16 ނޮވެމްބަރ 2021
ލަންކާގައި މިހާރު ކުރިއަށްދާ މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގައި ދިވެހި ޓީމުގެ ކުޅުންތެރިން ދަސްކުރީ މީގެ ކުރިން އެ ކުޅުންތެރިން ނުކުރާ ކަންތައްތަކެއް ކަމަށް ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.
ލަންކާގައި މިހާރު ކުރިއަށްދާ މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގައި ދިވެހި ޓީމުގެ ކުޅުންތެރިން ދަސްކުރީ މީގެ ކުރިން އެ ކުޅުންތެރިން ނުކުރާ ކަންތައްތަކެއް ކަމަށް ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.
ސީޝެލްސްއާ ދެކޮޅަށް މިއަދު ކުޅުނު މެޗުން މޮޅު ނުވެވުމުން ރާއްޖެ ވަނީ މުބާރާތުން ކަޓައިފަ އެވެ. މޮރިއޭރޯ ބުނީ މި މުބާރާތުން ގިނަ ކަންތައްތަކެއް ކުޅުންތެރިން ދަސްކޮށްފައިވާ ކަމަށެވެ.
އޭނާގެ ޓީމުގައި ހިމެނެނީ ނިސްބަތުން އުމުރުން ދޮށީ ކުޅުންތެރިން ކަމަށާއި މި މުބާރާތުގައި ވެސް އެ އެ އުމުރުގެ ކުޅުންތެރިން ދަސްކުރާނީތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން މޮރިއޭރޯ ބުނީ ދަސްކުރުމުގެ މާނައަކީ މީގެ ކުރިން ނުކުރާ ކަންތަތަކެއް ދަސް ކުރުން ކަމަށެވެ.
"އަހަރެން ދެކޭ ގޮތުގައި ކުޅުންތެރިން ދަސްކުރުމުގެ މާނައަކީ އާ ކަންތައްތަކެއް ދަސް ކުރުމޭ. ޓްރޭނިން ކުރުމުގަޔާއި ކުޅުމުގެ ސްޓައިލްގައި ވެސް މީގެ ކުރިން ކުޅުންތެރިން ކުޅެފައި ނެތް ސްޓައިލަކަށް ކުޅުމޭ،" މޮރިއޭރޯ ބުންޏެވެ.
ފްރެންޗެސްކޯ މޮރިއޭރޯ: އޭނާ ބުނީ ގިނަ ކަންތައްތަކެއް އޭނާ ވެސް ދަސްކުރިކަމަށް
މޮރިއޭރޯ ބުނިގޮތުގައި މި މުބާރާތުން އޭނާ އަށް ވެސް ދިވެހި ކުޅުންތެރިންގެ ކަންތައް އިތުރަށް ދެނެގަނެވުނެވެ. އެގޮތުން ކުޅުންތެރިން ދަސްކުރުމާއި ކުޅުންތެރިންގެ މައިންޑް ސެޓް ހުނަން ގޮތް އޭނާ އަށް ދެނެގަނެވިއްޖެ ކަމަށް މޮރިއޭރޯ ބުންޏެވެ. އޭނާ ބުނީ ރާއްޖޭގެ ޑޮމެސްޓިކް ސީޒަން ބަލައިގެން ގައުމީ ޓީމު އާ ކުރާނެ ކަމަށެވެ.
"މުބާރާތް މިއޮތީ ނިމިފައި. ދެން އޮތީ އާ ރޮނގެއް ހުރަސް ކުރުން. މާނައަކީ އެނބުރި ރާއްޖެ ގޮސް މި ޓީމަށް އާ ކުޅުންތެރިން ލައިގެން ބިނާ ކުރުން،" ސީޝެލްސްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ވާހަކަ ދައްކަމުން މޮރިއޭރޯ ބުންޏެވެ. "ކްލަބު ފުޓްބޯޅަ ބަލައިގެން އަހަރެންގެ އަމިއްލަ ޓީމެއް ކުޅުންތެރިންގެ ތެރެއިން އެކުލަވާލުން."
ދިވެހި ކުޅުންތެރިން މަޑުމަޑުން އޭނާގެ ސްޓައިލަށް ހޭނެމުން އަންނަ ކަމަށް މޮރިއޭރޯ ބުންޏެވެ. ޓީމު ބިނާ ކުރަން މުބާރާތުން ރަނގަޅު ތަޖުރިބާއެއް އޭނާ އަށް ވެސް ލިބިއްޖެ ކަމަށް މޮރިއޭރޯ ބުންޏެވެ.
