Roadha Mihaaru
އިންޑިއާގެ ވައިގެ ސިފައިން އަބަދު އެކްސިޑެންޓެއްގައި!

އިންޑިއާގެ ވައިގެ ސިފައިން އަބަދު އެކްސިޑެންޓެއްގައި!

09 ޑިސެމްބަރ 2021

އިންޑިއާ ސިފައިންގެ ވެރިޔާ ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ބިޕިން ރާވަތު ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި އޭނާ އަވަހާރަވި އެކްސިޑެންޓާ އެކު އަނެއްކާވެސް އެ ގައުމުގެ އަސްކަރީ އެއާކްރާފްޓްތަކުގެ ރައްކާތެރިކަމާ މެދު ވަނީ ސުވާލު އުފައްދަަން ފަށައިފަ އެވެ. އިއްޔެ 13 މީހަކު މަރުވި މި ހާދިސާ ވެސް ވަދެގެން ދިޔައީ އިންޑިއާގެ އަސްކަރިއްޔާ އަށް ދިމާވެފައިވާ، ވައިގެ އެކްސިޑެންޓްތަކުގެ ސިލްސިލާގެ ތެރެއަށެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

އިންޑިއާ ސިފައިންގެ ވެރިޔާ ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ބިޕިން ރާވަތު ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި އޭނާ އަވަހާރަވި އެކްސިޑެންޓާ އެކު އަނެއްކާވެސް އެ ގައުމުގެ އަސްކަރީ އެއާކްރާފްޓްތަކުގެ ރައްކާތެރިކަމާ މެދު ވަނީ ސުވާލު އުފައްދަަން ފަށައިފަ އެވެ. އިއްޔެ 13 މީހަކު މަރުވި މި ހާދިސާ ވެސް ވަދެގެން ދިޔައީ އިންޑިއާގެ އަސްކަރިއްޔާ އަށް ދިމާވެފައިވާ، ވައިގެ އެކްސިޑެންޓްތަކުގެ ސިލްސިލާގެ ތެރެއަށެވެ.

މިދިޔަ ހަފްތާގައި ވެސް ސެންޓްރަލް ގަވަމެންޓުން ވަނީ މިދިޔަ ދެ އަހަރު ތެރޭ އަސްކަރިއްޔާގެ ހަތް އެއާކްރާފްޓެއް އެކްސިޑެންޓް ވެފައިވާކަން، ގާނޫނު ހަދާ މަޖިލީހަށް އަންގައިފަ އެވެ.

"މިދިޔަ ދެ އަހަރު ވަނީ އެއާ ފޯސްގެ ހަތް ބޯޓެއް ވެއްޓިފައި. މީގެ ތެރޭގައި ދާދި ފަހުން މަދިޔަ ޕްރަދޭޝް އަށް ވެއްޓުނު މިރާޖް 2000 ވެސް ހިމެނޭ،" މިނިސްޓަ އޮފް ސްޓޭޓް ފޯ ޑިފެންސް އަޖޭ ބަޓް، ލޮކް ސަބާގައި ވިދާޅުވި އެވެ.

މި މައްސަލަ ހައްލުކުރުމަށް ވައިގެ ދަތުރުތަކުގެ ރައްކާތެރިކަން އިތުރުކުރުުމާ ގުޅުން ހުރި ކަންކަމާއި އެކްސިޑެންޓްތަކާ ބެހޭ ޑޭޓާބޭސް އެއް ބެލެހެއްޓުމާއި ތަމްރީނު ދިނުމާއި މިހާރަށް ވުރެ ގިނައިން ސިމިއުލޭޓާސް ބޭނުންކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ހެލިކޮޕްޓަރު ވެއްޓި، އިއްޔެ އަވަހާރަވި އިންޑިއާގެ ޗީފް އޮފް ޑިފެންސް ބިޕިން ރާވަތު.

ހެލިކޮޕްޓަރު ވެއްޓި، އިއްޔެ އަވަހާރަވި އިންޑިއާގެ ޗީފް އޮފް ޑިފެންސް ބިޕިން ރާވަތު.

