16 ނޮވެމްބަރ 2021
މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގައި މިއަދު ސީޝެލްސްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ރާއްޖޭގެ މިޑްފީލްޑަރު އަސްހަދު އަލީ (އަޑްބަރޭ) ބޭކާރު ފައުލެއްކޮށް ރަތް ކާޑު ހޯދުމުން ދިވެހިންގެ ރުޅިވެރިކަން ފާޅުކުރަން ފަށައިފި އެވެ.
މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގައި މިއަދު ސީޝެލްސްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ރާއްޖޭގެ މިޑްފީލްޑަރު އަސްހަދު އަލީ (އަޑްބަރޭ) ބޭކާރު ފައުލެއްކޮށް ރަތް ކާޑު ހޯދުމުން ދިވެހިންގެ ރުޅިވެރިކަން ފާޅުކުރަން ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި އަސްހަދަށް ފާޑުކިޔުން ބަނޑުންކޮށްލައިފި އެވެ. ރާއްޖެ އަށް ކާމިޔާބު ކުރެވޭނެ މުބާރާތެއްގައި ރާއްޖެ އަށް ނަތީޖާ ނުނެރެވުމުން އެފްއޭއެމް އާއި ގައުމީ ފުޓްބޯޅަ ޓީމަށާއި ވަކިވަކި ކުޅުންތެރިންނަށް އޮތް ފާޑުކިޔުން ބޮޑުވެއްޖެ އެވެ.
ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި މެޗުގެ 92 ވަނަ މިނިޓްގައި ކުޅެން އެރިތާ ދެ މިނެޓް ނުވަނީސް އަސްހަދު ވަނީ ސީޝެލްސްގެ ސްޓީވް ބެނޯއީ ކަރުމަތީގައި ފުންމައިގެން އަރައި އުޅަނބޮށިން ޖަހައިފަ އެވެ. ކުޅުމުން ބޭރުގައި އަސްހަދު ކުރި ނުރައްކާތެރި ފައުލުން ދިވެހިން ރުޅިގަދަ ކޮށްލައިފި އެވެ.
"ވަރަށް ވެސް ބޭކާރު އަމަލެއް. ވަރަށް ވެސް ޓީމަށް ގެއްލުން ހުރި އަމަލެއް. މުޅި ޓީމަށް ވެސް ހަޑި. މުޅި ގައުމަށް ވެސް ހަޑި ނަމެކޭ އަސްހަދުގެ ފަރާތުން މިފެނިގެން ދިޔައީ،" ޔެސް ޓީވީން ވަގުތުން ގެނެސްދެމުން ދިޔަ މެޗުގެ ކޮމަންޓްރީ ގެނެސްދިން ރިމާހް އަހްމަދު ބުންޏެވެ.
ޓީމުގެ ކެޕްޓަން ބޭންޑް އޭނާ އަތުން ނެގުމުން މާޗް 2018 ގައި ގައުމީ ޓީމުން ރިޓަޔާކުރި އަސްހަދު، އަލުން ގައުމީ ޓީމަށް ނެގީ ނިމިދިޔަ ސާފް ޗެމްޕިއަންޝިޕްގައި ކޯޗްކޮށްދިން އަލީ ސުޒޭނެވެ. އަސްހަދު ޓީމަށް ނެގި ހިސާބުން ފެށިގެން ބައެއް މީހުން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަސްހަދު ކުރި ފައުލުން ހާނިކަވި ކުޅުންތެރިޔާ
ގައުމީ ޓީމުގައި ގައުމު ތަމްސީލު ކުރުމުގެ ފުރުސަތު ދޭން ޖެހޭނީ އެ މީހެއްގެ ފަހަތުގައި ހުތުރު ނަމެއް ނެތް މީހަކަށް ކަމަށް ޝުއޫރުފާޅު ކުރި ބައެއް މީހުން ފާހަގަކޮށްފައިވެ އެވެ. އަސްހަދުއާ މެދު ކަންބޮޑުވުންތައް އުތުރި އެރީ ޖިންސީ ފުރައްސާރަ އާއި ރޭޕްގެ ތުހުމަތު ކުރެވިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ރާއްޖެއިން ފުރުވާލުމުގައި އަސްހަދު ޖާމިނުވުމުންނެވެ. ކޯޓަށް ހާޒިރުވާން އަލީ އަށް ތަކުރާރުކޮށް އެންގުމުން ވެސް އޭނާ ދަނީ އެކަމާ ދެކޮޅު ހަދަމުންނެވެ. ސެޕްޓެމްބަރު މަހު ހައި ކޯޓުން ވަނީ އަސްހަދު އަށް ފިޔަވަޅު އަޅަން ވެސް އަންގައިފަ އެވެ.
