Roadha Mihaaru
ލަންކާ ދަނޑުގައި ރަނގަޅުވާނީ އުދުހިފައި އުޅުން: ކޯޗު

ލަންކާގެ ދަނޑުގައި އެންމެ ރަނގަޅުވާނީ އުދުހިފައި އުޅުން: ކޯޗު

12 ނޮވެމްބަރ 2021

ލަންކާގައި ކުރިއަށްދާ، މަހިންދަ ރާޖަޕަކަސް ޓްރޮފީ މުބާރާތުގައި މެޗުތައް ކުޅޭ ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގެ ދަނޑުގެ ހާލަތު ވަރަށް ގޯސް ކަމަށާއި އެ ދަނޑުގައި އެންމެ ރަނގަޅު ވާނީ އުދުހިފައި އުޅުން ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ މިއަދު ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ލަންކާގައި ކުރިއަށްދާ، މަހިންދަ ރާޖަޕަކަސް ޓްރޮފީ މުބާރާތުގައި މެޗުތައް ކުޅޭ ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގެ ދަނޑުގެ ހާލަތު ވަރަށް ގޯސް ކަމަށާއި އެ ދަނޑުގައި އެންމެ ރަނގަޅު ވާނީ އުދުހިފައި އުޅުން ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ މިއަދު ބުނެފި އެވެ.

"މިދަނޑުގައި އެންމެ ރަނގަޅު ވާނީ ހިނގާފައި ވެސް ނޫޅުން. އުދުހިފައި އުޅުނިއްޔާ އެންމެ ރަނގަޅު ވާނީ،" ދަނޑުގެ ހާލަތާ ބެހޭގޮތުން ރާއްޖޭގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ ދެއްކި ވާހަކަ އަށް އެއްޗެއް އިތުރުކޮށްލަން ބޭނުންވާ ކަމަށް ބުނެ މޮރިއޭރޯ ބުންޏެވެ.

"އަހަރެމެން ތައްޔާރު ވަނީ ވަރަށް ހަލުވި ގޭމެއް ކުޅެން. އަހަރެމެންގެ އަމާޒަކީ ވަރަށް ހައި އިންޓެންސިޓީގައި މެޗު ކުޅުން. ފުޓްބޯޅައިގައި ބަހަނާ ދެއްކޭކަށް ނޯންނާނާ. ދަނޑުގެ ހާލަތަކީ ބަހަނާއެއް ކަމަށް ދެއްކޭކަށް ނޯންނާނެ. ކުޅުންތެރިންނަށް އެކަން އެނގޭނެ. ފުޓްބޯޅައިގައި ބާރަށް ދުވެ ގިނައިން ދުވުނު ބަޔަކު މޮޅުވާނެ. މެޗުގައި ގޯސްތައް ވެސް ހެދޭނެ. އެހެންނޫން ނަމަ އަބަދުވެސް މެޗުތައް އޮންނާނީ 0-0 ގައި. އަހަރެމެންގެ ކުޅުންތެރިން ތިބީ ބަންގްލަދޭޝް މެޗާ ކުރިމަތިލާން ތައްޔާރަށް. އަހަރެމެންގެ ކުޅުންތެރިން 100 ޕަސެންޓް ދޭހާ ހިނދަކު އަހަންނަކަށް ނޯންނާނެ އެއްވެސް އެއްޗެއް ބުނެވޭކަށް. ނަތީޖާތައް ގޯސް ވަންޏާ ޒިންމާ ނަގަން މިހުރީ ތައްޔާރަށް."

ގައުމީ ފޯވާޑް އަލީ އަޝްފާގާއި ކޯޗް މޮރިއޭރޯ --- ފޮޓޯ: އެފްއޭއެމް

ގައުމީ ފޯވާޑް އަލީ އަޝްފާގާއި ކޯޗް މޮރިއޭރޯ --- ފޮޓޯ: އެފްއޭއެމް

ބަންގްލަދޭޝްއާ ދެކޮޅަށް މާދަމާ ކުޅޭ މެޗުގެ ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި މޮރިއޭރޯ އިތުރަށް ބުނީ ކުޅުންތެރިން ދަނީ ދުވަހަކަށް ވުރެ ދުވަހެއް ކުރިއެރުން ހޯދަމުން ކަމަށެވެ. ކުޅުންތެރިން ތިބީ ރަނގަޅު ރޫހެއްގައި ކަމަށް އޭނާ ބުންޏެވެ.

"ރީތި ގޭމެއް ކުޅެން ކުޅުންތެރިން އުންމީދު ކުރޭ," މޮރިއޭރޯ ބުންޏެވެ.

އެންމެ ފަހުން ލަންކާއާ ދެކޮޅަށް ކުޅުނު މެޗު ރާއްޖެއަށް މޮޅު ނުވެވުނީ، ހަތަރު ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ލަންކާއިން ފަހަތުން އަރައި ޖެހި ލަނޑުތަކުންނެވެ. މޮރިއޭރޯ ބުނީ އެއީ އުނދަގޫ މެޗެއް ކަމަށާއި އެ މެޗާ މެދު މިހާރު ވިސްނެން ނެތް ކަމަށެވެ.

މޮރިއޭރޯ ބުނީ ބަންގްލަދޭޝް ކުރިން ކުޅެފައިވާ މެޗުތައް އޭނާ ބަލާފައިވާ ކަމަށެވެ. އެކަމަކު ރާއްޖެއިން މެޗަށް ތައްޔާރު ވާނީ އިދިކޮޅުގައި ވަކި ޓީމެއް އޮވެގެން ނޫން ކަމަށާއި އިދިކޮޅު ޓީމަށް ދޭންވާ އިހުތިރާމް ދޭނެ ކަމަށެވެ.

ޓީމްގެ ޕްރެކްޓިހުގައި މޮރިއޭރޯ ކުޅުންތެރިންނަށް ކިޔައި ދެނީ --- ފޮޓޯ: އެފްއޭއެމް

ޓީމްގެ ޕްރެކްޓިހުގައި މޮރިއޭރޯ ކުޅުންތެރިންނަށް ކިޔައި ދެނީ --- ފޮޓޯ: އެފްއޭއެމް

މިދިޔަ މަހު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕަށް ބަންގްލަދޭޝް ނުކުތީ، އެ ގައުމުގެ ބަށުންދަރާ ކިންގްސްގެ ކޯޗް އޮސްކާ ބުރުޒޯން ބަރޭރަސްއާ އެކު އެވެ. އެކަމަކު ލަންކާ މުބާރާތަށް ބަންގްލަދޭޝްގެ ގައުމީ ޓީމަށް ކޯޗު ކޮށްދެނީ ޑާކާ އަބަހާނީގެ ކޯޗް މާރިއޯ ލެމޯސް އެވެ.

"ބަންގްލަދޭޝް މެޗުތައް ބެލިން. އެމީހުން މެޗު ކުޅެނީ ވަރަށް އޮގަނައިޒްކޮށް. މިހާރު ކޮންމެވެސް ވަރެއްގެ ބަދަލެއް ވަނީ އައިސްފައި،" މޮރިއޭރޯ ބުންޏެވެ. "އަހަރެން ބުނިހެން އަހަރެމެންގެ ޓީމު ދަނީ ކުރިއެރުން ހޯދަމުން."

ރާއްޖެ އާއި ބަންގްލަދޭޝް ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު ސްރީ ލަންކާގެ ގަޑިން 4 ޖާހާއިރު އެވެ. ރާއްޖޭ ގަޑިން ހަވީރު 3:30 ގަ އެވެ.