Roadha Mihaaru
ބަލްގޭރިއާގައި ބަހެއްގައި ރޯވެ 45 މީހުން މަރުވެއްޖެ

ބަލްގޭރިއާގައި ބަހެއްގައި ރޯވެ 45 މީހުން މަރުވެއްޖެ

23 ނޮވެމްބަރ 2021

ބަލްގޭރިއާގެ ހުޅަނގު ސަރަހައްދެއްގެ ހައިވޭއަކުން ދަތުރުކުރި ބަހެއް އެކްސިޑެންޓްވެ އޭގައި ރޯވުމުގެ ސަބަބުން، މަދުވެގެން 45 މީހަކު މަރުވެ އިތުރު ހަތް މީހަކު ޒަހަމްތަކަކާ އެކު ސަލާމަތް ވެއްޖެ އެވެ.

ބަލްގޭރިއާގެ ހުޅަނގު ސަރަހައްދެއްގެ ހައިވޭއަކުން ދަތުރުކުރި ބަހެއް އެކްސިޑެންޓްވެ އޭގައި ރޯވުމުގެ ސަބަބުން، މަދުވެގެން 45 މީހަކު މަރުވެ އިތުރު ހަތް މީހަކު ޒަހަމްތަކަކާ އެކު ސަލާމަތް ވެއްޖެ އެވެ.

ބަލްގޭރިއާ ސަރުކާރުން ބުނި ގޮތުގައި މި ހާދިސާ ހިނގީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. ވެރިރަށް ސޯފިޔާ އިން ފުރައިގެން ދަތުރުކުރި ބަސް، ވެރިރަށާ 45 ކިލޯމީޓަރު ދުރުން ބާރު ދުވެލީގައި ދަތުރުކުރަނިކޮށް، ރޭ ދަންވަރު ދޭއްޖެހިއިރު އެކްސިޑެންޓްވީ ކީއްވެގެން ކަމެއް އަދި ޔަގީނެއް ނުކުރެވެ އެވެ.

އެ ގައުމުގެ ދާހިލީ ވުޒާރާ އިން ބުނި ގޮތުގައި، މިއީ އެ ގައުމުގެ ތާރީހުގައި ވެސް ހިނގި މި ބާވަތުގެ އެންމެ ނުރައްކާތެރި ހާދިސާ އެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި، އެ ބަހުގައި ދަތުރުކުރި 12 ކުޑަކުދިން ވެސް ހިމެނޭ ކަމަށް ސަރުކާރުން ބުނެ އެވެ.

ބަލްގޭރިއާ ސަރުކާރުން ބުނި ގޮތުގައި، ބަހުގައި ރޯވެ އަނދާފައިވާ އިރު އެ ހިސާބުގައި އިތުރު އުޅަނދެއް ނެތުމުން، ހާދިސާ ހިނގި ގޮތް މުޅިން ސާފެއް ނުވެ އެވެ. ނަމަވެސް ބަސް މަތަވެފައި އޮތީ މަގުގެ އަރިމަތީގައި ޖަހާފައިވާ ދަނގަޑު ރެއިލިންގައި ޖެހިފަ އެވެ.

އެހެންކަމުން ބަސް އެ ތަނުގައި ޖެހުމަށް ފަހު ރޯވީ ކަމެއް ނުވަތަ، ރޯވެގެން އަނދަމުން ގޮސް އެ ތަނުގައި ޖެހުނީކަން ޔަގީނެއް ނުވެ އެވެ. ބަހުން ސަލާމަތްވި ހަތް މީހުން ވެސް ސަލާމަތްވީ، ބަހުގެ ކުޑަދޮރުތައް ހަލާކުކޮށް ފުންމާލައިގެން އެ މީހުން އަމިއްލައަށް ކަމަށް ބަލްގޭރިއާ ފުލުހުން ބުންޏެވެ.

ހާދިސާ ހިނގި ސަރަހައްދު ބެލުމަށް ފަހު ފުލުހުން ބުނެފައިވާ ގޮތުގައި ބަސް އެކްސިޑެންޓްވި ކަމަށް ބޮޑަށް ބެލެވެނީ، ހައިވޭގެ ދެ ފަޅި ވަކިކުރުމަށް މެދުގައި ރާނާފައިވާ ގާފޮޅުގައި ޖެހިގެން ކަމަށް ބެލެވެ އެވެ.

އެކްސިޑެންޓްވެފައިވަނީ، ތުރުކީ ވިލާތުން ފުރައިގެން އުތުރު މެސެޑޯނިއާ އަށް ކުރި ދަތުރުގައި ބަލްގޭރިއާގެ ވެރިރަށް ސޯފިއާގައި މަޑުކުރުމަށް ފަހު، ދަތުރުގެ ބާކީ ބައި ފުރިހަމަ ކުރަނިކޮށެވެ.

ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެންނެވުމަށް ފަހު، ދާހިލީ ވަޒީރު ބޯއިކޯ ރަޝްކޯވް ވިދާޅުވީ ރޭގެ ހާދިސާގައި މަރުވި އެންމެންގެ ހަށިގަނޑުތައް ހުރީ ކާކުކަން ވަކިނުވާ ވަރަށް އަނދާފައި ކަމަށެވެ.

މި ހާދިސާގައި ފުރާނަ ސަލާމަތްވި ބައެއް މީހުންނާ ހަވާލާ ދެއްވައި، އުތުރު މެސެޑޯނިއާގެ ބޮޑުވަޒީރު ޒޮރަން ޒައޭވް ވިދާޅުވީ އެކަމެއް ހިނގި އިރު ބަހުގައި ތިބި އެންމެން ވެސް ތިބީ ނިދާފައި ކަމަށެވެ. އަދި އެންމެންނަށް ކުއްލިއަކަށް ހޭލެވުނީ ބާރުގަދަ ގޮވުމެއްގެ އަޑަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ބަހަކީ އުތުރު މެސެޑޯނިއާގައި ރަޖިސްޓްރީކޮށްފައިވާ ބަހެއް ކަމަށްވެފައި، އެ ބަސް ދަތުރުކުރީ ވެސް އުތުރު މެސެޑޯނިއާ އަށް ކަމަށްވާތީ، އެ ބަހުން ދަތުރުކުރި އެންމެންނަކީ ވެސް އެ ގައުމުގެ މީހުން ކަމަށް ބެލެވެ އެވެ.