Roadha Mihaaru
ކަރަންޓީން ނުވެ ސިންގަޕޫރަށްދެވޭ އުސޫލު މަޑުޖައްސާލައިފި

ވެކްސިން ފުރިހަމަކުރުމުން ކަރަންޓީން ނުވެ ސިންގަޕޫރަށް ދެވޭ އުސޫލަށް އަމަލުކުރުން މަޑުޖައްސާލައިފި

22 ޑިސެމްބަރ 2021

ކޮވިޑް-19ގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ތިބި މީހުންނަށް ކަރަންޓީން ނުވެ ރާއްޖޭން ސިންގަޕޫރަށް ދެވޭ ގޮތަށް ހަމަޖެއްސި "ވެކްސިނޭޓެޑް ޓްރެވަލް ލޭން" އަށް އަމަލުކުރުން، ކޮވިޑް-19 ގެ އާވެރިއަންޓް "އޮމިކްރޮން" އާ ހެދި މަޑުޖައްސާލައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކޮވިޑް-19ގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ތިބި މީހުންނަށް ކަރަންޓީން ނުވެ ރާއްޖޭން ސިންގަޕޫރަށް ދެވޭ ގޮތަށް ހަމަޖެއްސި "ވެކްސިނޭޓެޑް ޓްރެވަލް ލޭން" އަށް އަމަލުކުރުން، ކޮވިޑް-19 ގެ އާވެރިއަންޓް "އޮމިކްރޮން" އާ ހެދި މަޑުޖައްސާލައިފި އެވެ.

ކަރަންޓީން ނުވެ ރާއްޖޭން ސިންގަޕޫރަށް ދެވޭ ގޮތަށް ވެކްސިނޭޓެޑް ޓްރެވަލް ލޭނެއް ރާއްޖެއިން ހެދީ މި މަހުގެ 14 ވަނަ ދުވަހު އެވެ. ވެކްސިން ފުރިހަމަކޮށްފައި ތިބި މީހުން ސިންގަޕޫރަށް ދަތުރުކުރާއިރު ވެކްސިން ފުރިހަމަ ކޮށްފައިވާ ސެޓްފިކެޓާއި ނެގެޓިވް ޕީސީއާރު ނަތީޖާއާ އެކު، ކަރަންޓީނުވެ ދަތުރުކުރެވޭ ގޮތަށް ބަދަލުކުރިތާ އަދި ވީ ހަފްތާއެކެވެ.

ވެކްސިނޭޓެޑް ޓްރެވަލް ލޭން ވަގުތީގޮތުން މަޑުޖައްސާލަން އެ ގައުމުން ނިންމުމާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ މިރޭ 11:59 އިން ފެށިގެން އަންނަ މަހުގެ 20 އާ ހަމައަށް، ވީޓީއެލް އަށް ހާއްސަ ފްލައިޓުތަކުން ޓިކެޓް ވިއްކުން ހުއްޓާލުމަށް އެ ގައުމުން އަންގާފައިވާ ކަމަށެވެ.

އެ ގައުމުން އަންގާފައިވަނީ އަންނަ މަހުގެ 21 ގެ ފަހުން ދަތުރުކުރާ ގޮތަށް މި ފްލައިޓްތަކުން ޓިކެޓު ވިއްކުމަށާއި ވިއްކާ ޓިކެޓްތަކުގެ އަދަދު 50 ޕަސެންޓް މަދުކުރުމަށެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މިރޭ ސިންގަޕޫރު ގަޑިން 12:00 ގެ ކުރިން ވީޓީއެލް ފްލައިޓުތަކުން ޓިކެޓް ނަގާފައިވާ ވީޓީއެލްގެ ޝަރުތުތައް ފުރިހަމަވާ މީހުންނަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރެވޭނެ އެވެ.

އެ މިނިސްޓްރީން ބުނީ މިއީ ވީޓީއެލް އިންތިޒާމު ހުއްޓާލުން ނޫންކަމާއި "އޮމިކްރޮން" ވޭރިއެންޓާ ގުޅިގެން މި ފިޔަވަޅުތައް މުރާޖައާކުރަމުން ގެންދާނެކަން ސިންގަޕޫރުގެ ސަރުކާރުން އަންގާފައިވާ ކަމަށެވެ.

ކޮވިޑުގެ އާވެރިއަންޓް، އޮމިކްރޮންއާ ހެދި ބައެއް ގައުމުތަކުން ވަރުގަދަ ފިޔަވަޅުތައް ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ.