Roadha Mihaaru
ވަޒީފާ އަށް ހާއްސަކޮށް ޓިވެޓުން ފެއާއެއް ބާއްވަނީ

ވަޒީފާ އަށް ހާއްސަކޮށް ޓިވެޓުން ފެއާއެއް ބާއްވަނީ

18 ޖޫން 2019

ރާއްޖޭގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ކުރިއަށް ދެވެން ހުރި ދާއިރާތަކާ ބެހޭ ބޮޑު ފެއާއަކަށް ޓިވެޓް އޮތޯރިޓީން ތައްޔާރުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ކުރިއަށް ދެވެން ހުރި ދާއިރާތަކާ ބެހޭ ބޮޑު ފެއާއަކަށް ޓިވެޓް އޮތޯރިޓީން ތައްޔާރުވެއްޖެ އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ޓިވެޓުން އިންތިޒާމްކުރާ "ހުނަރުވެނި 2019" ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ އާދިއްތަ އަދި ހޯމަ ދުވަހު ދަރުބާރުގޭގަ އެވެ. ހެނދުނު 9:00 އިން 11:30 އަށް އަދި މެންދުރުފަހު 2:00-6:00 ހާއްސަކޮށްފައި ވަނީ ސްކޫލު ދަރިވަރުންނަށެވެ. އެސްޓީއޯ އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސްޕޮންސާކޮށްފައިވާ ފެއާ އާއްމުންނަށް ހުޅުވާލަން ނިންމާފައިވަނީ ރޭގަނޑު 8:00-10:00 އަށެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ހާޝިމް ވިދާޅުވީ ދެ ދުވަހުގެ މުއްދަތަކަށް ބާއްވާ ފެއާގައި ތަފާތު އެކި ދާއިރާތަކުން 40 ހުނަރެއް ދައްކާނެ ކަމަށެވެ. އޭގެ ތެރޭގައި، ކޮންސްޓްރަކްޝަން، ދަތުރުފަތުރު، ޓޫރިޒަމް، މަސްވެރިކަމާއި ދަނޑުވެރިކަން އަދި އިޖުތިމާއީ ދާއިރާ ހިމެނެ އެވެ.

އޭނާ ވިދާޅުވީ ރާއްޖެ ކުރިއަށްދާނީ އިގުތިސޯދީ ވެށީގައި ތިބި އެންމެންނަށް ފުރުސަތުތައް ފަހިކޮށްދީގެން ކަމަށެވެ. އެހެންވެ އެފަދަ ފެއާތައް ބާއްވައި ލިބެންހުރި ވަޒީފާގެ ފުރުސަތުތަކާއި ތަމްރީނުތަކުގެ މައުލޫމާތުތައް ވީހާ ވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށް ވިދާޅުވި އެވެ.

"ވީހާ ވެސް ގިނަ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރަނީ. ތަފާތު ދާއިރާތަކުން ފީލްޑުގައި މަސައްކަތްކުރާނެ ގޮތް ހުނަރުވެނި ފެއާގައި މި ކިޔައިދެނީ. މިސާލަކަށް އިލެކްޓްރިކަލް ވަޔަރިންނަށް ބަލާއިރު، އެ މަސައްކަތްކުރާނެ ގޮތް ވަރަށް ރަނގަޅަށް ދައްކައިދޭނެ ވަރަށް ރަނގަޅަށް،" ހާޝިމް ވިދާޅުވި އެވެ.

"މިކަހަލަ ހަރަކާތްތަކުން ދަރިވަރުންނަށް ވަރަށް ފަސޭހަވާނެ ކުރިއަށްދެވޭނެ ދާއިރާއެއް ކަނޑައެޅުމަށް."

"ހުނަރުވެނި" ފެއާ އަށް މާލޭ ސަރަހައްދުގެ ހުރިހާ ސްކޫލެއްގެ ގްރޭޑް 9އިން ފެށިގެން މަތީގެ ދަރިވަރުން ޒިޔާރަތްކުރާނެ އެވެ. އެ ދަރިވަރުންގެ ދަތުރުގެ ހުރިހާ ކަމެއް ވެސް ހަމަޖައްސާފައި ވަނީ ޓިވެޓުންނެވެ.

ދެ ދުވަހުގެ މުއްދަތަށް ބާއްވާ ފެއާގައި ކާމިޔާބު އެތައް މަސައްކަތްތެރިންގެ ވާހަކަތައް ހިއްސާކުރާނެ އެވެ. އެ މީހުންގެ ދަތުރުގައި ދިމާވި ގޮންޖެހުންތަކާއި އެ މައްސަލަތައް ހައްލުކުރިގޮތް ކިޔައިދޭނެ ކަމަށް ބުންޏެވެ.