Roadha Mihaaru
12 މިލިއަނުގެ ފައިސާގެ އިނާމު ނުދީގެން ޝަކުވާކުރަނީ

އާ ވިޔަފާރިތަކަށް ބޭއްވި މުބާރާތުގެ 12 މިލިއަން ރުފިޔާގެ އިނާމު ނުލިބޭ

14 އެޕްރީލް 2022

ވޯލްޑް ބޭންކާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީ އާއި ހަޔަ އެޑިއުކޭޝަން މިނިސްޓްރީން އާ ވިޔަފާރިތަކަށް މިދިޔަ އަހަރު ބޭއްވި "ޕިޗްއަޕް ޔޫތު އޮންޓްރަޕްރެނިއަޝިޕް ޗެލެންޖު" ގައި މޮޅުވި ޓީމުތަކަށް ފައިސާގެ އިނާމު ނުދޭތީ ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ވޯލްޑް ބޭންކާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީ އާއި ހަޔަ އެޑިއުކޭޝަން މިނިސްޓްރީން އާ ވިޔަފާރިތަކަށް މިދިޔަ އަހަރު ބޭއްވި "ޕިޗްއަޕް ޔޫތު އޮންޓްރަޕްރެނިއަޝިޕް ޗެލެންޖު" ގައި މޮޅުވި ޓީމުތަކަށް ފައިސާގެ އިނާމު ނުދޭތީ ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

އަލަށް ފަށާ ވިޔަފާރިތަކަށާއި ޒުވާން ވިޔަފާރިވެރިން އުފައްދަން ބޭއްވި މުބާރާތުން މޮޅުވި ޓީމުތަކަށް ސެޓްފިކެޓް ހަވާލުކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހު އެވެ. އޭރު ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މުބާރާތުން މޮޅުވި ޓީމުތަކަށް 12.4 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ.

އެ މުބާރާތުގައި 192 އާ ވިޔަފާރީގެ ހިޔާލު ހުށަހެޅި އިރު 23 ވިޔަފާރިއެއް ވަނީ އިނާމަށް ހޮވިފަ އެވެ. އޭގެ ތެރޭގައި 18 އަހަރާއި 35 އަހަރާއި ދެމެދުގެ 46 ޒުވާނުން ހިމެނެ އެވެ.

މުބާރާތުން ވަނަ ލިބުނު ޓީމެއްގެ މެންބަރަކު ޓްވިޓާގައި ބުނެފައިވާ ގޮތުގައި އެ މުބާރާތުގެ ފައިސާ ތިން މަސް ވެގެން ދިޔައިރު ވެސް ނުލިބެ އެވެ.

އޭނާ ބުނީ އެ މުބާރާތުގެ ސެޓްފިކެޓް ހަވާލު ކުރުމަށްފަހު އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ނުލިބޭ ކަމަށެވެ. އަދި މުބާރާތަށް ހަދާފައިވާ ވައިބަ ގްރޫޕް ވެސް ކުއްލިއަކަށް ޑިލީޓް ކޮށްފައިވާ ކަމަށާއި އެހެންވެ އެކަމުގައި މައުލޫމާތު ހޯދާނެ ގޮތެއް ވެސް ނެތް ކަމަށް އޭނާ ބުންޏެވެ.

މުބާރާތުގައި މޮޅުވި ޓީމެއްގެ ބައިވެރިއަކު ކުރި ޓްވީޓް

އެ މުބާރާތުގައި މޮޅުވި ޓީމުތަކުގެ ފަރާތުން ފޮނުވާފައިވާ އީމެއިލެއްގެ ސްކްރީންޝޮޓް ވެސް އޭނާ ވަނީ ޓްވިޓާގައި އާއްމުކޮށްފަ އެވެ. އޭގައި ބުނެފައިވާގޮތުގައި އެ މުބާރާތުގެ ކަންކަން އިކޮނޮމިކް މިނިސްޓްރީއާ ހަވާލުކޮށްފައިވާކަން އެ ޓީމުތަކަށް ވަނީ އަންގައިފަ އެވެ. ނަމަވެސް އެ މިނިސްޓްރީން އެއްވެސް މައުލޫމާތެއް ނުދޭ ކަމަށް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މުބާރާތުން މޮޅުވި ވިޔަފާރިތަކަކީ އެކި ދުވަސްވަރާ ގުޅުންހުރި ވިޔަފާރިތަކަށްވާއިރު ފައިސާ ނުލިބިގެން މަސައްކަތް ނުފެށުމުން ދަނޑުވެރިކަމާ ގުޅުންހުރި ވިޔަފާރިތަކަށް 750،000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއްގެ ގެއްލުން ވެފައިވާކަން ވަނީ ފާހަގަ ކޮށްފަ އެވެ. ބައެއް ވިޔަފާރިތަކުން ފައިސާ ލިބުން ލަސްވާތީ އަމިއްލައަށް ފަންޑު ހޯދައިގެން ވިޔަފާރިތައް ފަށާފައިވާ ކަމަށް ވެސް އެ އީމެއިލްގައި ވަނީ ބުނެފަ އެވެ.

އެ މުބާރާތް ކުރިއަށްގެންދިޔައީ ޒުވާނުން ކުރިއަރުވަން ފަށާފައިވާ "މީރީ" ޕްރޮޖެކްޓުގެ ދަށުންނެވެ. އެއީ ހަޔަ އެޑިއުކޭޝަން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ހިންގާ ޕްރޮޖެކްޓެކެވެ.

ހަޔަ އެޑިއުކޭޝަނުން ބުނީ ޓްރޭޑް މިނިސްޓްރީއާ މުބާރާތުގެ ކަންކަން ހަވާލުކުރުމުގެ މަސައްކަތް ފެށީ ޖެނުއަރީ މަހުގެ ފަހު ހަފްތާގައި ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން "މިހާރު" އަށް ބުނީ ހަޔަ އެޑިއުކޭޝަނުން މުބާރާތުގެ ކަންކަން މާޗް މަހު ހަވާލުކުރުމާ އެކު ޕޭޕަވޯކްގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މިހާރު މުބާރާތުން މޮޅުވި ޓީމުތަކާ ވާހަކަދައްކައި ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.