Roadha Mihaaru
ވައުދު ނުފުއްދުމުން 30،000 ޑޮލަރު ދޭން ޖެހިއްޖެ

ގެއްލުނު ކުއްތާ ހޯދި މީހާއަށް އިނާމު ނުދިނުމުން 30،000 ޑޮލަރު ދޭން ޖެހިއްޖެ

26 ޑިސެމްބަރ 2021

އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކުލަބް ލިވަޕޫލްގެ ކުރީގެ ސްޓްރައިކަރު ޑެނިއަލް ސްޓަރިޖްގެ ޕެޓް ކުއްތާ ގެއްލުމުން އެ ހޯދައިދިން މީހަކަށް ފައިސާގެ އިނާމެއް ދޭން އިއުލާން ކުރުމަށްފަހު ކުއްތާ ހޯދި މީހާ އަށް އިނާމު ދީފައި ނުވާތީ ގެއްލުމުގެ ބަދަލަށް 30،000 ޑޮލަރު ދޭން ޖެހިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކުލަބް ލިވަޕޫލްގެ ކުރީގެ ސްޓްރައިކަރު ޑެނިއަލް ސްޓަރިޖްގެ ޕެޓް ކުއްތާ ގެއްލުމުން އެ ހޯދައިދިން މީހަކަށް ފައިސާގެ އިނާމެއް ދޭން އިއުލާން ކުރުމަށްފަހު ކުއްތާ ހޯދި މީހާ އަށް އިނާމު ދީފައި ނުވާތީ ގެއްލުމުގެ ބަދަލަށް 30،000 ޑޮލަރު ދޭން ޖެހިއްޖެ އެވެ.

މިހާރު އޮސްޓްރޭލިއާގެ ޕާތު ގްލޯރީ އަށް ކުޅޭ 32 އަހަރުގެ ސްޓަރިޖްގެ "ލޫޗީ" ކިޔާ ކުއްތާ ވަގަށް ނެގީ އެމެރިކާގެ ލޮސް އެންޖެލިސްގައި 2019 ގަ އެވެ. އެ ހޯދައި ދިން މީހަކަށް އިނާމެއް ދޭނެކަން އިއުލާންކޮށްފައި ވަނިކޮށް، ކުއްތާ ހޯދައި ރައްދުކޮށް ދިނީ ކިލަ ފޭމްގެ ނަމުން މަޝްހޫރު ރެޕާއެއް ކަމަށްވާ ފޯސްޓާ ވޮޝިންޓަން ކިޔާ މީހެކެވެ. ނަމަވެސް ދޭން ބުނި އިނާމު ނުދިނުމުން ދައުވާކުރީ ކުއްތާ ރައްދުކޮށް ދޭން އަމިއްލަ އަށް ހޭދަކުރަން ޖެހުނު 85 ޑޮލަރުގެ ބަދަލު ފުޓްބޯޅަ ކުޅުންތެރިޔާގެ އަތުން ނަގައި ދިނުމަށެވެ.

މި ދައުވާއާ ގުޅިގެން ކެލިފޯނިއާގެ ކޯޓަކުން ހުކުމްކުރީ ފޯސްޓާ އަށް ލިބުނު ގެއްލުމުގެ ބަދަލަށް 30،000 ޑޮލަރު ދެއްކުމަށެވެ.

މި ހުކުމާ ގުޅިގެން ފޯސްޓާ ބުނީ ކޯޓުގެ ހުކުމާ އެއްގޮތަށް ސްޓަރިޖް އަމަލުކުރާނެ ކަމަށް އުންމީދުކުރާ ކަމަށާއި އެ ހުކުމް އިސްތިއުފާ ވެސް ނުކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. މިކަމާ ގުޅިގެން ސްޓަރިޖްގެ ފަރާތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

"ހަގީގަތުގައި ދައުވާ ކުރަން ޖެހުނީ އޭނަ ބުނި ގޮތަށް އަމަލު ނުކުރީމަ. އެކަމާ އަސްލު ވަރަށް ދެރަ ވެސްވި." ފޯސްޓާ ބުންޏެވެ.