Roadha Mihaaru
އަރަބިއްޔާ ސްކޫލު އިމާރާތުގެ އޮޑިޓެއް ހަދަނީ

އަރަބިއްޔާ ސްކޫލު އިމާރާތުގެ އޮޑިޓެއް ހަދަނީ

07 ޑިސެމްބަރ 2021

ހަލާކުވެފައިވާ އަރަބިއްޔާ ސްކޫލުގެ އިމާރާތުގެ އޮޑިޓެއް ހަދަން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހަލާކުވެފައިވާ އަރަބިއްޔާ ސްކޫލުގެ އިމާރާތުގެ އޮޑިޓެއް ހަދަން ފަށައިފި އެވެ.

އޮޑިޓު އޮފީހުގެ ލީގަލް ކައުންސެލް މުހައްމަދު ނަސީމް "މިހާރު" އަށް މިއަދު ވިދާޅުވީ ކޮންކްރީޓުން ހަދާފައިވާ ތަނަކަށް އެހާ ކުރު މުއްދަތެއްގެ ތެރޭގައި ގެއްލުން ލިބެން ފެށުމުން އެ މަސައްކަތް ކޮށްފައިވާ ގޮތް ބަލަމުން އަންނަ ކަމަށެވެ.

އަމިއްލަ އިސްނެގުމަކަށް ހަދާ އެސެސްމަންޓުން ފާހަގަވާ ކަންތައްތައް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް ސެޕްޓެމްބަރު 19، 2013 ގައި ހުޅުވައި ކިޔަވައިދޭން ފެށިތާ އަށް އަހަރުގެ ތެރޭގައި، އެ ސްކޫލުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލައި ހުރީ ހަލާކުވެފަ އެވެ. އެކަމާ ގުޅިގެން އެ ސްކޫލުގެ ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އަރަބިއްޔާ ސްކޫލުގެ އިމާރާތުގެ ތަނބުގައި ރެނދުލާފައި: އެޑިއުކޭޝަން މިނިސްޓްރީން މިހާރު އަންނަނީ ގެއްލުންތަކުގެ އެސެސްމަންޓެއް ހަދަމުން-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އަރަބިއްޔާ ސްކޫލުގެ އިމާރާތުގެ ތަނބުގައި ރެނދުލާފައި: އެޑިއުކޭޝަން މިނިސްޓްރީން މިހާރު އަންނަނީ ގެއްލުންތަކުގެ އެސެސްމަންޓެއް ހަދަމުން-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އަރަބިއްޔާ ސްކޫލު އެންމެ ފުރަތަމަ ހިންގީ މިހާރު ގާކޮށި ފްލެޓްތައް އޮތް ބިމުގަ އެވެ. އެ ބިމުގައި ހުރި އިމާރާތް ބާވެގެން، ވަގުތީ ގޮތުން އެ ސްކޫލު އީޕީއެސް ސްކޫލު އެންމެ ކުރިން ހުރި އިމާރާތަށް ބަދަލުކުރި އެވެ. އަދި ފަހުން، މަންދު ކޮލެޖު ހިންގި އެމްއީއެސް އިމާރާތުގައި ވެސް އަރަބިއްޔާ ސްކޫލު ހިންގި އެވެ.

އެ ސްކޫލުގެ އާ އިމާރާތް އަޅަން 29 މިލިއަން ރުފިޔާ އަށް ހަވާލުކުރީ މާލާ ހައި ރައިޒިން ނަމަކަަށް ކިޔާ ކުންފުންޏަކާ އެވެ. އެކަމަކު އިމާރާތުގެ ފައުންޑޭޝަން އެޅުމަށް ފަހު މާލާ ހައި ރައިޒިން ކުންފުނިން މަސައްކަތްތައް ހުއްޓާލީ ޑޮލަރުގެ އަގަށް ގެނައި ބަދަލާ ގުޅިގެން ބޮޑު ގެއްލުމެއް ވާ ކަމަށް ބުނެ އެވެ.

އެހެންވެ، އެޑިއުކޭޝަން މިނިސްޓްރީން ހަތް ބުރީގެ އިމާރާތް އެޅުމަށް އެލްއެފް ކޮންސްޓްރަކްޝަން ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި އެވެ. އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ބައެއް ސިޔާސަތުތަކަށް ގެނެސްފައިވާ ބަދަލުގެ ދަށުން އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ އޭރުގެ ހައުސިން މިނިސްޓްރީންނެވެ.

މިހާރު އެ ފެންނަ އިމާރާތް ހަދާފައިވަނީ އެލްއެފް ކޮންސްޓްރަކްޝަނުންނެވެ.

އަރަބިއްޔާ ސްކޫލު އިމާރާތްކުރިއިރު ނަގާފައިވާ ފޮޓޯއެއް.- ފޮޓޯ: ކިއުންތެރިއެއް

އަރަބިއްޔާ ސްކޫލު އިމާރާތްކުރިއިރު ނަގާފައިވާ ފޮޓޯއެއް.- ފޮޓޯ: ކިއުންތެރިއެއް

އިމާރާތްކުރުމުގެ ދާއިރާގެ ތަޖުރިބާކާރުން ގަބޫލުކުރައްވާ ގޮތުގައި ކޮންކްރީޓުން ހަދާފައިވާ އިމާރާތެއް މަދުވެގެން 50 އަހަރުވަންދެން ބޭނުންކުރެވެން ޖެހޭނެ އެވެ. އެކަމަކު، އެފަދަ އިމާރާތެއްގައި އަށް އަހަރުގެ ތެރޭގައި ރެނދުލާނީ މަސައްކަތް ކުރިއިރު ބަލަންޖެހޭ އެއްވެސް ކަމަކަށް ބެލިފައި ނެތުމުން ކަމަށް އެ ބޭފުޅުން ގަބޫލުކުރައްވަ އެވެ.