Roadha Mihaaru

އަހުމަދިއްޔާ ސްކޫލް އޮޑިޓު ކޮށްދޭން އެޑިއުކޭޝަން މިނިސްޓްރީން އެދިއްޖެ

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ހިންގުމާއި މާލީ ކަންކަން އޮޑިޓް ކޮށްދޭން އެޑިއުކޭޝަން މިނިސްޓްރީން އޮޑިޓަ ޖެނެރަލްގެ އޮފީހުގައި އެދިއްޖެ އެވެ.

އަހުމަދިއްޔާ ސްކޫލު އޮޑިޓުކޮށްދޭން މިނިސްޓްރީން އެދިއްޖެ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

16 އެޕްރީލް 2025

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ހިންގުމާއި މާލީ ކަންކަން އޮޑިޓް ކޮށްދޭން އެޑިއުކޭޝަން މިނިސްޓްރީން އޮޑިޓަ ޖެނެރަލްގެ އޮފީހުގައި އެދިއްޖެ އެވެ.

އެ އޮފީހުގެ އޮފިޝަލަކު ވަނީ އަހުމަދިއްޔާ ސްކޫލް އޮޑިޓު ކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިދިޔަ އާދިއްތަ ދުވަހު ހުށަހަޅުއްވާފައިވާކަން "މިހާރު" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.

އެނގިފައިވާ ގޮތުގައި، "މައްޗަންގޮޅި އަވަށު މަދަރުސާ" ގެ ގޮތުގައި ކުރިއްސުރެ އެންމެންގެ މެދުގައި މަޝްހޫރު އަހުމަދިއްޔާ ސްކޫލު އޮޑިޓު ކޮށްދިނުމަށް އެދުނީ، އަވަށު މަދަރުސާއެއްގެ ގޮތުގައި ހިންގާ ސްކޫލެއް، އިންޓަނޭޝަނަލް ފެންވަރުގައި ހިންގިދާނެތޯ ބައެއް މީހުން ސުވާލު އުފައްދާތީ އެވެ.

އަހުމަދިއްޔާ ވެސް ފުރަތަމަ ވުޖޫދުވީ އަވަށު މަދަރުސާއެއްގެ ގޮތުގަ އެވެ. އެހެންވެ، މާލެ މުނިސިޕަލްޓީގެ ދުވަސްވަރު ވެސް އަހުމަދިއްޔާ ސްކޫލް ހިންގުމުގެ ކަންތައްތަކުގައި ހަރަކާތްތެރިވެ، އެކި ގޮތްގޮތުން އެހީތެރިކަން ދިނެވެ، އެކަމަކު، ފަހުން، ސިޓީ ކައުންސިލް އުފެދުނު ފަހުން، އަހުމަދިއްޔާ ސްކޫލު ބެލެހެއްޓުމުގެ އިސްފަރާތާ މެދު އޮތީ ސުވާލު އުފެދިފަ އެވެ.

އެކަމަކު، ސިޓީ ކައުންސިލުން މިހާރު ވެސް އަވަށު މަދަރުސާގެ ގޮތުގައި ހިންގާ މާފަންނު މަދަރުސާ އާއި ގަލޮޅު މަދަރުސާގެ ކަންކަމުގައި ބައިވެރިވެ އެވެ.

އެނގިފައިވާ ގޮތުގައި އަހުމަދިއްޔާ ސްކޫލުގެ މައްސަލަ ހައްލުކުރަން މިދިޔަ ސަރުކާރުގައި ވެސް މަސައްކަތްކުރި އެވެ. އެކަމަކު، އެކަން ކޮޅެއްގައި ނުޖެހުނެވެ.

އެ ސްކޫލު ހިންގުމުގައި މިނިސްޓްރީގެ ސީދާ ބައިވެރިވުމެއް ނެތަސް އަހުމަދިއްޔާގައި އިމްތިހާނު ހަދާ ކުދިންނަށް، އަމިއްލަ އެހެން ސްކޫލުތަކޭ އެއްގޮތަށް ކޮންމެ އަހަރަކު ވެސް ސަރުކާރުން އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރެ އެވެ. އަދި ދައުލަތުގެ ބިމަކަށް ވާތީ އަހުމަދިއްޔާ ހިންގަން ކުއްޔެއް ދައްކާކަށް ވެސް ނުޖެހެ އެވެ. އޭގެ އިތުރުން ބައެއް ޓީޗަރުންގެ މުސާރަ ވެސް ސަރުކާރުން ދެ އެވެ.

ނަމަވެސް، ދަރިވަރުންގެ އަތުން ފީއެއް ނަގަ އެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އަހުމަދިއްޔާ ސްކޫލުގެ އިދާރީ ހިންގުމުގައި ކައުންސިލްގެ އެއްވެސް ޒިންމާއެއް ނޯންނާނެ ކަމަށެވެ. އެ ސްކޫލު ހިންގަނީ އަމިއްލަ އަށް ލިބޭ ފަންޑިންގައި ކަމަށާއި އެކަމަކު ސްކޫލުން އެދޭ ކުދިކުދި ކަންތައްތައް ސިޓީ ކައުންސިލް މެދުވެރިވެގެން ފުރިހަމަކޮށްދޭ ކަމަށް އާޒިމް ވިދާޅުވި އެވެ.

އަހުމަދިއްުޔާ ހިންގުމާ ގުޅޭ ކަންކަމުގައި ދުވަހުންދުވަހަށް ގޮތް ނިންމަނީ ސްކޫލު ބޯޑުންނެވެ. ޕްރިންސިޕަލް މަސައްކަތް ކުރައްވަނީ އޭގެ ދަށުންނެވެ.