Roadha Mihaaru
ކަނޑޫފާތައް މަރުވާ ސަބަބު ހޯދަން އިންޑިއާގެ ޓީމެއް

ކަނޑޫފާތައް މަރުވާ ސަބަބު ހޯދަން އިންޑިއާގެ ޓީމެއް އަތުވެއްޖެ

06 ޑިސެމްބަރ 2021

ރާއްޖޭގެ ކަނޑޫފާތައް މަރުވާތީ އެކަމާ ގުޅޭގޮތުން ދިރާސާކޮށް، ހައްލެއް ހޯދަން އިންޑިއާގެ ހާއްސަ ޓީމެއް އިއްޔެ ރާއްޖެ އަތުވެއްޖެ އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ރާއްޖޭގެ ކަނޑޫފާތައް މަރުވާތީ އެކަމާ ގުޅޭގޮތުން ދިރާސާކޮށް، ހައްލެއް ހޯދަން އިންޑިއާގެ ހާއްސަ ޓީމެއް އިއްޔެ ރާއްޖެ އަތުވެއްޖެ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުންނަ ގިނަ އަދަދެއްގެ ކަނޑޫފާތަކެއް މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން އެއްފަހަރާ މަރުވާން ފަށާފައިވާއިރު، މިހާތަނަށް އެކަން ދިމާވާ ސީދާ ސަބަބެއް ހޯދިފައެއް އެވެ. މަރުވަމުންދާ ކަނޑޫފާތަކުގެ ތެރޭގައި ހިމާޔަތް ކޮށްފައިވާ ހދ. ނޭކުރެންދޫގެ ކަނޑޫފަލާއި ހއ. ކެލާގެ ކަނޑޫފަލާއި ރާއްޖޭގެ ހަމައެކަނި "ފޮރެސްޓް" ކަމަށްވާ ކޭލަކުނުގެ ކަނޑޫފާ ވެސް ހިމެނެ އެވެ.

މިކަން އިތުރަށް ބަލަން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އައި އިންޑިއާގެ ކޮޗިން ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮޮލޮޖީގެ (ސީޔޫއެސްއޭޓީ) ގެ ހަތަރު މެމްބަރުންގެ ޓީމުގައި އިސްކޮށް ހުންނެވީ އެ ޔުނިވާސިޓީގެ މެރިން ބަޔޮލޮޖީ، މައިކްރޯ ބަޔޮލޮޖީ އެންޑް ބަޔޯކެމިސްޓްރީ ޑިޕާޓްމަންޓްގެ އިސްވެރިޔާ ޑރ. ބިޖޯއީ ނަންދާން އެވެ. މި ޓީމު މަސައްކަތް ކުރާނީ އެންވަޔަރުމެންޓް މިނިސްޓްރީ އާއި އީޕީއޭއާ ގުޅިގެންނެވެ.

އެ ޓީމުން އިއްޔެ ވަނީ އެންވަޔަރުމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ އާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނާއި ސަރުކާރުގެ ބައެއް އެހެން އިސްވެރިންނާ ބައްދަލުކޮށްފަ އެވެ.

ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، މި ޓީމުން ކަނޑޫފާތަކަށް ޒިޔާރަތްކޮށް، ސާވޭތައް ހަދައި ސާމްޕަލް އެއްކުރުމުގެ މަސައްކަތް ފަށާނީ މިއަދު ކަމަށެވެ. އެގޮތުން ކެލާ، ކުޅުދުއްފުށި، ކޭލަކުނު، ވައިކަރަދޫ، ނޭކުރެންދޫ، ގޮއިދޫ، ފޭދޫ އަދި ކެނދިކުޅުދޫގެ ކަނޑޫފާތަކަށް ދާ ގޮތޮށް ވަނީ ހަމަޖެހިފަ އެވެ. އެ ތަންތަނުން ގަސްތަކާއި ސޫފިތަކާއި އަދި ސެޑިމެންޓް ސާމްޕަލްތައް ނަގާނެ އެވެ.

