Roadha Mihaaru
ޒުވާނުންނަށް 20 މިލިއަން ޑޮލަރުގެ ބޮޑު ޕްރޮޖެކްޓެއް

ޒުވާނުންނަށް 20 މިލިއަން ޑޮލަރުގެ ބޮޑު ޕްރޮޖެކްޓެއް ފަށައިފި

28 އޯގަސްޓް 2019

ވަޒީފާ އަށް ޒުވާނުން ޝައުގުވެރިކުރުވޭނެ ގޮތްތަކާއި ތަފާތު ހުނަރުތައް ކުރިއެރުވޭނެ ގޮތްތައް ދެނެގަތުމަށް 20 މިލިއަން ޑޮލަރު (308 މިލިއަން ރުފިޔާ)ގެ ބޮޑު ޕްރޮޖެކްޓެއް މިއަދު ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވަޒީފާ އަށް ޒުވާނުން ޝައުގުވެރިކުރުވޭނެ ގޮތްތަކާއި ތަފާތު ހުނަރުތައް ކުރިއެރުވޭނެ ގޮތްތައް ދެނެގަތުމަށް 20 މިލިއަން ޑޮލަރު (308 މިލިއަން ރުފިޔާ)ގެ ބޮޑު ޕްރޮޖެކްޓެއް މިއަދު ފަށައިފި އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ހިންގާ ޕްރޮޖެކްޓަށް ވޯލްޑް ބޭންކުން ހިލޭ އެހީގެ ގޮތުގައި 10 މިލިއަން ޑޮލަރު ދީފައި ވެ އެވެ. ބާކީ 10 މިލިއަން ޑޮލަރު ދީފައި ވަނީ ލޯނުގެ ގޮތުގަ އެވެ.

އެ ޕްރޮޖެކްޓް ލޯންޗުކުރަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވަނީ ވަޒީފާ އަދާނުކުރާ ޒުވާނުންގެ އަދަދު އިންތިހާ އަށް ގިނަވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެކަމަކީ ފަރުދީ ހައިސިއްޔަތުން ކޮންމެ މީހަކު ވެސް ވިސްނާ ފިކުރުކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

ވަޒީފާ އަދާނުކުރާ ޒުވާނުން އިތުރުވާ ނަމަ އޭގެ ނުރަނގަޅު އަސަރު މުޖުތަމައު އަށް ކުރާނެ ކަމަށާއި ޒުވާނުން ވަޒީފާ އަދާކުރުން ހުއްޓިއްޖެ ނަމަ ގައުމުގެ ފުދުންތެރިކަން ދަށަށް ގޮސް މުޖުތަމައުގައި ކުށްކުރުން ގިނަވެ ދިރިއުޅުމުގެ ފެންވަރު ދަށަށްދާނެ ކަމަށް ވިދާޅުވި އެވެ.

އެ މަޝްރޫއުގެ ދަށުން ޖިންސީ ތަފާތުކުރުމެއް ނެތި އާމްދަނީ ހޯދުމަށް ހަމަހަމަ ފުރުސަތުތައް ހޯދައިދޭނެ އެވެ. އޭގެ އިތުރުން ޒުވާން ވިޔަފާރިވެރިން ބިނާކުރުމާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ތަމްރީނުތައް ހެދުމުގެ ފުރުސަތު ޒުވާނުންނަށް ފަހިކޮށްދެވޭނެ އެވެ. ޓޫރިޒަމާއި ޓުރިޒަމާ ގުޅުން ހުރި ކޮންސްޓްރަކްޝަން ދާއިރާއިންނާއި އައިސީޓީގެ ދާއިރާތަކުން މީހުން ބިނާކުރަން އިސްކަންދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޒުވާނުންނާ ގުޅޭ ބޮޑު ޕްރޮޖެކްޓް ފެށުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވާހަކަދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޒުވާނުންނާ ގުޅޭ ބޮޑު ޕްރޮޖެކްޓް ފެށުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވާހަކަދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭގެ ތެރެއިން ގައުމަށް އެންމެ ބޭނުންވާ ހުނަރުތަކަކީ ކޮބައިތޯ ބެލުމަށް ލޭބަ މާކެޓް އެސެސްމަންޓެއް ހަދާނެ އެވެ. އެއިން ލިބޭ ހޯދުންތަކުގެ އަލީގައި، ސްކިލްސް ޑިވެލޮޕްމަންޓް ކޯސްތައް އަލުން ރިވައިސްކޮށް ވޮކޭޝަނަލް އެޑިއުކޭޝަން ނިންމާ ހުރިހާ ދަރިވަރުންނަށް އޮންޓަޕްރެނާސް މޮޑިއުލް ހެދޭނެ ގޮތަކަށް ކޯސްތައް ބައްޓަން ކޮށްގެން ކުރިއަށް ގެންދާނެ އެވެ.

"މި ޕްރޮޖެކްޓް، ކާމިޔާބު ޕްރޮޖެކްޓެއްގެ ގޮތުގައި ނިންމާލާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުނަރުވެރި، މަސައްކަތްތެރިން ބިނާކުރެވޭނެ ވަސީލަތްތައް ގާއިމްކޮށްގެން. މި ޕްރޮޖެކްޓަކީ އޭގެ ސަބަބުން އިޖުތިމާއީ އަދި އިގުތިސޯދީ ގޮތުން ގިނަ ފައިދާތަކެއް ވެސް ލިބިގެންދާނެ ޕްރޮޖެކްޓެއް،" ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި އެވެ.

އެ ޕްރޮޖެކްޓުގެ ދަށުން ޔޫތު ހަބް ގާއިމްކުރުމާއި އަދި ވިޔަފާރި ފެށުމަށް އެހީގެ ފައިސާ ދިނުމަށް ވެސް ހަމަޖެހިފައި ވެ އެވެ. ރާއްޖޭގައި މި ވަގުތު ފާހަގަކުރެވޭ ސްކިލްސް ޑިވެލޮޕްކުރުމާއި ވަޒީފާގެ މައިދާނަށް ވޮކޭޝަނަލް އެޑިއުކޭޝަންގެ ދާއިރާއިން ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކުރާނެ އެވެ.

މިނިސްޓަރު ވިދާޅުވީ ޒުވާނުންގެ ޕްރޮޖެކްޓުގެ އެންމެ މުހިއްމު ކަމަކަށް ވާނީ އަދުގެ ހާލަތަށް ބަލައި 21 ވަނަ ގަރުނަށް ފެތޭ ސްކިލްސް ސްޓްރެޓަޖީއެއް ހެދުމެވެ. އެ ތައްޔާރުކުރުމުގައި ބޭނުންވާ ތަފާސްހިސާބު އެއްކުރުމާއި ހިއުމަން ރިސޯސް މިސްރާބު ބަހައްޓަންވީ ގޮތާ ގުޅޭގޮތުން މިހާރު އަންނަނީ މަޝްވަރާކުރަމުންނެވެ.