މީގެ ކުރިން 2019 ވަނަ އަހަރު މަޖިލީހަށް އަންގާފައިވާ ގޮތުގައި 2014 އިން 2015 އަށް އަދި 2018 އިން 2019 އަށް ފަސް އަހަރު ތެރޭ އަހަރަކު 10 އެކްސިޑެންޓް ހިނގާފައިވެ އެވެ. އަދި 2014/15 އިން ޖުލައި 2019 އަށް މިފަދަ އެކްސިޑެންޓްތަކުގައި 46 މީހަކު މަރުވެފައިވެ އެވެ.

އިންޑިއަން އެއާ ފޯސްގެ ބައެއް އެކްސިޑެންޓްތައް

• މިރާޖް 2000 އެއާކްރާފްޓެއް މަދިޔަ ޕްރަދޭޝްގައި އަސްކަރީ ތަމްރީންތަކެއްގައި އުޅެނިކޮށް އޮކްޓޫބަރު 1، 2021 ގައި ވެއްޓުނު.

• މިގް-21 މަރުކާގެ ފައިޓަ ޖެޓެއް ޓްރެއިނިން މިޝަނެއްގައި އުޅެނިކޮށް ރާޖަސްތާނުގައި އޯގަސްޓް 25، 2021 ގައި ވެއްޓުނު.

• ޕަންޖާބްގައި މިގް-21 އެއާކްރާފްޓެއް މޭ 20، 2021 ގައި ވެއްޓި އޭގެ ޕައިލެޓް މަރުވި

• މަދިޔަ ޕްރަދޭޝްގައި މާޗް 17، 2021 ގައި މިގް-21 ބައިސަން އެއާކްރާފްޓެއް ވެއްޓި ކެޕްޓަން މަރުވި

• މިގް-21 ބައިސަން އެއާކްރާފްޓެއް ޖެނުއަރީ 5، 2021 ގައި ރާޖަސްތާނުގައި ވެއްޓުނު.

• ފެބްރުއަރީ މަހުގެ ކުރީކޮޅު 2019 ވަނަ އަހަރު، އެއަރޯ އިންޑިއާގެ ރިހާސަލް ޝޯއެއްގައި އެއާފޯސްގެ އެއަރޮބެޓިކް ޓީމެއްގެ ދެ އެއާކްރާފްޓް ވައިގެ ތެރޭ އެކްސިޑެންޓުވެ ޕައިލެޓަކު މަރުވެ އިތުރު ދެ މީހަކު ޒަހަމްވި.

• ދެ ހާސް ސަތާރަ ވަނަ އަހަރުގެ އޮކްޓޫބަރު މަހު ކުރީކޮޅު އެއާ ފޯސްގެ ހެލިކޮޕްޓަރެއް އަރުނަޗަލް ޕްރަދޭޝްގެ ޓަވަންގްގައި ވެއްޓި ހަތް މީހަކު މަރުވި.

• ޑިސެމްބަރު މަހު 2015 ވަނަ އަހަރު ޕެރަމިލިޓަރީ ޕްލޭނެއް ދިއްލީ އެއާޕޯޓް ކައިރިއަށް ވެއްޓި ބޯޑަ ސެކިއުރިޓީ ފޯސްގެ 10 މީހަކު މަރުވި.

އިންޑިއާގެ ވައިގެ ސިފައިންގެ އެއާކްރާފްޓްތަކަށް އެކި މައްސަލަތައް ދިމާވެ އެކްސިޑެންޓްތައް ދިމާވުމުގައި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި މިހާރު ފާހަގަކުރަނީ އުޅަނދުތައް ބާވެ ޒަމާނަށް ނުފެތުމާއި ސަލާމަތީ ކަންކަމުގައި އަމަލުކުރާނެ ރަނގަޅު ނިޒާމަކަށް އަމަލު ނުކުރެވުމެވެ.

ހެލިކޮޕްޓަރު ވެއްޓިގެން އިއްޔެ އަވަހާރަވި ރާވަތު 2015 ވަނަ އަހަރު ވެސް ވަނީ އެއާކްރާފްޓް އެކްސިޑެންޓެއްގައި ސަލާމަތްވެފަ އެވެ. މިއިން ކޮންމެ އެކްސިޑެންޓަކަށް ފަހު ވެސް އިންޑިއާގެ އަސްކަރީ އެއާކްރާފްޓްތަކުގެ ރައްކާތެރިކަމާ މެދު ސުވާލު އުފައްދައި އެތައް ވާހަކައެއް ދައްކަ އެވެ.