Roadha Mihaaru
ޑްރަގާ ގުޅޭ ސިޔާސީ މީހުންނަށް އިމްރާންގެ އިންޒާރެއް!

ޑްރަގް ނެޓްވޯކުތަކާ ގުޅޭ ސިޔާސީ މީހުންގެ ތަފްސީލު މަޖިލީހަށް ގެންނާނަން: އިމްރާން

07 މާޗް 2023

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނާއި ގޭންގުތަކާ ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރެވޭ ސިޔާސީ ފަރާތްތަކުގެ ތަފްސީލު ރައްޔިތުންގެ މަޖިލީހަށް ގެންނަވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނާއި ގޭންގުތަކާ ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރެވޭ ސިޔާސީ ފަރާތްތަކުގެ ތަފްސީލު ރައްޔިތުންގެ މަޖިލީހަށް ގެންނަވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބައެއް މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ ސިޔާސީ ބައެއް ބޭފުޅުންނާއި ވިޔަފާރިންނާއި މުއައްސަސާތަކުގެ އިސްވެރިން، ބައެއް ޑްރަގް ނެޓްވޯކުތަކާ އޮންނަނީ ގުޅިފައި ކަމަށެވެ. އެ މީހުންގެ ނަންތައް މަޖިލީހާ ހިއްސާކުރައްވާނެ ކަމަށް ވިދާޅުވިއިރު، އިމްރާން މީގެ އަހަރެއްހާ ދުވަސް ކުރިން ވެސް މި ކަންބޮޑުވުމުގެ ވާހަކަ ދައްކަވާފައިވެ އެވެ.

ޑްރަގް ނައްތާލަން ފުލުހުން ދޫނިދޫގައި ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވެފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުން ނާޖައިޒު ފައިދާ ނަގަމުންދާ ވަކިވަކި ސިޔާސީ މީހުން އެބަތިބި ކަމަށެވެ. އޭރު ވެސް ކޮން ބައެއް ކަމެއް ވިދާޅެއް ނުވެ އެވެ.

އިމްރާން މިއަދު ވިދާޅުވީ ދައުލަތުގެ އެއްވެސް މީހަކު އެ ކަންކަމުގައި ބައިވެރިވާ ނަމަ ގައުމަށް ވަރަށް ބޮޑަށް ގެއްލުން ވާނެ ކަމަށާއި އެ ފަރާތްތަކާ އަރާ ހަމަ ކުރާ ދުވަހު ފަހަތަކަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

"ހުރިހާ ބޭފުޅުން ފެއަށް ޖެހިވަޑައިގަންނަވާ. މި އަޑު އެންމެން އައްސަވާނެ ކަމަށް ގަބޫލު ކުރަން. އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން. އެކަމަކު ހުރިހާ ބޭފުޅުން ފަހަތަށް ޖެހިވަޑައިގަންނަވަން ޖެހޭ." ޑްރަގާ ގުޅުން އޮންނަ ސިޔާސީ ފަރާތްތަކަށް އަމާޒު ކުރައްވައި އިމްރާން ވިދާޅުވި އެވެ.

އިމްރާންގެ މި ވާހަކަ އާ ގުޅިގެން ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޖަވާބުދާރީ ނުވެވޭ ފަރާތްތަކުގެ ވާހަކަ ދައްކަވާއިރު ސާފުކޮށް ނަން ހާމަ ކުރުމަށް މަޖިލީހުގެ ގަވައިދު ބާރު އަޅާ ކަމަށެވެ.

"ސިޔާސީ ބޭފުޅުން މިހެން ވިދާޅުވީމަ މި މަޖިލީހުގައި ތިބޭ ހުރިހާ ސިޔާސީ ބޭފުޅުންނަށް ވެސް ތުހުމަތު ކުރެވުނީ. އަދި ރާއްޖޭގައި ވިޔަފާރި ކުރާ ހުރިހާ ބޭފުޅުންނަށް ވެސް ތުހުމަތު ކުރެވުނީ." ނަޝީދު ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އެ ވާހަކަ އެގޮތަށް އޭނާ ދެންނެވީ ގައުމު ހިންގަވަން ތިބޭ ފަރާތްތަކުން އެކަމަށް ސަމާލުވެ ރައްކާތެރިވާން ޖެހޭނެ މިންވަރު ހާމަ ކުރުމަށްޓަކައި ކަމަށާއި އެ މައްސަލަތައް ނުނިމެނީސް ކަންކަން ހާމަ ކުރުމަކީ ރަނގަޅު ގޮތަކަށް ނުވާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

ނަމަވެސް އެ މައްސަލަތައް ބަލައި ހާމަވާ ހިސާބުން މަޖިލީހުގެ 241 ކޮމިޓީ އަށް އެ މައްސަލައިގެ ތަފްސީލުތައް ގެންނާނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

އިމްރާން މިހެން ވިދާޅުވި އިރު ޑްރަގްގެ ވިޔަފާރީގައި ހައްޔަރުކުރާ ބޮޑެތި މީހުންނަށް ލުއިތަކެއް ދީ ދޫކޮށްލާ މައްސަލާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަ އެވެ. އަދި ދާދި ފަހުން ރާއްޖެ އަށް ޑްރަގް އެތެރެ ކުރާ ފަރާތްތަކުގެ މައްސަލަ ނުބަލައި ޑިޕޯޓް ކުރެވޭ ގޮތަށް ގަވައިދު ބަދަލު ކުރި މައްސަލާގައި ވެސް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވި އެވެ.