ގައުމީ ޓީމުގެ ކޯޗް ފްރެންޗެސްކޯ މޮރިއޭރޯ: އޭނާ ބުނީ ނަތީޖާ ނުނެރެވުނީ ވަކިވަކި ކުޅުންތެރިންނަށް ހެދުނު ގޯސްތަކުން ކަމަށް --- ފޮޓޯ: އެފްއޭއެމް
"މިއީ ޓީމު ބިނާ ކުރުމުގެ މަސައްކަތް ފަށަން ލިބުނު ރަނގަޅު ތަޖުރިބާއެއް،" މޮރިއޭރޯ ބުންޏެވެ.
"މި މުބާރާތުން އަހަންނަށް ދަސްވީީ ތަފާތު ގޭމެއް. އެންމެ ރަނގަޅެއް ނޫން އެންމެ ގޯހެއް ވެސް ނޫން. ފިޒިކަލީ ވަރަށް ވަރުގަދަ. މިއީ އަހަންނަށް ލިބުނު ތަޖުރިބާއެއް. ކުޅުންތެރިން ދަނޑު މަތީގައި ތިބޭއިރު އެމީހުންގެ ވިސްނުން ދެނެގަންނަށް ވެސް އަހަންނަށް ވަރަށް ބޭނުންތެރި މުބާރާތަކަށްވީ. އެހެންވީމަ މި މުބާރާތުން އަހަންނަށް ވަރަށް ބޮޑު އެހީއަކަށް ވެއްޖެ. ކުރިމަގަށް ޓީމު ބިނާ ކުރާއިރު އަހަރެންގެ ތަޖުރިބާ ހިމަނައިގެން ކުރިއަށްދާން."
އެކަމަކު އޭނާ ބުނީ ރާއްޖެ އެއްވަރުވި ދެ މެޗާއި ބަލިވި މެޗުގައި ވެސް ފެނުނީ ވަކިވަކި ކުޅުންތެރިން ހެދި ގޯސްތައް ކަމަށާއި ޓީމެއްގެ ސިފައިގައި ހެދި ގޯސްތަކެއް ނެތް ކަމަށެވެ.
"ޓީމެއްގެ ގޮތުގައި ނުކުޅެވިގެނެއް ނޫން މެޗުތަކުން އެއްވަރުވެ ބަލިވީކީ. ރަނގަޅު ގޭމެއް އަހަރެމެން ކުޅުނު."
ޓީމުގެ މިޑްފީލްޑަރު އަސްހަދު އަލީ (އަޑޭ) ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެރިގޮތަށް ސީޝެލް ކުޅުންތެރިޔަކަށް ކުރި ވަރުގަދަ ފައުލާ ގުޅިގެން ރަތް ކާޑް ދައްކައި ދަނޑުން ފޮނުވާލި އެވެ. މޮރިއޭރޯ ބުނީ އޭނާ އަސްހަދު އެރުވީ ފިޒިކަލީ ރަނގަޅު ކުޅުންތެރިޔަކަށް ވުމުން ޓީމަށް އެހީވެދެވޭނެ ކަމަށް ބަލައިގެން ކަމަށެވެ. އަސްހަދު ކުރި ކަންތައް ޖަޖް ކުރާނީ އޭނާއާ ވާހަކަ ދެއްކުމަށް ފަހު ކަމަށް މޮރިއޭރޯ ބުންޏެވެ.
ނާކާމިޔާބީ ދެނެގަންނަން ޓެކްނިކަލް ރިވިއުއެއް ބޭނުން
އަހަރެމެންނަށް ވަގުތުދީ، ދިވެހި ޓީމު ބަދަލުކުރާނަން
ލަންކާ ދަނޑުގައި ރަނގަޅުވާނީ އުދުހިފައި އުޅުން: ކޯޗު
މޮރިއޭރޯއަށް ދެން އިތުރު ފުރުސަތެއް ނެތް
ނުގެނެވުނު އިޓަލީގެ މެންޓަލިޓީ، އެފްއޭއެމްގެ އިހުމާލު
އަހަރެންގެ ވެސް އެފްއޭގެ މައްސަލައެއް ވެސް ނެތް: ކޯޗް
ކްލަބްތަކުގެ މައްސަލަ އަޑިއަށް، ކޯޗަށް އަދަބު ދެނީ
މޮރިއޭރޯ އަށް ވެސް އެފްއޭމުން މުސާރައެއް ނުދޭ
ސާފަށް ދެކޯޗެއްގެ ތައްޔާރުވުން؛ މޮރިއޭރޯ އާއި އުރްބާނީ
ރާއްޖެ މެޗު އެނަލިސިސްއެއް؛ މިހާ ދަށް މެޗެއް ނުދެކެން