Roadha Mihaaru
އެވަޓަން އިން އާސެނަލް ބަލިކޮށްފި

އެވަޓަން އިން އާސެނަލް ބަލިކޮށްފި

07 ޑިސެމްބަރ 2021

މާސީސައިޑް (ޑިސެމްބަރު 7) - އިނގިރޭސި ޕްރިމިއާ ލީގުގައި މެޗަކުން މޮޅުނުވާތާ ދެ މަސް ފަހުން، އެވަޓަން އިން އާސެނަލް ބަލިކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މާސީސައިޑް (ޑިސެމްބަރު 7) - އިނގިރޭސި ޕްރިމިއާ ލީގުގައި މެޗަކުން މޮޅުނުވާތާ ދެ މަސް ފަހުން، އެވަޓަން އިން އާސެނަލް ބަލިކޮށްފި އެވެ.

އެވަޓަން ރޭ އަމިއްލަ ދަނޑުގައި މޮޅުވީ މެޗުގެ ފަހު ވަގުތުގައި ޖެހި ލަނޑުތަކާ އެކު ފަހަތުން އަރައި 2-1 އިންނެވެ. މީގެ ކުރިން ލީގުގައި އެވަޓަން ކުޅުނު އަށް މެޗުން ވެސް މޮޅުވެފައެއް ނުވެ އެވެ. އެންމެ ފަހުން މޮޅުވީ ސެޕްޓެމްބަރު މަހު ނޯވިޗާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

މި ނަތީޖާއާ އެކު، 23 ޕޮއިންޓާ އެކު ފަސްވަނައިގައި އޮތް އާސެނަލް ވަނީ ތާވަލުގެ ހަތްވަނަ އަށް ވެއްޓިފަ އެވެ. އެއް ޕޮއިންޓް އިތުރަށް ހޯދައިގެން ހަވަނައިގައި އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ. މި މެޗުގެ ކުރިން 14 ވަނައިގައި އޮތް އެވަޓަން ވަނީ 18 ޕޮއިންޓް ހަމަކޮށް ތާވަލުގައި ދެ ދަރަޖަ ކުރިޔަށް ޖެހިލައިފަ އެވެ.

މިވަގުތު ރަނގަޅު ފޯމުގައި އޮތް އާސެނަލް އިން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލީޑު ނެގުމުގެ ކުރިން އެވަޓަންގެ ބްރެޒިލްގެ ފޯވަޑް ރިޗާލިސަން ވަނީ ގޯލެއް ޖަހައިފަ އެވެ. ނަމަވެސް ރެފްރީ ވަނީ ވީއޭއާރު ބަލައި، އެއީ ގޯލެއް ނޫން ކަމަށް ނިންމައިފަ އެވެ. އާސެނަލް އިން ލީޑު ނެގި ލަނޑު ޖަހައިދިނީ މާޓިން އޮޑެގާޑެވެ.

ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ވެސް ރެފްރީ ވަނީ ރިޗާލިސަން ޖެހި ގޯލެއް، ވީއޭއާރުގެ އެހީގައި، އޮފްސައިޑު ކަމަށް ނިންމައިފަ އެވެ. ރިޗާލިސަންގެ ދެ ލަނޑު އޮފްސައިޑް ކަމަށް ރެފްރީ ނިންމާފައި ވަނިކޮށް އޭނާ އެވަޓަން އަށް ނަތީޖާ އެއްވަރު ކޮށްދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 11 މިނިޓަށްވެފައި ވަނިކޮށް، ރީބައުންސްވެފައި އައި ބޯޯޅައެއް ގޯލަށް ފޮނުވާލައިގެންނެވެ.

އެވަޓަންގެ ޑެމާރީ ގްރޭ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ އާސެނަލްގެ ކީޕަރު ބޯމަތިން ގޮސް ގޯލު ހުރަސް ދަނޑީގައި ޖެހިފައި ރީބައުންސްވެފައި އައި ބޯޅަ ރިޗާލިސަން ގޯލަށް ފޮނުވާލީ ބޮލުންނެވެ. މިއީ އޭނާ އިނގިރޭސި ފުޓުބޯޅައިގައި ޖެހި 50 ވަނަ ލަނޑެވެ.

އެވަޓަން މޮޅުވީ، ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ގްރޭ ޖަހައިދިން ލަނޑުންނެވެ. އޭރިއާ ބޭރުން ގްރޭ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ގޯލު ދަނޑީގައި ޖެހިފަ އެވެ.

މެޗުގެ އެންމެ ފަހު ސިކުންތުގައި އާސެނަލް އަށް އެއްވަރު ކުރަން ލިބުނު ފުރުސަތު ކާމިޔާބެއް ނުވި އެވެ. ޕިއޭ އެމެރިކް އޮބާމަޔަން އޭރިއާ ތެރޭގައި ހުރެ ފޮނުވާލު ބޯޅަ ބޭރުވީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ.