Roadha Mihaaru
ލޯކަލް މާރުކޭޓުގައި އަނެއްކާ ވެސް ބިދޭސީންގެ އުނދަގޫ

ލޯކަލް މާރުކޭޓުގައި އަނެއްކާ ވެސް ބިދޭސީންގެ އުނދަގޫ

26 ނޮވެމްބަރ 2021

ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބިދޭސީންގެ ނުފޫޒެވެ. މިހާރު ވެސް ގިނަ ގޮޅިތަކުގައި ވިޔަފާރި ކުރަނީ ބިދޭސީންނެވެ. މިއީ ސިޓީ ކައުންސިލުން ގޮޅިތައް ދޫކުރާ އެއްބަސްވުމާ ވެސް ހިލާފު ކަމެކެވެ. ނަމަވެސް މިކަމަށް މިއަދާ ހަމައަށް އެއްވެސް ހައްލެއް ނުލިބޭތީ އެތަނުގައި ވިޔަފާރި ކުރާ ދިވެހިން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މާރުކޭޓުގެ ގޮޅިތައް ހިންގާ ދިވެހިން މިކަމާ މެދު ކަންބޮޑުވަނީ އެ މީހުންގެ ވިޔަފާރިތަކަށް ބިދޭސީންގެ ސަބަބުން ނޭދެވޭ އަސަރު ކުރާތީ އެވެ. އެ މީހުން ބުނާ ގޮތުގައި މާރުކޭޓަށް ވިޔަފާރި ކުރަން ދާ ގިނަ މީހުންނަކީ ބިދޭސީންނަށްވާއިރު އެ މީހުން ވިޔަފާރި ކުރަނީ ހަމައެކަނި ބިދޭސީން ތިބޭ ގޮޅިތަކުންނެވެ. މީގެ ސަބަބުން ދިވެހިން ތިބޭ ގޮޅިތަކަށް ވަރަށް ބޮޑަށް ގެއްލުންވާ ކަމަށް ބުނެ އެވެ.

މާރުކޭޓުގެ ގޮޅިއެއްގައި ބިދޭސީއަކު: ބިދޭސީން އެކަނި ތިބެގެން ހިންގާަ ގޮޅިތައް ވެސް އެބަހުރި-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

މާރުކޭޓުގެ ގޮޅިއެއްގައި ބިދޭސީއަކު: ބިދޭސީން އެކަނި ތިބެގެން ހިންގާަ ގޮޅިތައް ވެސް އެބަހުރި-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

"މިހާރު"އާ ވާހަކަދެއްކި މީހަކު ބުނީ މާރުކޭޓުގެ ގޮޅިތައް މިދިޔަ އަހަރު އަލުން ދޫކުރަން ފެށިއިރު ބިދޭސީންގެ މައްސަލަ ވަރަށް ބޮޑަށް ހައްލުވި ކަމަށެވެ. ނަމަވެސް މާރުކޭޓުގައި ހުންނަ ސިޓީ ކައުންސިލް އޮފީހުން ފަރުވާ ކުޑަކުރުމުން އަނެއްކާވެސް އެ މައްސަލަ ބޮޑުވީ ކަމަށް އޭނާ ބުންޏެވެ.

"ރެސްޓޯރެންޓުތަކާއި ކުދި ފިހާރަތަކުން އެއްޗެހި ގަންނަން މިއަންނަނީ ބިދޭސީން. އެ މީހުން އައިސް ގަންނަނީ އެ މީހުންގެ ރައްޓެހިން އަތުން. އެ މީހުންނަށް ހާއްސަ ޑިސްކައުންޓު ވެސް ދޭކަމަށް ބުނޭ. މިހެން ހަދާތީ އަހަރުމެންގެ ވިޔަފާރި ވަރަށް ދަށް. ގަވާއިދާ އެއްގޮތަށް އަހަރުމެން ވިޔަފާރި މި ކުރަނީ. އެކަން ބަލައިގަނެ އަހަރުމެންނަށް މި ދަތިތަކުން ހައްލު ހޯދަން މަސައްކަތެއް ނުކުރޭ. ދެން އަހަރުމެން ވެސް ވީ ގަވާއިދާ ހިލާފަށް ބިދޭސީއަކު ލާން،" އޭނާ ބުންޏެވެ.

ބިދޭސީއަކު ގޮޅިއެއްގައި މަސައްކަތް ކުރަނީ: މިހާރު ބިދޭސީން ގޮޅިތައް ހިންގަނީ ގޮޅީގެ ބޭރުގައި ތިބެގެން-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ބިދޭސީއަކު ގޮޅިއެއްގައި މަސައްކަތް ކުރަނީ: މިހާރު ބިދޭސީން ގޮޅިތައް ހިންގަނީ ގޮޅީގެ ބޭރުގައި ތިބެގެން-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ގަވާއިދާ ހިލާފުވާ ގޮޅިތައް ސިޓީ ކައުންސިލުން އަތުލަ އެވެ. އެ ގޮޅިތަކަކީ ވަގުތީ ގޮތުން ވިޔަފާރި ކުރުން މަނާ ތަނެއް ކަން އަންގައިދޭ ގޮތަށް ވަނީ ބަންދު ވެސް ކޮށްފަ އެވެ. ނަމަވެސް މިގޮތަށް ބަންދު ކޮށްފައި ހުރި ގިނަ ގޮޅިތަކުން އަދިވެސް ވިޔަފާރި ކުރެ އެވެ. މި ގޮޅިތަކުގައި ތިބެނީ ވެސް ބިދޭސީންނެވެ.

