Roadha Mihaaru
"ހައުސް އޮފް ގުޗީ"އަށް ދައުވާކޮށްފާނެކަމުގެ އިޝާރާތެއް

ރިޑްލީގެ "ހައުސް އޮފް ގުޗީ" އަށް ދައުވާ ކޮށްފާނެ ކަމުގެ އިޝާރާތެއް ގުޗީ އާއިލާ އިން ދީފި

01 ޑިސެމްބަރ 2021

އިޓަލީގެ މަޝްހޫރު ފެޝަން ކުންފުނި، ގުޗީ ނިސްބަތްވާ އާއިލާގެ ތެރޭގައި ހިނގާފައިވާ ބޮޑެތި ހާޖާނުތަކާއި ޖަރީމާތަކަށް ބިނާކޮށް މި ހަފުތާގައި ރިލީޒްކުރި ފިލްމު "ހައުސް އޮފް ގުޗީ" އަށް ފާޑުކިޔައި، އެ ފިލްމުގެ ޓީމަށް ދައުވާކޮށްފާނެ ކަމުގެ އިޝާރާތެއް ގުޗީ އާއިލާ އިން ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިޓަލީގެ މަޝްހޫރު ފެޝަން ކުންފުނި، ގުޗީ ނިސްބަތްވާ އާއިލާގެ ތެރޭގައި ހިނގާފައިވާ ބޮޑެތި ހާޖާނުތަކާއި ޖަރީމާތަކަށް ބިނާކޮށް މި ހަފުތާގައި ރިލީޒްކުރި ފިލްމު "ހައުސް އޮފް ގުޗީ" އަށް ފާޑުކިޔައި، އެ ފިލްމުގެ ޓީމަށް ދައުވާކޮށްފާނެ ކަމުގެ އިޝާރާތެއް ގުޗީ އާއިލާ އިން ދީފި އެވެ.

އެ އާއިލާ އިން ނެރުނު ބަޔާނެއްގައި ބުނީ ރިޑްލީ ސްކޮޓް ޑައިރެކްޓްކުރި ފިލްމުގައި އާއިލާގެ މީހުންނާއި އެ އާއިލާގެ ތެރޭގައި ހިނގާފައިވާ ކަމަށް ބުނާ ކަންކަން ގެނެސްދީފައި ވަނީ ހަގީގަތާ ފުށުއަރާ ގޮތަށް ކަމަށެވެ. އަދި މީގެ ސަބަބުން އާއިލާއަށާއި ގުޗީ ބްރޭންޑަށް ވެސް ނޭދެވޭ އަސަރު ކުރާނެ ކަމަށް ބުންޏެވެ.

އާއިލާގެ ބަޔާނުގައި ތުހުމަތުކޮށްފައިވާ ގޮތުގައި މި މަހުގެ 24 ގައި ރިލީޒްކުރި "ހައުސް އޮފް ގުޗީ" ހަދާފައި ވަނީ ސީދާ އެ އާއިލާގެ އަގު ވެއްޓޭ ގޮތަށް އަދި އެ މީހުންނަށް ނަފުރަތާއި ރުޅިވެރިކަން ވެސް ރައްދުވާ ގޮތަށެވެ. އަދި އެކަން އެގޮތަށް ކޮށްފައި ވަނީ ގަސްތުގައި ކަމަށާއި ހަގީގަތާ އެއްގޮތަށް ފިލްމު ގެނެސްދިނުގެ ނިޔަތެއް އޮތް ނަމަ، އާއިލާގެ ރުހުން ވެސް ހޯދައި އަދި ފެންނަން ހުރި ހަގީގަތްތަކަށް ބުރަވާނެ ކަމަށް ބުނެފައިވެ އެވެ.

އެހެންވެ "ހައުސް އޮފް ގުޗީ" އަކީ ގުޗި އާއިލާ އަށް ހުތުރު އަރުވަން ހަދާފައިވާ ފިލްމެއް ކަމަށް ބުނެ، އޭގެ ޓީމަށް ދައުވާކުރަން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ދީފައިވެ އެވެ. މި ފިލްމު ހެދުމުގެ މަސައްކަތް ކުރި ދުވަސްވަރު ވެސް ގުޗީ އާއިލާގެ ބައެއް މެމްބަރުން އެކަމަށް ފާޑު ކިޔާފައިވެ އެވެ. އަދި އެ ފިލްމަކީ ފައިސާތަކެއް ހޯދުމުގެ ދަހިވެތި ކަމުގައި އާއިލާއެއްގެ އައިޑެންޓިޓީ ވަގަށް ނަގަން ކުރާ މަސައްކަތެއް ކަމަށް ބުނެފައިވެ އެވެ.

މި ވާހަކަތަކަށް ރިޑްލީ މި މަހުގެ 22 ގައި ބީބީސީ ރޭޑިއޯ ދިން އިންޓަވިއުއެއްގައި ވެސް ރައްދު ދީފައިވެ އެވެ. އޭނާ ބުނީ "ހައުސް އޮފް ގުޗީ" ހަދާފައި ވަނީ އާންމުކޮށް އެންމެންނަށް ވެސް ފެންނަން ހުރި ހަގީގަތްތަކަށް ބިނާކޮށް ކަމަށާއި ގުޗީ އާއިލާ އަކީ ކޮން ބައެއްކަން އެއްވެސް ބަޔަކަށް އޮޅިފައި ނޯންނާނެ ކަމަށެވެ. އަދި އެ އާއިލާގެ ތެރޭގައި ހިންގި ގަތުލުތަކާއި ޓެކްހަށް މަކަރު ހެދުން ފަދަ ކަންކަމަކީ އެންމެންނަށް އެނގޭ ވެސް ހަގީގަތް ކަމަށް ރިޑްލީ ބުންޏެވެ.

ލިޔުންތެރިޔާ ސާރާ ގޭ ފޯޑެން ލިޔެފައިވާ "ދަ ހައުސް އޮފް ގުޗީ: އަ ސެންސޭޝަނަލް ސްޓޯރީ އޮފް މާޑާ، މޭޑްނެސް، ގްލެމާ، އެންޑް ގްރީޑް" އަސްލަކަށް ބަލައިގެން ހެދި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ބެކީ ޖޯންސްޓަނާއި ރޮބާޓޯ ބެންޓިވެންގާ އެވެ.

ފިލްމުގެ ކާސްޓަށް ބަލާ އިރު "ހައުސް އޮފް ގުޗީ" ގައި ގުޗީގެ ބާނީ އަލްޑޯ ގުޗީގެ ރޯލު ކުޅުނީ އަލް ޕަޗީނޯ އެވެ. މައުރީޒޯ ގުޗީ އަކީ އެޑަމް ޑްރައިވާ އެވެ. އޭނާގެ އަންހެނުން ޕެޓްރީޒިއާ ރެޖިއާނީ އަކީ ލޭޑީ ގާގާ އެވެ. ޕައޯލޯ ގުޗީ އަކީ ޖެރެޓް ލެޓޯ އެވެ.

އިތުރު ކާސްޓުންގެ ތެރޭގައި ސަލްމާން ހަޔޭކް، ޖެރެމީ އަޔަންސް އަދި ޖެކް ހަޒްޓަން ފަދަ ތަރިން ވެސް ހިމެނެ އެވެ.