ސާފް ޗެމްޕިއަންޝިޕްގައި އަސްހަދު ކުޅެން އެރުވުމުން އެ މުބާރާތުގައި ޓީމުގެ ހެޑް ކޯޗުގެ މަގާމު އަދާކުރި މިހާރުގެ އެސިސްޓެންޓް ކޯޗް އަލީ ސުޒޭނަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. އަސްހަދު ޓީމުގައި ހިމަނައިގެން ކުޅުވާތީ އެކަމުގައި އޮތް ކަންބޮޑުވުމަށް ރިއާޔަތް ކުރަންތޯ ސުވާލު ކުރުމުން ސުޒޭން ބުނެފައި ވަނީ ގާނޫނީ ގޮތުން ހުރަހެއް އޮތް އެއްވެސް ކުޅުންތެރިއެއް އޭނާގެ ސްކޮޑްގައި ނުހިމެނޭނެ ކަމަށެވެ.
އަސްހަދު އާއި އަލީ ވަހިދު --- ފައިލް ފޮޓޯ
ކުރީގެ ކުޅުންތެރިޔަކު ބުނީ ގައުމީ ޓީމަށް ކުޅުންތެރިން ނެގުމުގައި އުސޫލުތަކެއް އޮންނަން ޖެހޭ ކަމަށެވެ. އޭނާ ބުނީ ގައުމީ ޓީމުގެ ޖޯޒީ ލައިގެން އަރާ ކުޅުންތެރިޔާގެ ހައިބަތެއް ހުންނަން ޖެހޭނެ ކަމަށެވެ.
"ގައުމީ ޓީމުގެ ޖޯޒީ އަކީ ކުޅޭކުޅޭ އެއްޗަކަށް ހަދައިގެން ނުވާނެ. އެ ޖޯޒީ ލާ ކުޅުންތެރިޔާ ވާން ޖެހޭނެ އާންމު ޑިސިޕްލިން މިންގަނޑު ތެރޭގައި ހުންނަ ކުޅުންތެރިޔަކަށް. ކްރައިޓީރިއާއެއް އޮންނަން ވާނެ. އެ ކްރައިޓީރިއާގައި އޮންނަން ވާނެ މިކަންކަން،" އޭނާ ބުންޏެވެ.
މިހާރުގެ ކޯޗް، ފްރެންޗެސްކޯ މޮރިއޭރޯ އަށް ލިބުނީ ސާފް ޗެމްޕިއަންޝިޕަށް ނެގި ސްކޮޑެވެ. އޭނާ ޓީމަށް އިތުރު ކުރީ ޒުވާން ކީޕަރު ޔޫސްފް މިއުސަމް އާއި ޔަޝްފާދު ހަބީބު (މުލަކޭ) އެވެ. މޮރިއެރޯ ވެސް ލަންކާ މުބާރާތަށް ދިޔައީ އަސްހަދު ގޮވައިގެންނެވެ. މުބާރާތަށް ޓީމު ފުރުމުގެ ކުރިން، ނައިބު ރައީސް ފައިސަލް ނަސީމް ގައުމީ ޓީމާ ބައްދަލު ކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ހަފުލާގައި ޔޫތު މިނިސްޓްރީ ތަމްސީލުކޮށް ވާހަކަ ދެއްކެވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ ހައިސިއްޔަތުން އަސްހަދެވެ.