ރާއްޖޭގެ ކަނޑޫފަލެއްގެ ސަރަހައްދެއް މަރުވެފައި: މިކަން އެންމެ ބޮޑަށް ދިމާވެފައި ވަނީ އުތުރުގެ ބޮޑެތި ކަނޑޫފާތަކަށް. އެހެންނަމަވެސް، ދެކުނުގެ ބައެއް ކަނޑޫފާތަކުން ވެސް މިކަން ވަނީ ފާހަގަކުރެވިފައި --

ރާއްޖޭގެ ކަނޑޫފަލެއްގެ ސަރަހައްދެއް މަރުވެފައި: މިކަން އެންމެ ބޮޑަށް ދިމާވެފައި ވަނީ އުތުރުގެ ބޮޑެތި ކަނޑޫފާތަކަށް. އެހެންނަމަވެސް، ދެކުނުގެ ބައެއް ކަނޑޫފާތަކުން ވެސް މިކަން ވަނީ ފާހަގަކުރެވިފައި --

ސާވޭގެ މަސައްކަތް ނިންމާލުމަށް ފަހު މި މަހުގެ 10 ވަނަ ދުވަހު، ކަނޑޫފާތަކާއި އެހެނިހެން ޗަސްބިންތައް ހިމާޔަތް ކުރުމުގެ މުހިންމު ކަމާއި ރާއްޖޭގައި ކަނޑޫފާތައް މަރުވުމާ ގުޅޭގޮތުން ގައުމީ ޔުނިވާސިޓީގައި ޑރ. ނަންދާން އާންމު ތަގުރީރެއް ދެއްވާ ގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށް ހައި ކޮމިޝަނުން ބުނެ އެވެ.

ސީޔޫއެސްއޭޓީގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން، އީޕީއޭއާ ގުޅިގެން މޯލްޑިވްސް ފުޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ގައުމީ ލެބޯރެޓަރީގައި މި މަހުގެ 11 އިން 18 އަށް ސާމްޕަލްތަކުގެ އަސާސީ ތަހުލީލުތައް ކުރާނެ އެވެ. އަދި އިތުރު މަސައްކަތްތަކަށް އިންޑިއާގެ ޓީމާއެކު އީޕީއޭގެ ޓީމެއް ވެސް އެ ގައުމަށް މި މަހުގެ 18 ގައި ފުރާނެ އެވެ.

ސީޔޫއެސްއޭޓީގެ ސައިންސްވެރިންގެ ޓީމުން ތަހުލީލުތައް ނިންމައި، 3-4 މަސް ދުވަހުގެ ތެރޭގައި އެކަމާ ބެހޭ ރިޕޯޓެއް ނެރޭނެ ކަމަށް ހައި ކޮމިޝަނުން ބުނެ އެވެ. މި ރިޕޯޓްގައި ކަނޑޫފާތައް މަރުވާ ސަބަބުގެ އިތުރުން އެ ތަންތަން ބަލަހައްޓައި އެ ސަރަހައްދުތައް ކުރިން ހުރި ވަރަށް އިއާދަ ކުރުމަށް ކުރެވޭނެ ކަންތައްތައް ވެސް ހިމެނޭނެ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.

ކަނޑޫފާތައް މަރުވާތީ މިދިޔަ އަހަރުގެ ފަހުކޮޅު ވެސް އީޕީއޭއިން ސީޔޫއެސްއޭޓީގެ އެހީ ހޯދައި ސާމްޕަލްތައް ފޮނުވި އެވެ. އެ ސާމްޕަލްތަކަށް ބަލައި ސީޔޫއެސްއޭޓީ އަށް ވަނީ ގަސްތައް ބަލިކަށި ކޮށްލާ ފަންގަސްއެއް ބައެއް ކަނޑޫފާތަކުގައި އުޅޭކަން ހޯދިފަ އެވެ. ނަމަވެސް، މިއީ ސީދާ ސަބަބުކަން ޔަގީންކުރަން ކަނޑޫފާތަކަށް ގޮސްގެން ބަލަން ޖެހޭ ކަމަށް އެ ޔުނިވާސިޓީން އެންގި އެވެ.