Roadha Mihaaru
އަސްހަދަށް ޖޫރިމަނާއަކާއި ހަ މެޗުގެ ސަސްޕެންޝަނެއް

އަސްހަދަށް 12،000ރ. ގެ ޖޫރިމަނާއަކާއި ހަ މެޗުގެ ސަސްޕެންޝަނެއް

04 ޑިސެމްބަރ 2021

މިދިޔަ މަހު ސްރީ ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގައި ސީޝެލްސްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި ސީޝެލްސް ކުޅުންތެރިޔަކަށް ގަސްތުގައި އަނިޔާ ދިން މައްސަލައިގައި ގައުމީ ޓީމުގެ މިޑްފީލްޑާ އަސްހަދު އަލީ (އަޑުބަރޭ) ހަ މެޗަށް ސަސްޕެންޑްކޮށް 12،000ރ. އިން ޖޫރިމަނާކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިދިޔަ މަހު ސްރީ ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގައި ސީޝެލްސްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި ސީޝެލްސް ކުޅުންތެރިޔަކަށް ގަސްތުގައި އަނިޔާ ދިން މައްސަލައިގައި ގައުމީ ޓީމުގެ މިޑްފީލްޑާ އަސްހަދު އަލީ (އަޑުބަރޭ) ހަ މެޗަށް ސަސްޕެންޑްކޮށް 12،000ރ. އިން ޖޫރިމަނާކޮށްފި އެވެ.

އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީގެ ޗެއާމަން ވިދާޅުވީ މިގޮތަށް ނިންމައި އެކަން ތަންފީޒުކުރަން އެފްއޭއެމަށް އަންގާފައިވާ ކަމަށެވެ.

ކޮމިޓީގެ ނިންމުމުގައި ވަނީ ސީޝެލްސްގެ ކެޕްޓަން ސްޓީވް ބެނޯއީގެ ކަރުމަތީގައި އަސްހަދު ޖަހާފައި ވަނީ "ފްރަސްޓޭޓް" ވެގެން ކަމަށް ދިފާއުގައި އަސްހަދު ބުނެފައިވާ ކަމަށެވެ. ޑިސޕްލިނަރީ ކޮމިޓީން ބުނީ އެއީ ދިފާއެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

"ފްރަސްޓްރޭޓްވި" ސަބަބެއް ކަމަށް ކޮމިޓީގައި އަސްހަދު ބުނެފައި ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރަން ތައްޔާރު ވެގެން ބެންޗު ކައިރީގައި 15 މިނެޓް ހުންނަން ޖެހުމެވެ. އެގޮތަށް ހުންނަން ޖެހުމުން އެކަމުގެ ޝަކުވާ ކޯޗުން ކައރިރީގައި ވެސް ކުރި ކަމަށް ވަނީ ބުނެފަ އެވެ.

އެކަމާ ކޯޗުންގެ މާ ބޮޑު އަޅާލުމެއް ނެތް ކަމަށް އަސްހަދު ވަނީ ބުނެފަ އެވެ. އަދި ކޮންމެހެން މޮޅުވާން ޖެހިފައި އޮތް މެޗެއްގައި އެހާ ގިނައިރު ވަންދެން ހުންނަން ޖެހުމުން ފްރަސްޓޭޓްވީ ކަމަށް ބުންޏެވެ.

އަސްހަދު އަނިޔާ ދިން ސީޝެލްސްގެ ބެނޯއީ --- ފޮޓޯ: އެފްއެފްއެސްއެލް

އަސްހަދު އަނިޔާ ދިން ސީޝެލްސްގެ ބެނޯއީ --- ފޮޓޯ: އެފްއެފްއެސްއެލް

އަސްހަދު ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދަނޑަށް އެރީ މެޗުގެ އިތުރު ވަގުތުގެ ދެ ވަނަ މިނެޓްގަ އެވެ. އެހާ ލަހުން މެޗަށް އެރުވުމުން އުފެދުނު ފްރަސްޓޭޝަންގައި ހުއްޓައި ދަނޑަށް އެރި ތަނުން ސީޝެލްސްގެ ކުޅުންތެރިޔަކު އޭނާގެ ބޫޓު މައްޗަށް އަރައި ބޭއަދަބީ ބަހުން މުހާތަބު ކުރުމުން "އިތުރަށް ރުޅި އައީ" ކަމަށް އަސްހަދު ކޮމިޓީގައި ބުނެފައިވެ އެވެ.

"އެ ހުރިހާކަމަކާ ގުޅިގެން ގޮސް ސީޝެލްސްގެ ކުޅުންތެރިއާ އަށް ހަމަލާދެވުނީކަމަށް ކޮމިޓީގައި އޭނާ ބުނެފައިވެއެވެ." ޑިސިޕްލިނަރީ ކޮމިޓީން މައްސަލަ ނިންމި ގޮތުގެ ރިޕޯޓްގައިވެ އެވެ.

ޑިސިޕްލިނަރީ ކޮމިޓީގެ ނިންމުން

އިދިކޮޅު ކުޅުންތެރިއެއްގެ ހަށިގަނޑަށް ގެއްލުންވާ ފަދަ ހަމަލާއެއް ދީފައިވާތީ އާއި ގައުމީ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައިހުރެ ގައުމު ތަމްސީލުކުރި މެޗެއްގައި އެފަދަ އަމަލެއް ހިންގާފައިވާތީ، އަސްއަދު ހަ މެޗަށް ސަސްޕެންޑްކުރީ އެ މެޗުގައި ދެއްކި ރަތްކާޑުގެ ސަސްޕެންޝަން ހިމެނޭ ގޮތަށް ހަ މެޗަށެވެ.