ސްޓޭޓް މިނިސްޓަރުގެ ހައިސިއްޔަތުން އަޑުބަރޭ ޒުވާން ޓީމުގެ ކުޅުންތެރިންނާ ބައްދަލު ކުރަނީ --- ފައިލް ފޮޓޯ: އެފްއޭއެމް
ލަންކާގެ ބޮޑުވަޒީރު މަހިންދަ ރަޖަޕަކްސްގެ ނަންފުޅަށް ނިސްބަތްކޮށް ބާއްވާ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގަތުމުން މަރުހަބާ ކިޔަން ވަޑައިގެންނެވި ވަފުދުގައި އަސްހަދު ވެސް ހިމެނުނެވެ.
"ކުޅުންތެރިންގެ ހާޒިރުގައި އެއްތަނުގައި އޭނާ އެބަވޭ ކުޅުންތެރިންނާ މުހާތަބުކުރާ ސްޓޭޓް މިނިސްޓަރަކަށް. އަނެއް ތަނެއްގައި (ހަމަ ކުޅުންތެރިން ކުރިމަތީ) އޭނާ މިވަނީ ޓީމުގެ ހުރި އެންމެ ޑިސިޕްލިން ދަށް ކުޅުންތެރިޔާ އަށް،" މައްސަލައާ ބެހޭގޮތުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އަސްހަދު ކުރި ކަންތަކާ ބެހޭގޮތުން ޖަޖު ކުރާކަށް ނޫސްވެރިންގެ ކުރިމަތީގައި ގައުމީ ކޯޗް މޮރިއޭރޯ ބޭނުމެއް ނުވި އެވެ. އޭނާ ބުނީ އަކަމާ ބެހޭގޮތުން އަސްހަދުއާ ވާހަކަ ދައްކާނެ ކަމަށެވެ.
"އަޑޭ ފިޒިކަލީ ވެސް ރަނގަޅުވީމަ އަހަރެން ހިތަށް އެރި އޭނާގެ ބޭނުން އަހަންނަށް ހިފޭނެޔޭ. އޭނާ އެކުރި ކަންތަކާ ބެހޭގޮތުން އަހަންނަށް ގޮތެއް ނިންމަން އެނގޭނީ އެހެން ހެދީ ކީއްވެތޯ އޭނާއާ ސުވާލު ކުރުމަށް ފަހު،" މެޗަށް ފަހު މޮރިއޭރޯ ބުންޏެވެ.
އަސްހަދު ގައުމީ ޓީމުގެ ޕްރެސްއެއްގައި --- ފައިލް ފޮޓޯ
މުބާރާތުން ރާއްޖެ ކެޓުމުން ރުޅި އައިސްފައި ތިބި ދިވެހިންގެ ރުޅިވެރިކަން އިތުރަށް ގަަދަވީ އިދިކޮޅު ކުޅުންތެރިޔާގެ ކަރުމަތީގައި އައްސަދުގެ އުޅަނބޮށިން ވިހެލި ބޮނޑިންނެވެ. ދަނޑު ބޭރުގައި މީގެ ކުރިން އަސްހަދު ހިންގާފައިވާ ކަންކަމުގެ ސަބަބުން އޭނާ އަށް ފިޔަވަޅު އަޅާފައި ވެސް އެބަހުއްޓެވެ. ސާފް ޗެމްޕިއަންޝިޕް 2008 ގެ މުބާރާތަށް ޓްރޭނިން ކޭމްޕަށް ޓީމު މެލޭޝިއާ އަށް ފުރުމުގެ ކުރިން ޓިމުގެ އޭރުގެ ކިޓް މެނޭޖަރު ހުސައިން ނިޒާރު (ބޮޑޭ) ގެ ޕާސްޕޯޓް އަސްހަދު "ވަގަށް ނެގި" އެވެ. އެކަން ފަޅާ އެރުމުން އޭރުގެ ކޯޗް ޖޯސެފް ޔަންކޭޒް ވަނީ އަސްހަދު ވަގުތުން ޓީމުން ބޭރުކޮށްފަ އެވެ.
