Roadha Mihaaru
149 ކިލޯ ޑްރަގް މައްސަލަ ޕީޖީ މުރާޖައާކުރަން އެދެނީ

149 ކިލޯގެ ޑްރަގު މައްސަލަ އަލުން މުރާޖައާކުރަން ޕީޖީއަށް ލަފާ ދޭން ނިންމައިފި

23 ނޮވެމްބަރ 2021

ގދ. ހުޅުވާލުރުގައި 149 ކިލޯގެ ޑްރަގް ވަޅުލާފައި ހުއްޓާ ފެނުނު މައްސަލަ މުރާޖައާކޮށް އެ މައްސަލައިގައި އަލުން ދައުވާ ކުރުމާ މެދު ގޮތެއް ނިންމަން ފެންނަ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް އަށް ދަންނަވަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ގދ. ހުޅުވާލުރުގައި 149 ކިލޯގެ ޑްރަގް ވަޅުލާފައި ހުއްޓާ ފެނުނު މައްސަލަ މުރާޖައާކޮށް އެ މައްސަލައިގައި އަލުން ދައުވާ ކުރުމާ މެދު ގޮތެއް ނިންމަން ފެންނަ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް އަށް ދަންނަވަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

އޭޕްރީލް، 2019 ގައި ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ ފުލުހުން 149 ކިލޯގެ ޑްރަގް ހޯދި މައްސަލާގައި ފަސް މީހަކަށް ގދ. ގައްދޫ ކޯޓުގައި ދައުވާކުރި އެވެ. އެކަމަކު ހަތަރު މީހެއްގެ މައްސަލަ ކޯޓުން ބޭރުކޮށްލީ އެވެ. އެއީ މުއްދަތު ހަމަވި ފަހުން ދައުވާ ކުރުމުންނެވެ.

ތަހުގީގުގައި ފުލުހުން ހަދާފައި ހުރި ބޮޑެތި ގޯސްތަކެއް ވެސް ޕީޖިން ދެއްކި މި މައްސަލައިގައި އެ އޮފީހުން ނިންމީ މައްސަލަ ބޭރު ކުރި ހަތަރު މީހުންގެ ބައި ހައި ކޯޓުގައި އިސްތުއުނާފު ނުކުރާށެވެ.

އެކަމަކު މި މައްސަލަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ސަބް ކޮމިޓީއަކުން ދިރާސާކޮށް ނިންމީ އެއީ އަލުން މުރާޖައާކޮށް ދައުވާނުކޮށް ދޫކޮށްލާވަރުގެ މައްސަލައެއް ނޫން ކަަމަށެވެ. އެހެންވެ ކޮމިޓީގެ ރިޕޯޓް އެކުލަވާލީ އަލުން ފާސްކުރަން ޕީޖީއަށް ދެންނެވުމަށެވެ.

އެ ރިޕޯޓުގައި ވަނީ އެ މައްސަލަ ޕީޖީން އަލުން މުރާޖައާ ކުރަން ފެންނަ ކަމަށާއި ތަހުގީގުގައި ނުވަތަ ޝަރީއަތަށް އަލުން ހުށަހެޅުމަށް ފުރިހަމަ ކުރަން އޮތް ކަމެއް ފުރިހަމަ ކުރަން އަދި އަލުން ދައުވާކޮށް ކޯޓަށް ހުށަހެޅުމާ މެދު ގޮތެއް ކަނޑައެޅުމަށް ފެންނަ ކަމަށެވެ.

މިގޮތަށް ކޯޓުން ބޭރުކޮށްލާފައިވާ އެހެން މައްސަލަތަކުގެ ތެރެއިން އަލުން ކޯޓަށް ހުށަހެޅިފައި ނުވާ މައްސަލަތައް ވެސް އަލުން މުރާޖައާކޮށް އަލުން ދައުވާ ކުރުމާ މެދު ގޮތް ނިންމުމަށް ފެންނަ ކަމަށް ވެސް ރިޕޯޓުގައި ވެ އެވެ.