އެފްއޭއެމްގެ ޑިސިޕްލިނަރީ ކޯޑުގެ 37 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާއިރު، މަދުވެގެން 2،000ރ. އިން ޖޫރިމަނާކުރަން ޖެހެ އެވެ. އަސްހަދު 12،000ރ. އިން ޖޫރިމަނާކުރީ އޭނާ ހިންގި އަމަލަށް ބަލައިފަ އެވެ.

އަސްހަދު ގައުމީ ޓީމުގެ މެޗެއްގައި --- ފޮޓޯ: އެފްއޭއެމް

އަސްހަދު ގައުމީ ޓީމުގެ މެޗެއްގައި --- ފޮޓޯ: އެފްއޭއެމް

ކެޕްޓަން ބޭންޑް އޭނާ އަތުން ނެގުމުން މާޗް 2018 ގައި ގައުމީ ޓީމުން ރިޓަޔާކުރި އަސްހަދު، އަލުން ގައުމީ ޓީމަށް ނެގީ މިދިޔަ ސާފް ޗެމްޕިއަންޝިޕްގައި ކޯޗްކޮށްދިން އަލީ ސުޒޭނެވެ. އަސްހަދު ޓީމަށް ނެގި ހިސާބުން ފެށިގެން ބައެއް މީހުން ދިޔައީ އެ ނިންމުމަށް ފާޑުކިޔަމުންނެވެ.

ގައުމީ ޓީމުގައި ގައުމު ތަމްސީލު ކުރުމުގެ ފުރުސަތު ދޭން ޖެހޭނީ އެ މީހެއްގެ ފަހަތުގައި ހުތުރު ނަމެއް ނެތް މީހަކަށް ކަމަށް ޝުއޫރުފާޅު ކުރި ބައެއް މީހުން ބުނެފައިވެ އެވެ. އަސްހަދުއާ މެދު ކަންބޮޑުވުންތައް އިތުރުވީ ޖިންސީ ފުރައްސާރަ އާއި ރޭޕްގެ ތުހުމަތު ކުރެވިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ރާއްޖެއިން ފުރުވާލުމުގައި އަސްހަދު ޖާމިނުވުމުންނެވެ. ކޯޓަށް ހާޒިރުވާން އަލީ އަށް ތަކުރާރުކޮށް އެންގުމުން ވެސް އޭނާ ދަނީ އެކަމާ ދެކޮޅު ހަދަމުންނެވެ. އެހެންވެ މި މައްސަލާގައި އަސްހަދަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ސެޕްޓެމްބަރު މަހު ހައި ކޯޓުން ވެސް ބުންޏެވެ.

އަސްހަދު ގައުމީ ޓީމާއެކު ލަންކާ އަށް ފުރުމުގެ ކުރިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އަސްހަދު ގައުމީ ޓީމާއެކު ލަންކާ އަށް ފުރުމުގެ ކުރިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސާފް ޗެމްޕިއަންޝިޕްގައި އަސްހަދު ކުޅެން އެރުވުމުން، އެ މުބާރާތުގައި ޓީމުގެ ހެޑް ކޯޗުގެ މަގާމު އަދާކުރި މިހާރުގެ އެސިސްޓެންޓް ކޯޗް އަލީ ސުޒޭނަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. އަސްހަދު ޓީމުގައި ހިމަނައިގެން ކުޅުވާތީ އެކަމުގައި އޮތް ކަންބޮޑުވުމަށް ރިއާޔަތް ކުރަންތޯ ސުވާލު ކުރުމުން ސުޒޭން ބުނެފައި ވަނީ ގާނޫނީ ގޮތުން ހުރަހެއް އޮތް އެއްވެސް ކުޅުންތެރިއެއް އޭނާގެ ސްކޮޑްގައި ނުހިމެނޭނެ ކަމަށެވެ.

މީގެ ކުރިން 2016 ވަނަ އަހަރު، ކުރީގެ ފަނޑިޔާރު އަބްދުލް ބާރީ ޔޫސުފްގެ ފޮޓޯއެއް އޭނާގެ ނުރުހުމުގައި އަސްހަދު ނެގި މައްސަލައިގައި އޭނާ ހައްޔަރުކޮށް 14 ދުވަހަށް ޖަލުގައި ބަންދު ކުރި އެވެ. އޭއެފްސީ ކަޕްގައި މާޒިޔާ ކުޅުނު މުހިންމު މެޗެއްގައި އެ ބަންދާ ހެދި އަސްހަދަށް ބައިވެރިއެއް ނުވެވުނެވެ.

އަހުލާގީ ގޮތުން ދަށު ދަރަޖައިގެ ކަންކަމުގައި އަސްހަދުގެ މައްސަލަތައް ތަކުރާރުކޮށް ފެންމަތިވަމުން އަންނަ އިރު ވެސް ގައުމީ ޓީމުގެ ދޮރު އޭނާ އަށް ބަންދުކުރަން ކެރުނު ކޯޗެއް ޔަަންކޭޒް ނޫނީ ނެތެވެ.