މާރުކޭޓުގައި ހުންނަ ސިޓީ ކައުންސިލް އޮފީހުގެ މީހަކު ނަން ހާމަ ނުކުރުމަށް އެދި "މިހާރު"އަށް ބުނީ ދެ މާރުކޭޓުގައި ވެސް ވަރަށް ގިނަ މައްސަލަތައް އެބަހުރި ކަމަށެވެ. އަދި މައްސަލަ ހައްލު ނުކުރެވެނީ ސިޓީ ކައުންސިލްގެ ސަބަބުން ކަމަށާއި އެ އޮފީހަށް ފާހަގަވާ މައްސަލަތައް ސިޓީ ކައުންސިލަށް ހުށަހެޅުމުން ވެސް އެކަށީގެންވާ ފިޔަވަޅެއް ނާޅާ ކަމަށް އޭނާ ބުންޏެވެ.

"މިތާ ވަރަށް ގިނަ މައްސަލަތައް އެބަހުރި. އަޅުގަނޑުމެން ބަލާފައި ގަވާއިދާ ހިލާފުވާނަމަ އެކަން އަންގަނީ ކައުންސިލަށް. ކަައުންސިލުން ނައަންގަންޏާ އަޅުގަނޑުމެންނަށް އެކަމުގެ ކުރެވޭނެ ކަމެއް ނޯންނާނެ،" ސިޓީ ކައުންސިލްގެ މުވައްޒަފަކު ބުންޏެވެ.

"އެންމެ ފަހުން ވެސް އެންގީ ބިދޭސީންނަށް ނުތިބެވޭނީ ގޮޅީގެ އެެތެރޭގައި ކަމަށް. ބޭރުގައި ތިބެގެން އެހީވެވޭނެ ކަމަށް. އަޅުގަނޑުމެން ކޮންމެ ދުވަހަކު ގޮވަން ބިދޭސީން ނުބައިތިއްބަން. އެހެން ހަދާނަމަ ފިޔަވަޅު އަޅާނެ ކަމަށް. އެއީ އަޅުގަނޑުމެންނަށް އަދި ކުރެވެން އޮތް ކަމަކީ،"

ގަވާއިދާ ހިލާފުވެގެން ބަންދު ކޮށްފައި ހުރި ގޮޅިއެއްގައި ތަކެތި ވިއްކަން ބަހައްޓާފައި: މާރުކޭޓުގައި ވަރަށް ގިނަ މައްސަލަތައް އެބަހުރި ކަމަށް ސިޓީ ކައުންސިލްގެ މުވައްޒަފަކު ބުނި-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

މާރުކޭޓުގެ ގޮޅިތައް ހިންގާ ދިވެހިން ވެސް ބުނަނީ ކައުންސިލަށް މާރުކޭޓު ނުބެލެހެއްޓޭ ކަމަށެވެ. އަދި އެގޮތަށް ދާނަމަ ދިވެހިން ހިންގާ ގޮޅިތައް ހުއްޓާލަން ޖެހިދާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

"ކިހިނެއް މިކަން ހުއްޓުވާނީ. އިންސްޕެކްޝަނެއް ކުރަން އައުމުގެ ކުރިން އެކަން ސިޓީ ކައުންސިލްގެ އެތެރެއިން އޮންނަނީ އެނގިފައި. ނޭނގިތިއްބާ އައި ނަމަވެސް ސައެއް ދީ އެކަން ނިންމާލާނެ. މިކަން ވެސް ސިޔާސީ ބޭނުމަށް ކޮންމެ ފަހަރަކު އިންތިހާބަކާ ދިމާކޮށް ހައްލު ކުރާނަމޭ ކިޔަނީ. އިންތިހާބު ނިމުނީމަ އަޅާވެސް ނުލާނެ،" "މިހާރު"އާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މިކަމާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެކަން އަދި ހައްލުވާނެ ކަމަށެވެ. އަދި ހައްލު ކުރަން މިހާރު ވެސް މަސައްކަތް ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދި ހައްލު ވާނެ. މިހާރު ވެސް ވަރަށް މަސައްކަތް ކުރަން ހައްލު ކުރަން،" މުއިއްޒު ވިދާޅުވި އެވެ.

މިކަން ހައްލު ކުރުމަށް އަޅަމުން އަންނަ ފިޔަވަޅުތަކާ ގުޅޭގޮތުން ސުވާލުކުރުމުން އޭނާ ޖަވާބެއް ނުދެއްވި އެވެ. ލޯކަލް މާރުކޭޓުގައި ބިދޭސީން ތިބޭ މައްސަލަ އަކީ ދުވަހަކު ވެސް ހައްލުވި މައްސަލައެއް ނޫނެވެ. ދޭތެރެއަކުން ފުލުހުން ގޮސް، ބިދޭސީން ފައްސާލާ އިރަށް، ދުވަސްކޮޅެއް ފަހުން އެތަނަށް ހަމަ އެ މީހުން ގޮސް ވިޔަފާރި ފަށަ އެވެ.