ އަލް މަނާ ވެސް އުފަންވީ ހަމަ އެ އަހަރު އެވެ.