Roadha Mihaaru
އަލިފުށީގައި ޓިވެޓް ސެންޓަރު އަޅާނެ ބަޔަކު ހޯދަނީ

އޮޑިދޯނިފަހަރު ބަނުމަށް ހާއްސަކޮށް އަލިފުށީގައި ޓިވެޓް ސެންޓަރު އިމާރާތްކުރާނެ ބަޔަކު ހޯދަނީ

22 ޑިސެމްބަރ 2021

އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާގެ ކޯސްތަކަށް ހާއްސަކޮށްގެން ރ. އަލިފުށީގައި ހަދަން ނިންމާފައިވާ ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިން (ޓިވެޓް) ސެންޓަރު އިމާރާތްކުރުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން މިއަދު އިއުލާންކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާގެ ކޯސްތަކަށް ހާއްސަކޮށްގެން ރ. އަލިފުށީގައި ހަދަން ނިންމާފައިވާ ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިން (ޓިވެޓް) ސެންޓަރު އިމާރާތްކުރުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން މިއަދު އިއުލާންކޮށްފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ އެކޮމަޑޭޝަން ބްލޮކަކާ އެކު އެ ރަށުގައި އަޅާ މި ޓިވެޓް ސެންޓަރު އިމާރާތްކުރަން ޓެންޑަރިން އަށް ބޭނުންވާނެ ޑިޒައިންތަކާއި ތަފްސީލީ ކުރެހުންތައް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މި މަސައްކަތުގެ ޓެންޑަރުގެ ބީލަން ހުޅުވުން އޮންނާނީ އަންނަ މަހު 11 ގައި، ފިނޭންސް މިނިސްޓްރީގަ އެވެ.

މި ސެންޓަރު އިމާރާތް ކުރަނީ 38,328 އަކަފޫޓްގެ ޖާގައިގެ ބިމެއްގަ އެވެ. ދެ ބުރި އަށް ހަދާ، މި އިމާރާތް ނިމޭއިރު ކިޔަވައިދިނުމަށް ބޭނުންކުރާނެ ބްލޮކްތަކާއި އެކްޓިވިޓީ އޭރިއާއެއްގެ އިތުރުން އެކޮމަޑޭޝަން ބްލޮކެއް ވެސް ހުންނާނެ އެވެ.

އަލިފުށީގައި ހަދާ މި ޓިވެޓް ސެންޓަރުގައި އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާގެ ކޯސްތަކަށް ހާއްސަކުރި ނަމަވެސް، ތަފާތު އެހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް އެ ސެންޓަރުގައި ހިންގާނެ ކަމަށް ހަޔާ އެޑިއުކޭޝަނުން ބުންޏެވެ.

މި އިމާރާތުގައި ހުންނާނެ ތަންތަން

- ބޯޓްޔާޑެއް

- ކާޕެންޓްރީ ވޯކްޝޮޕެއް

- މެޝިން ވޯކް ޝޮޕެއް

- މަލްޓިޕާޕަސް ވޯކްޝޮޕެއް

- ހަ ކްލާސް ރޫމް

- އައިސީޓީ ލެބެއް

އިދާރީ ހިދުމަތް ދިނުމަށް ހާއްސަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ހިދުމަތްތަކަށް ހާއްސަ އޭރިއާއެއްގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިން ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީއެއް ވެސް ހުންނާނެ އެވެ.

މި ސެންޓަރުގައި 58 ދަރިވަރުންގެ ޖާގައިގެ އެކޮމޮޑޭޝަން ބްލޮކަކާއި ދަރިވަރުންގެ ކެއިން ބުއިމުގެ ކަންކަމަށް ބަދިގެއަކާއި ކެންޓީނެއްގެ އިތުރުން ލޯންޑްރީ އާއި ކޮމަން ރޫމްސް އަދި ސްޓަޑީ ރޫމްތައް ވެސް ހުންނާނެ އެވެ. އަދި ދަރިވަރުންނަށް ބޭނުންކުރެވޭނެ އެކްޓިވިޓީ ސެންޓަރަކާ އެކު ޖިމަކާއި ނަމާދުކުރާނެ ތަނަކާއި ފާހާނާ އާއި ލިފްޓު ވެސް ބަހައްޓަ އެވެ.

އަލިފުއްޓަކީ ރާއްޖޭގެ އެންމެ ބޮޑު ބޯޓުޔާޑު ހުންނަ ރަށެވެ.

ސަރުކާރުގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭންގައި ހިމަނާ، ޕަބްލިކް، ޕްރައިވެޓް ޕާރޓްނަޝިޕް އުސޫލުން ރާއްޖޭގެ އެކި ރަށްތަކުގައި ޖޫނިއާ ކޮލެޖުތަކާއި ޕޮލިޓެކްނިކް އަދި ޓިވެޓް ސެންޓަރުތައް އެޅުމުގެ ޕްރޮޖެކްޓެއް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ފެށީ މި އަހަރު އެވެ.

މި ޕްރޮޖެކްޓުގެ ދަށުން ނ. ކެނދިކުޅުދޫ އާއި ހއ. ދިއްދޫގައި ޖޫނިއާ ކޮލެޖަކާއި އަދި އަލިފުއްޓާއި ފުވައްމުލަކުގައި ޓިވެޓް ސެންޓަރެއް އަޅަން ވަނީ ހަމަޖައްސައިފަ އެވެ.