Roadha Mihaaru
ސައޫދީ-ލުބުނާން ސުލްހަކުރަން ފްރާންސް މަސައްކަތް ކުރަނީ

ސައޫދީ- ލުބުނާން މައްސަލަ ހައްލުކުރަން ފްރާންސްއިން މަސައްކަތް ކުރަނީ

05 ޑިސެމްބަރ 2021

ސައޫދީ އަރަބިއްޔާ އާއި ލުބުނާނާ ދެމެދުގައި އުފެދިފައިވާ ސިޔާސީ ދެބަސްވުންތައް ހައްލުކުރުމަށް، ފަރަންސޭސި ވިލާތުން އިސްނަގައިގެން މަސައްކަތް ފަށައިފި އެވެ.

ސައޫދީ އަރަބިއްޔާ އާއި ލުބުނާނާ ދެމެދުގައި އުފެދިފައިވާ ސިޔާސީ ދެބަސްވުންތައް ހައްލުކުރުމަށް، ފަރަންސޭސި ވިލާތުން އިސްނަގައިގެން މަސައްކަތް ފަށައިފި އެވެ.

ސައޫދީ އާއި ލުބުނާނާ ދެމެދު ޑިޕްލޮމެޓިކް ދެބަސްވުންތަކެއް އުފެދުނީ، ލުބުނާންގައި މިފަހުން އެކުލަވައިލި އާ ސަރުކާރުގެ އިންފޮމޭޝަން މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި ޖޯޖް ގަރްދާހީ، ޔަމަން ހަނގުރާމައާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކެއްގެ ސަބަބުންނެވެ.

ޓީވީ ޕްރެޒެންޓަރެއްގެ ގޮތުން އަރަބި ދުނިޔޭގައި ވަރަށް މަގުބޫލު ވެފައިވާ ޖޯޖް ގަރްދާހީ، "ޒުވާނުންގެ ޕާލެމެންޓް" ކިޔާ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ، ޔަމަންގެ ދާހިލީ ހަނގުރާމައިގައި ސައޫދީ އަރަބިއްޔާ އާއި އެމެރޭޓްސް ސިފައިން ބައިވެރިވެގެން ހިންގާ ކަންތަކަކީ އުދުވާނީ އަމަލުތަކެއް ކަމަށެވެ. އަދި އެއީ ބޭކާރު ހަނގުރާމައެއް ކަމަށާއި އެ ހަނގުރާމަ ވަގުތުން ހުއްޓާލަންޖެހޭ ކަމަށެވެ.

އޭނާ މި މޭރުމުން ވާހަކަ ދެއްކެވީ، ލުބުނާންގައި މިދިޔަ އޮކްޓޫބަރު މަހު އެކުލަވައިލި ކެބިނެޓަށް އޭނާ އައްޔަންކުރެއްވުމުގެ މަހެއްހާ ދުވަސް ކުރިން، މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. ނަމަވެސް ޔަމަންގެ ހަނގުރާމައިގައި ސައޫދީ އަރަބިއްޔާ އިން ގެންގުޅޭ ސިޔާސަތަށް ފާޑުވިދާޅުވާ ބޭފުޅަކު، ލުބުނާންގެ ސަރުކާރުގައި ހިމެނުމަކީ ސައޫދީން ނުރުހޭ ކަމަކަށް ވުމުން، އެ މައްސަލަ ބޮޑުކޮށް، ސައޫދީގައި ހުންނެވި ލުބުނާންގެ ސަފީރު ގައުމަށް ފޮނުވައިލި އެވެ.

ދެ ގައުމުގެ ގުޅުން ހީނަރުވެގެން ދިޔަ ނަމަވެސް، ޖޯޖް ގަރްދާހީ ހުންނެވީ މަގާމުން އިސްތިއުފާ ދެއްވާ ގޮތަކަށް ނޫނެވެ. އަދި މަގާމުން އިސްތިއުފާ ދެއްވަން، ލުބުނާންގެ ބޮޑުވަޒީރު ނަޖީބު މީގާތީ ވެސް، އޭނާއަކަށް ނާންގަވަ އެވެ.

ނަމަވެސް ދެ ގައުމުގެ ގުޅުން ރަނގަޅު ކުރުމަށް މަގުފަހިކުރުމަށްޓަކައި، ގަރްދާހީ އިސްތިއުފާ ދެއްވުމަށް ފަރަންސޭސި ރައީސް އިމަނުއެލް މެކްރޯން އެދިވަޑައިގަތުމުން، މިދިޔަ ހުކުރު ދުވަހު ގަރްދާހީ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ފަރަންސޭސި ރައީސް މެކްރޯން މެދުއިރުމައްޗަށް ކުރެއްވި ދަތުރުފުޅެއްގައި އިއްޔެ ސައޫދީ އަރަބިއްޔާ އަށް ވަޑައިގަތެވެ. ރައީސް މެކްރޯން އާއި ސައޫދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އިއްޔެ ވަނީ، ލުބުނާންގެ ބޮޑުވަޒީރު ނަޖީބު މީގާތީއާ ފޯނުން ގުޅުއްވައި، ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.

ފޯނުން ކުރި މަޝްވަރާތަކުގައި ސައޫދީ ވަލީ އަހުދު ވަނީ، ލުބުނާނާއި ސައޫދީއާ ދެމެދުގައި ކުރިން އޮތް ވިޔަފާރީގެ މުއާމަލާތްތައް އަލުން ފަށަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. ލުބުނާނަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތައް ހައްލުކުރުމުގައި ސައޫދީން އެހީތެރިވެދޭނެ ކަމަށް ވެސް ވަލީ އަހުދު ވިދާޅުވި އެވެ.

ސައޫދީން ފުރާވަޑައިގަންނަވަމުން ރައީސް މެކްރޯން ވިދާޅުވި ގޮތުގައި ލުބުނާންގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އަސާސީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ފަރަންސޭސި ވިލާތުން މަސައްކަތް ކުރާނީ ސައޫދީއާ ގުޅިގެންނެވެ.

މި މަޝްވަރާތަކަށް ފަހު ލުބުނާންގެ ބޮޑުވަޒީރު ނަޖީބު މީގާތީ ވިދާޅުވި ގޮތުގައި، ސައޫދީ ވަލީ އަހުދާ އެކުގައި ކުރެއްވި މަޝްވަރާތަކަކީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. އަދި ލުބުނާނަށް ސިޔާސީ އިސްލާހުތަކެއް ގެންނަވަން މަސައްކަތް ކުރައްވާނެ ކަމަށް މީގާތީ ވިދާޅުވި އެވެ.