އޭގެ އިތުރުން، ތަހުގީގުގައި އުޅުނު ފުލުހުން އަމަލު ކުރި ގޮތް މިނިވަންކޮށް ބަލައި ގަސްތުގައި، އިހުމާލުން، ނުވަތަ ފަރުވާކުޑަމުން އިޖުރާއަތްތަކާ ހިލާފުވެފައިވޭތޯ ބަލައި އެއިން ގޮތަކަށް ހިލާފުވެފައިވާ ނަމަ ފިޔަވަޅު އެޅުމަށް ފެންނަ ކަމަށް ފުލުހުންނަށް ދެންނެވުމަށް ވެސް ރިޕޯޓުގައިވެ އެވެ. އަދި ޕީޖީ އޮފީހުގެ ވަކީލުން ވެސް ގަސްތުގައި، އިހުމާލުން، ނުވަތަ ފަރުވާކުޑަމުން އިޖުރާއަތަކާ ހިލާފުވެފައިވޭތޯ ބަލަން ކޮމިޓީން ނިންމި އެވެ.

ޕީޖީ އޮފީހުންނާއި ފުލުހުން އިޖުރާއަތާ އެއްގޮތަށް މައްސަލަތައް ފުރިހަމަ ކުރާކަން ޔަގީން ކުރަން ޕީޖީ އާއި ފުލުހުންގެ ތެރޭގައި އުސޫލުތަކެއް ގާއިމް ކުރުމަށް ފެންނަ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

މިއީ އަލުން ބެލޭނެ މައްސަލައެއް: ރިޕޯޓު

ޕީޖީ އޮފީހުން މި މައްސަލަ އެންމެ ފުރަތަމަ ހުށަހެޅީ ކްރިމިނަލް ކޯޓަށް ނަމަވެސް އެއީ ގައްދޫ ކޯޓުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ މައްސަަލައެއްކަން ކޮމިޓީގެ ނިންމުމުން ހާމަވި އެވެ. ޕީޖީން އެ މައްސަލަ ގައްދޫ ކޯޓަށް ހުށަހެޅި އިރު އޮތީ ދައުވާ ކުރުމުގެ މުއްދަތު ހަމަވެފަ އެވެ.

މައްސަލައިގެ ކުށް ސާބިތުވާތޯ ނުވަތަ ނޫންތޯ ނުނިންމައި ކޯޓުން ބޭރު ކުރާ މައްސަލަތަކުގައި ތަހުގީގު ފުރިހަމަކޮށް އަލުން ކޯޓަށް މައްސަލަ ހުށަހަޅައިގެން ކުރިއަށްގެންދިޔުމަކީ ބޭރުގެ އެހެން ގައުމުތަކުގައި ވެސް އަމަލު ކުރާ ގޮތެއް ކަމަށް އެ ރިޕޯޓުގައި ވެ އެވެ. އަދި ބޭރުގެ ގައުމުތަކުގައި އެފަދަ ގޮތްތަކަށް ނިންމާފައިވާ ކަމަށް ބުނާ މައްސަލަތައް ވެސް ފާހަގަ ކުރި އެވެ. އެއް ކުށެއްގައި ދެވަނަ ފަހަރު ދައުވާ ކުރެވިދާނެ ހަރުކަށި ހާލަތްތަކެއް ބޭރުގެ އެހެން ގައުމުތަކުގައި ވެސް ވާ ކަމަށް ކޮމިޓީ ރިޕޯޓުގައިވެ އެވެ. މިކަމުގައި ވެސް ބޭރުގެ ބައެއް ކޭސްތައް ފާހަގަކޮށްފައިވެ އެވެ.

ހުޅުވާރުލުގައި ވަޅުލާފައި ހުރި ޑްރަގް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަނީ -- ފޮޓޯ: ފުލުހުން

ހުޅުވާރުލުގައި ވަޅުލާފައި ހުރި ޑްރަގް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަނީ -- ފޮޓޯ: ފުލުހުން

ރާއްޖޭގެ ގާނޫނު އޮތް ގޮތުން ވެސް އެއީ ކުރެވިދާނެ ކަމެއް ކަމަށް ބުނެ ސުޕްރީމް ކޯޓުން ނިންމާފައިވާ ގަޒިއްޔާއަކާއި ހައި ކޯޓުން ނިންމާފައިވާ ގަޒިއްޔާއެއް ކޮމިޓީން ފާހަގަ ކުރި އެވެ. ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލައެއްގައިވާ އިޖުރާއީ ގޯސްތަކާ ބެހޭގޮތުން އޮތް ވާހަކަތަކާއި މުއްދަތު ހަމަވެގެން ބޭރު ކުރި މައްސަލައެއް ހައި ކޯޓުން ދަށު ކޯޓަށް ތަހުވީލު ކުރިކަން ވެސް ކޮމިޓީގެ ރިޕޯޓުގައި އޮތެވެ.