ކުރީގެ ފަނޑިޔާރު އަބްދުލް ބާރީ ޔޫސުފްގެ ފޮޓޯއެއް އަސްހަދު ނެގި މައްސަލައިގައި 2016 ގައި އޭނާ ހައްޔަރުކޮށް 14 ދުވަހަށް ޖަލުގައި ބަންދު ކުރި އެވެ. އެ ބަންދާ ގުޅިގެން އޭއެފްސީ ކަޕްގައި މާޒިޔާ ކުޅުނު މުހިންމު މެޗެއްގައި އަސްހަދަށް ބައިވެރިއެއް ނުވެވުނެވެ.
އަހްލާގީ ގޮތުން ދަށު ދަރަޖައިގެ ކަންކަމުގައި އަސްހަދުގެ މައްސަލަތައް ތަކުރާރުކޮށް ފެންމަތިވަމުން އަންނަ އިރު ވެސް ގައުމީ ޓީމުގެ ދޮރު އޭނާ އަށް ބަންދުކުރަން ކެރުނު ކޯޗެއް ޔަަންކޭޒް ނޫނީ ނެތެވެ.
ޕީއެސްޖީގެ އާޖެންޓީނާގެ ފޯވާޑް މައުރޯ އިކާޑީ މޮޅެވެ. ފޯވަޑަކު ކުރަން ޖެހޭ ކަންތައް ދަނޑުމަތީގައި އޭނާ ކުރެ އެވެ. އެކަމަކު އާޖެންޓީނާގެ ގައުމީ ޓީމުން އޭނާ އަށް ފުރުސަތު ނުދެނީ އަހްލާގީ ގޮތުން ގަބޫލު ނުކުރެވޭ ކަންކަން އޭނާއާ ގުޅުން އޮންނާތީ އެވެ. އެ އުސޫލު ރާއްޖޭގެ ގައުމީ ޓީމުތަކުގައި ވެސް އޮތުން މުހިންމެވެ.
އަސްހަދަށް ޖޫރިމަނާއަކާއި ހަ މެޗުގެ ސަސްޕެންޝަނެއް
އަސްހަދަށް ފިޔަވަޅު އަޅާނީ އޭއެފްސީ ނުވަތަ ފީފާ އިން
ކްލަބް ފުޓްބޯޅަ ކުޅުމުގައި އަޑުބަރޭ އަށް ހުރަހެއް ނެތް
ނާކާމިޔާބީ ދެނެގަންނަން ޓެކްނިކަލް ރިވިއުއެއް ބޭނުން
ދިގު މުއްދަތަކަށް އަސްހަދު ސަސްޕެންޑްކޮށްފާނެ
މުބާރާތް ކާމިޔާބުކުރި ރާއްޖޭގެ ފުރަތަމަ 11 ކޮބާ؟
މުބާރާތުގައި ދަސްކުރީ މީގެކުރިން ނުކުރާ ކަންތައްތަކެއް
ހުތުރު ކާޑަކާ އެކު ލަންކާ މުބާރާތުން ރާއްޖެ ކަޓައިފި
ކީޕަރު ނާޖީގެ ދިފާއުގައި ކެޕްޓަން އަކުރަމް ނުކުމެއްޖެ
އަހަރެމެންނަށް ވަގުތުދީ، ދިވެހި ޓީމު ބަދަލުކުރާނަން