149 ކިލޯގެ ޑްރަގްސްގެ މި މައްސަލައަކީ އަދި އަމުދުން ޝަރީއަތް ހިންގައި ހެކި ވަޒަންކޮށް ކުށް ސާބިތު ނުވާ ކަމަށް ކަނޑައަޅައި ނިންމާފައިވާ މައްސަލައެއް ނޫން. އެހެންކަމުން އަލުން ދައުވާ ކުރުމުގެ ފުރުސަތު އޮތް މައްސަލައެއް: ކޮމިޓީ ރިޕޯޓު

"149 ކިލޯގެ ޑްރަގްސްގެ މި މައްސަލައަކީ އަދި އަމުދުން ޝަރީއަތް ހިންގައި ހެކި ވަޒަންކޮށް ކުށް ސާބިތު ނުވާ ކަމަށް ކަނޑައަޅައި ނިންމާފައިވާ މައްސަލައެއް ނޫން. އެހެންކަމުން އަލުން ދައުވާ ކުރުމުގެ ފުރުސަތު އޮތް މައްސަލައެއް،" ކޮމިޓީ ރިޕޯޓުގައިވެ އެވެ.

އެ ރިޕޯޓުގައި އިތުރަށް ބުނީ ތުހުމަތު ކުރެވޭ މީހުން އަމިއްލައަށް އެތެރެކޮށް ވަޅުލާފައި ހުއްޓާ އެ މީހުން ދެއްކި އެ ޑްރަގަކީ ކޯޓަށް ބަލައިގަނެވޭނެ ހެކި ނޫން ކަމަށެވެ. އަދި ތަހުގީގަކީ މުޅިން ބާތިލު ތަހުގީގެއް ނޫން ކަމަށެވެ.

ޖިނާއީ މިފަދަ ބޮޑު މައްސަލައެއްގައި އަލުން ދައުވާނުކޮށް ދޫކޮށްލައިގެން ނުވާނެ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.

ކޯޓު އަމުރާ ނުލައި ފުލުހުން ބަލައިފާސްކުރި ގެއަށް ފުލުހުން ވަނީ އިޒުނައާއެކު ކަމަށް ބުނާ އިރު އެއީ އިޒުނައާ ނުލައި ވަން ތަނެއް ކަމަށް ކުރިން ނުބުނާ ކަމަށެވެ. އަދި ފަހުން ވަކީލުން ނަގައިގެން ވެސް އެ މީހުން ބުނެފައި ވަނީ އިޒުނަ ދިންކަން އެނގޭ ލިޔުމެއް ނެތްކަން ކަމަށް ވެ އެވެ.

މި މައްސަލައާ ދިރާސާ ކުރި އިރު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓުގެ ވެރިޔާ އަހުމަދު ޝާކިރުގެ އިތުރުން ޕީޖީ ހުސެއިން ޝަމީމް ވެސް ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރި އެވެ.

ހުޅުވާރުލު އޮޕަރޭޝަނުގެ ތެރެއިން ފުލުހުން އިޖުރާއަތާ ހިލާފު އެތައް ކަމެއް ކުރި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ފަރާތުން ބުނެ އެވެ. އެގޮތުން ކޯޓު އަމުރަކާ ނުލައި ދެ ގެއެއް ބަލައި ފާސް ކުރުމާއި މީހުން ހައްޔަރުނުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ގެންގުޅުން ހިމެނެ އެވެ. ހައްޔަރުނުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ދެ މީހަކު 25 ގަޑިއިރު ގެންގުޅުނު އިރު އެހެން ދެ މީހަކު 19 ގަޑިއިރު ގެންގުޅުނެވެ.